-އަބްދުﷲ ޝަފީގް އަލި-
ރަމީޒުއަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. އަހަރެން ވާހަކަ ފެށީ އަހަރެންގެ ކުށުގެ ހަޔާތުންނެވެ. އޭގެ ފަހުން ރަމީޒަށް ކުރެވުނު ކަންތައްތަކެވެ. ރަމީޒަކީ އަހަރެން ހީކުރި ފަދަ ފިރިހެނެއްނޫނެވެ. އޭނަ ކެތްތެރިވިއެވެ. ހަލާލު އަނބިމީހާ ކައިވެނިން ބޭރުގައި ހިންގި ގުޅުންތަކުގެ ވާހަކަ އަޑުއަހަމުންދިޔައިރު އެ ލޮލުން އެންމެ ފަހަރަކުވެސް ކަރުނައެއް ނުހިކެއެވެ. އަހަރެންވެސް ހަމަ އެފަދައެވެ. އެންމެ ކަމެއް ފިޔަވައި އަހަރުމެން ދެމީހުންގެ ވަކިވުމުގެ ވާހަކަތައް ދިޔައީ ވަރަށް އޮމާންކޮށެވެ. އެއީ ރަމީޒަށް ކުށެއް ކުރެވުނު ކަމަކަށް އޭނަ އިއުތިރާފު
ނުވި މައްސަލައެވެ.
ރަމީޒު ކައިރިން ވަރިވެ އަހަރެން ދިރިއުޅުން ބަދަލުކުރީ މާލެއަށެވެ. ދަރިފުޅު
ގޮވައިގެން އާއިލާގެ އެހެން މެމްބަރަކާ އެކީ މާލޭގައި ކުއްޔަށް އުޅުމަކީ އުނދަގޫ
ކަމަކަށް ވިޔަސް އެގޮތް އަހަރެން ހިޔާރުކުރީ އެނޫން ގޮތެއް އެވަގުތަށް ނެތީމައެވެ.
މިނިވަން އަންހެނަކަށް ވުމުން އަހަރެންގެ ދިރިއުޅުން ކުރިއަށް ވުރެ ތަފާތުވިއެވެ. މޫނު
ބުރުގާ އާއި ކަޅު ހެދުމުގެ ބަދަލުގައި ޒަމާނީ ޝޯލް އާއި އެއާ ގުލޭ ހެދުންތައް ލާން
ފެށީމެވެ.
އަންހެނުންގެ ރީތި ކަމަކީ ކިހާ ބާރުގަދަ ސިހުރެއްކަން އެނގުނީ ދިރިއުޅުން
މާލެއަށް ބަދަލުވެ މިވީ ދުވަސްތަކުގެ ތެރޭގައެވެ. ވަޒީފާއަށް އެދި ސިޓީ ހުށައެޅި
ފުރަތަމަ އޮފީހުން އަހަންނަށް ވަޒީފާ ހަމަޖެހުނެވެ. ތައުލީމީ ހުރިހާ ޝަރުތެއް
ހަމަނުވިޔަސް އެހެން ހުރިހާ 'ޝަރުތެއް' ހަމަވެއެވެ. ވަޒީފާގެ އިތުރުން ދެން ލިބުނު
އަނެއް ހިތްހަމަ ޖެހުމަކީ ކުއްޔަށް ދިރިއުޅެމުން މިދާ ތަނުށް ކުލި ދައްކަން ނުޖެހޭ
ގޮތްވުމެވެ. މިކަން މިހެން ވާނެކަން ކުރިންވެސް އެނގެއެވެ. ގޭގެ ވެރިމީހާ ގިނަގިނައިން
އަހަރެން އުޅޭ ބަޔަށް އައުމާއި އަހަރެންގެ ރީތި ކަމަށް ތައުރީފުކުރުމަކީ ގޭގެ
ވެރިމީހާ ރައުފުގެ ކޮންމެ ދުވަހެއްގެ އާދައެވެ. ރައުފަކީ އުމުރުން ދުވަސްވީ،
އަހަރެން އުމުރުގެ ދަރިން ތިބި މީހެއްކަމަށް ވިޔަސް ބަލާލަން ހުތުރު މީހެއްނޫނެވެ.
އަނެއްކޮޅުން އަހަރެންނަކީ ވަކި މީހެއްގެ ހަޔާތަށް ދާއިމީކޮށް، ވަކިމީހެއްގެ
މިލްކެއް ކަމަށް ދެކިގެން އުޅޭހިތްވާ މީހެއްނޫނެވެ.
އަހަރެން މިހާރުމިއުޅެނީ ވަރަށް ތަފާތު ދިރިއުޅުމެއްގައެވެ. ބައެއް ކަންތައްތައް ކުރުމުގައި މަޖުބޫރީ ހާލަތޭ މިކިޔާ ކަންތައްތައް އެއީ ބަހަނާ އަކަށް ހަދަނީއެއްނޫނެވެ. އެކަމަކު މިހާރު މި ވޭތުކުރަނީ އެފަދަ ހަޔާތެކެވެ. އަހަރެން ހަޔާތުން
ރަހަބަލަމުންދާ ކޮންމެ މީހަކަށް ފެންނާނީ ތަފާތު ރަހައެކެވެ. އެކަމުގައި
އަހަންނަކީ ފިސާރު ކުޅަދާނަ އަންހެނަކެވެ.
ދިރިއުޅުމުގެ ތަފާތު ރަހަތަށް އަހަރެންވެސް ވަނީ
ތަޖުރިބާކޮށްފައެވެ.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ