- އަބްދުﷲ ޝަގީގް އަލީ -
މައިދައިތަގެ ޖެއްސުންކުރުންތަކާއި ޒުވާބުކުރުންތައް އެއްދުވަހުން އަނެއްދުވަހަށް ހުޅުފަޅައި
ރޯވެ އަދަމުންދާއިރުވެސް ރަމީޒްއަށް ކުރެވޭ
އެއްވެސް ކަމެއްނޯވެއެވެ. އޭނަ އަބަދުވެސް
ބުނެއެވެ. މަންމައަށް އަދި ވިސްނޭނެއެވެ. ކެތްކުރާށެވެ. އަހަރެން ދައްކާ އެއްވެސް
ވާހަކައެއް ގަބޫލެއް ނުކުރެއެވެ. އަހަރެންގެ ރަށަށް، އަހަރެން އާއިލާ ކައިރިއަށް ދިއުމަށް އެދުމުން
އެކަމާވެސް އިންކާރުކުރިއެވެ. އޭނަ ދާން
ބޭނުންނުވި ތާންގައި އަހަރެން އެކަނި ފޮނުވާކަށްވެސް
ބޭނުމެއްނުވިއެވެ. އޭރު އަހަރެންގެ ފުރަތަމަ ދަރިފުޅަށް ބަލިވެ އިނދެ އެއްމަސްފުރެން ކައިރިވަނީއެވެ. އެހެންކަމުން
އަލަތު ދަރިފުޅާއި އަހަރެންގެ މި
ބަލިވެއިނުމުގެ ތަފާތު ތަޖުރިބާ ކުރަމުންދާއިރު އެފަދަ މާހައުލެއްގައި ކެތްކުރަން އުނދަގޫވުމުން އިތުރު
ގޮތަކަށް ވިސްނަށްފެށީމެވެ. މި ކަންތައް
އަނެއް ދެ މީހުންގެ އަނބިންނާވެސް ވާހަކަދެއްކީމެވެ.
އެމީހުންގެވެސް ހިޔާލަކީ އަހަރެންނަށް ރަނގަޅުގޮތަކަށް ކަންތައްކުރުމަށެވެ.
އަހަރެންގެ އެންމެ ފަހުގެ ނިންމުމަކަށްވީ ފިލައިގެން ރަށަށް ދިއުމަށެވެ. އެރަށަކީ ގަވައިދުން މާލެއަށް ފެރީގެ ދަތުރުތައް އޮންނަ ރަށަކަށްވާތީވެ މާލެ ދިއުމަކީ އެއްވެސް ދަތިކަމެއްނޫނެވެ. އެކަމަކު އަހަރެންގެ ލޯބިވާ ފިރިމީހާ ދޫކޮށްލާފައި ދާންޖެހޭތީވެ އެކަމާ ވަރަށްބޮޑަށް ދެރަވިއެވެ. މަޑުމަޑުން ރަމީޒަށް ހިލަމެއް ނުވާނެހެން ދަތުރަށް ތައްޔާރުވީމެވެ. އަދި ޖެހިގެންއައި ހޮނިހިރު ދުވަހުގެ ފެރީއިން އަހަރެން މަންޒިލާ ދިމާއަށް ދަތުރުފެށީމެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް ހިތާދެކޮޅަށް ފެށި ދަތުރުގައި މާލޭގައި ދެދުވަހެއްވަރު މަޑުކޮށްލާފައި އަހަރެންގެ އުއްމީދީ މަންޒިލަށް ދިއުމުގެ މަގު ތަނަވަސްކޮށްދިނީ ބޭބެގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައެވެ. ރަށަށް ފުރަން ވެގެން ރަމީޒަށް ގުޅާފައި އަހަރެންނާ އެކު އައުމަށް އާދޭސްކުރީމެވެ. ނަމަވެސް އޭނަގެ ރުޅިގަނޑު އޭރުވެސް މަޑެއްނުވެއެވެ. އޭނައަށް ނޭންގި މިވަރުގެ ކަމެއްކުރީމައެވެ.
ރަށަށް އައުމުން މަންމައާއި އާއިލާއިން ކަރުނުން ފުރިގެންވާ މަރުހަބާއެއް ކިއެވެ. އެމީހުންނަށް ހީވީ އެތައް ދުވަހެއް ފަހުން އަހަރެން ފެނުނުހެންނެވެ. އަހަރެން ވަރަށް އުފާވިއެވެ. ގެއްލުނު މައިވަންތަކަމުގެ ލޯތްބާއި އާއިލާއާއި ރަހުމަތްތެރިންގެ އަޅާލުމެވެ. މިވީ ދުވަސްތަކުގައި ދިރިއުޅުމުން ގެއްލުނު އަގުބޮޑު ވަގުތުތަކެކެވެ. އަހަރެން ހީކުރީ ރަމީޒަށް ވިސްނިގެން އަހަރެން ކައިރިއަށް އަންނާނެކަމަށެވެ.
އަހަރެންނާއި ލިބެންއުޅޭ ދަރިފުޅަށްޓަކައި މިކޮޅުގައި މަދު ދުވަސްކޮޅެއް ނަމަވެސް ހޭދަކުރާނެކަމަށެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަރުމެން ދެމީހުން ފޯނުން ވާހަކަދައްކަމެވެ. ރަމީޒް އެދެނީ އަހަރެން އެނބުރި ދިއުމަށެވެ. އަހަރެންގެ އާދޭހަކީ ރަމީޒް މިކޮޅަށް އައުމަށެވެ.
އެންމެ ފަހުން ހަތިޔާރު ބަހައްޓަން މަޖުބޫރުވީ އަހަންނަށެވެ. ތިންމަސްދުވަސްވަންދެން ރަމީޒްއާއި ދުރުގަ އުޅުމަކީ ކެތްކުރެވޭނެކަމެއްނޫނެވެ. ހަމައެގޮތަށް ރަމީޒްގެ އާއިލާ ތެރޭގައި އުޅުމަކީ އަދި ވަކިން ދިލަގަދަ ވޭނެކެވެ.
ތިންމަސް ފަހުން އަނެއްކާވެސް އެނބުރި ރަމީޒްގެ ރަށަށް ދިއައީމެވެ. އަހަރެންގެ މައިންބަފައިން ރޮއި އާދޭސްކުރަމުންދިޔަ ހާލުގައެވެ. ވިހާ ގަދަވެ، އޭގެ ފަހުގައި ދިއުމަށް އެދެނިކޮށެވެ. އަހަރެން ބޭނުންވީ އަހަރެންގެ އަލަތު ދަރިފުޅު ވިހާއިރު އޭނަގެ ބައްޕަވެސް ކައިރީގަ ހުރުމަށެވެ. ހުރިހާގޮތަކުން ވިސްނާފަ އެންމެ ރަނގަޅުގޮތަކަށް ފެނުނީ ރަމީޒް ކައިރިއަށް ދިއުމެވެ.
އަހަރެން ދިއުމުން އެންމެން ވަރަށް ހޫނު މަރުހަބާއެއް ކިއެވެ. ހާއްސަކޮށް އަނެއް ދެމީހުންގެ އަނބިންނެވެ. ރަމީޒްވެސް ހުރީ ވަރަށް އުފާވެފައެވެ. އަހަރެން ބޮޑުވަމުންދާ ބަނޑުގައި އަތްކާތާލާފައި ދަރިފުޅާއޭ ގޮވާލައެވެ. އަހަރެންގެ މަސައްކަތްތައް ލުއިކޮށްދޭނެކަމަށާއި އަދި ފިހާރައިގައި ހޭދަކުރާ ވަގުތު މަދުކޮށް، އަހަރެންނާ އެކީ ގިނަވަގުތު އުޅޭނެކަމަށް ވައުދުވިއެވެ. ރަމީޒްގެ އެބަސްތަކުން ވަރަށް އުފާވިއެވެ. ކުރިންވެސް ހީކުރިގޮތަށް މައިދައިތަގެ ފަރާތުން އެއްވެސް ބަދަލެއް ފެންނާނެކަމަކަށް އުއްމީދެއް ނުކުރަމެވެ. ބަދަލެއް ނުވެސް އާދެއެވެ. މުސްކުޅި، ވަރުދެރަވެފައިވާ އެ އިންސާނާގެ އަނގަ، ކުރިއަށްވުރެވެސް ގަދަވިހެން ހީވިއެވެ.
(ނުނިމޭ).

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ