Sunday, November 27, 2011

ހަގީގީ ހާދިސާ: "ކުނިތަކުތެރޭގައި މަރުވެފައި އޮންނާނީ އަހަންނެވެ..." (1)


-އަބްދުﷲ ޝަފީގް އަލީ-
* ނޯޓް: މިއީ ކިއުންތެރިއަކަށް ދިމާވީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެވެ.


މީހުން ބުނެއެވެ. އަހަންނަށް ދުވަހަކުވެސް ދުނިޔޭގެ ވާނުވާއެއް ނޭންގޭނެއެވެ. ރަހުމަތްތެރިން ބުނެއެވެ، ތީ ކޮއްޓެއްގައި ގެންގުޅޭ ގުރައެއްހެއްޔެވެ. އަހަރެން ހީކުރަނީ އެމީހުން އަހަރެން ބޭރަށް ގެންދަން ދައްކާ ވާހަކައެއްކަމަށެވެ. އަހަރެން އަބަދުވެސް އުޅެނީ ގޭގައެވެ. ސްކޫލުގެ ހަލަބޮލި ކްލާސްތައް ނިމުމުން ގެއަށް އަންނަގޮތަށް ނިކުންނަނީ އަނެއްދުވަހުވެސް ސްކޫލަށްދާށެވެ. މިގޮތަށް ދިރިއުޅުން ހޭނުނީ އަހަރެންގެ އަމިއްލައަށް އެކަމަށް އެދިގެންނޫނެވެ. އަހަރެންގެ މައިންބަފައިން އެގޮތަށް ހޭނުވީމައެވެ. އަހަރެންނަކީ އެމީހުންގެ ހަމައެކަނި އަންހެންދަރިއެވެ. އެންމެ ހަގު ދަރިފުޅެވެ. އެމީހުން ލޯބިން މަރުވިޔަސް، ބިޒީ ދިރިއުޅުމުގެ ތެރެއިން އަހަންނަށް ވަގުތު ދެވެނީ ހަމައެކަނި ރޭގަނޑުއެވެ. ބައެއް ރޭރޭ އެމީހުން ނުފެނި ނިދަންވެސް ޖެހެއެވެ. ބޮޑު ގޭގައި އެކަނި ވަގުތުތައް ހޭދަކުރީ ކިހިނެތްބާވައޭ މިހާރު ހިތަށް އަރުވާލުމުން އަހަރެންގެ ކެތްތެރިކަމުގެ ހަގީގަތް ސިފަވެއެވެ.


އޯލެވެލް އިމްތިހާނުން ވަރަށް ރަނގަޅަށް ފާސްވެ އިތުރަށް ކިޔެވުމަށް ވުރެ އަހަރެން އިސްކަންދިނީ ވަޒީފާއަކަށެވެ. އެތައް ސަބަބުތަކެއްވެސް ހުރެގެންނެވެ. ކޮންމެވެސް ވަރަކަށް އަމިއްލަ ދިރިއުޅުމެއްގެ ރަހަ ބަލާލުމަށެވެ. އަމިއްލަފައިމައްޗަށް، އަމިއްލައަށް ތެދުވުމަށެވެ. ހީކުރިވަރަށްވުރެ އަވަހަށް އަހަންނަށް ވަޒީފާ ލިބުނެވެ. ސަރުކާރުގެ މުހިއްމު މުއައްސަސާއަކުންނެވެ. ވަޒީފާ ލިބުމުގައިވެސް އަހަރެންގެ ތެދުވެރިކަމާއި، އަހުލާގު ތައުލީމަށްވުރެ ގިނަ މާކްސް ލިބުނެވެ. އެންމެންވެސް ދަންނަގޮތުގައި އަހަންނަކީ މިޒަމަމާނުގެ ހަލަބޮލި އަންހެންކުދިންނަށް ހުރި މިސާލެކެވެ. މީހުންނަށް ނޭންގެނީ އަހަރެންގެ އެތެރެ ހަށީގައި ހިނގަމުންދާ ކަންތައްތަކެވެ. އަހަރެން އެކަމަކަށް ހިތްކިޔަމުން 'އިންޓްރަސްޓްވަމުން' ދާ ކަންތައްތަކެވެ. އެކަންތަކަށް ހިޔާލުކުރެވެމުން ހިތްޖެހެމުންދިޔަ ކަންތައްތަކެވެ. އަހަންނަކީ ރަހުމަތްތެރިންތަކެއް ނެތި، އަމުދުން ބެސްޓް ފްރެންޑެއްވެސް ގެންގުޅޭ މީހަކަށް ނުވާތި ހުރިހާ އެއްޗެއްވެސް އަހަރެން ގެންގުޅެނީ އަހަރެންގެ ހިތުގައެވެ.



އޮފީހަށް ވަނުމަށް ފަހު، ހިތުގެ މިސިއްރުތައް ފާޅުކުރާނެ ބައިވެރިއެއް ލިބުނެވެ. އިތުރު މައުލޫމާތު ހޯދާނެ މަދަދުގާރެއް ލިބުނެވެ. އެއީ އަހަރެންގެ ކޮމްޕިއުޓަރެވެ. އިންޓަނެޓްގެ ޒަރީއާއިން ކުރިން ހިޔާލަށް ގެނެސްގެން އުޅުނު އެ މައުލޫމަތުތައް ހައްދެއް ނެތި ލިބުނެވެ. ކުރިއަށްވުރެ އަހަރެންގެ ސިކުނޑި ހުޅުވުނެވެ. މައުލޫތު މުއްސަނދިވެ، ތާޒާވިއެވެ. އަހަރެންގެ ދުނިޔެ އަމާންވިއެވެ. ކުރިން ހިތަށްލައިގެން އުޅުނު ބޮޑުބުރަ ލުއިވިއެވެ. ހިތް ހަމަ ޖެހުނެވެ.



އެހިތްހަމަ ޖެހުން ދެމިއޮތީ ދުވަސްކޮޅަކަށެވެ. އަހަރެންގެ މަޑުމައިތިރި އަމާންދުނިޔެ ހަލަބޮލިކަމަށް ބަދަލުވީ އެދުވަހުއެވެ. އޮފީހުގެ އައިޓީ މުއައްޒަފެއްކަމަށްވާ އަދުހަމުގެ އެހީތެރިކަމަށް އެދެން ޖެހުނީ އަހަރެންގެ ކޮމްޕިއުޓަރަށް މައްސަލައެއް ދިމާވެގެންނެވެ. އެއް އޮފީހެއްގައި މަސައްކަތްކުރިޔަސް އަދުހަމަކީ އަހަރެންނާ އެހާ ގިނައިން ވާހަކަދައްކާ އުޅޭ މީހެއްނޫނެވެ. އޭނަގެ ސްޓައިލް ފަދަ ކުއްޖެއް ނޫންވީމާ ކަމަށްވެސް ވެދާނެއެވެ. ކޮމްޕިއުޓަރުގެ މައްސަލަ ހައްލުކުރުމަށް، އޭނަގެ އަތަށް ދޫކޮށްފަ ދެވުނީ ހަމައެކަނި ކޮމްޕިއުޓަރ އެކަންޏެއްނޫނެވެ. އަހަރެން އަމިއްލަ އެކްސްޓާނަލް ހާޑްޑްރައިވެސްމެއެވެ. ވިސްނާލުމެއްނެތި، ހަނދާނުން ކައްސާލައިގެން ވިޔަސް ވާން ހުރިގޮތް ވެ ނިމިއްޖެއެވެ. އަހަރެން ސައިބޮއިގެން އެނބުރި ސެކްޝަނަށް ވަތްއިރު އަދްހަމްގެ އަތުގައި އަހަރެންގެ ރަތްކުލައިގެ ހާޑްއޮތެވެ. ކުޑަކޮށް އެއްމިޔަކަނުން ހެވިފަ ހުރެގެން އަހަރެންނަށް ބުނެލީ އެންމެ ޖުމްލައެކެވެ. ބިރުވެރި ޖުމްލައެކެވެ. މީހުންނާ ވާހަކަދައްކާ، ކަންތައްތަކުގެ ކުގެ ހައްލު ނުދަންނަ އަހަރެންގެ ހިމޭނުން އޮންނަ ދޫ ހަރަކާތެއް ނުކުރިއެވެ. ދިފާއުގައި ދައްކާނެ ވާހަކައެއް، ހަދާނެ ދޮގެއް ސަލާމަތްވާނެ އުކުޅެއް ނޭންގުނެވެ


\"ސަނާގެ ހުރިހާ އެއްޗެއް މިހާރު ހުންނާނީ އަހަރެންގެ ކޮމްޕިއުޓަރަށް ސޭވްކޮށްފަ، މި ހާޑްގަ މިހުރި ހުރިހާ އެއްޗެއްވެސް.............ތީ ހާދަ އެހެން ކަހަލަ އަންހެންކުއްޖެކޭ ދޯ..."
ހާޑް ދިއްކޮށްލަމުން އެހެން ބުނެފަ ނިކުމެގެންދިޔައީއެވެ. އަހަރެން ގަނޑުވެފައި އެތައް އިރަކު އިނދެވުނެވެ. ބޮލުގައި ދެއަތް އަޅައިގެން އިނދެވުނީ ކިހާއިރަކުކަމެއްވެސް ނޭންގުނެވެ. ލޮލުން ކަރުނައެއްވެސް ނައެވެ. އަހަރެންގެ ޝުއޫރުތައް ބޭރުވެ ބޮލަށް ލުއިވާނެ އެއްކަމެއްވެސް ނުވިއެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ