Friday, November 4, 2011

ހަގީގީ ހާދިސާ: ރަހަތަފާތު (3)


-އަބްދުﷲ ޝަފީގް އަލީ- 



އަހަރެން ވިހެއުމުގެ ދުވަސް ކައިރިވަމުންދަނީއެވެ. ކުރިއަށް ވުރެ ހިނގާބިނގާވެ އުޅެން އުނދަގޫވިއެވެ. މިދުސްވަރު އަހަންނަށް އެންމެ ފާހަގަ ކުރެވުނީ ރަމީޒްގެ އުޅުމަށް އަންނަމުންދާ ބޮޑު ބަދަލުންނެވެ. ކުރިން ލަމުން ދިޔަ ޓީޝާޓާއި ޖިންސުގެ ބަދަލުގައި ފަޓްލޫނާއި ދިގު ސޯޓު ބުރިއަށް ބަދަލުކުރިއެވެ. މަތިމަސް ކުރުކޮށްލުމަށް ފަހު ތުނބުޅި ދިގުވާން ދޫކޮށްލިއެވެ. ކުރުތާ އާއި އަތްދިގު ގަމީސްތައް ލާން ފެށިއެވެ. މީ ހަމަ އެކަނި ރަމީޒްއަށް އެކަނި އައި ބަދަލެއްނޫނެވެ. އެ އާއިލާގެ އަނެއް ދެ ފިރިހެނުންނާ އެ މީހުންގެ ރައްޓެހިންނަށް ވެސް އެބަދަލު އައެވެ. ކުރީގައިވެސް ރަމީޒަކީ ގޯސް މީހެއްނޫނެވެ. އެއުމުރުގެ ޒުވާނަކާ ބަލާފަ ރަނގަޅު އުޅުމެއް ހުރި މީހެކެވެ. މިހާރުގެ މި އައި ބަދަލުން އަހަރެން އެންމެ އުފާވީ ނަމާދު ކުރުންވެސް ގިނަވީމައެވެ. އަހަރެންގެ ޅަ ސިކުނޑިއަށް އޭރު ނުވިސްނުނު ކަމަކީ އެއްކޮށް އަންނަމުން އެދަނީ ކޮން ބަދަލެއްކަމެވެ. ފަހުން އެނގުނު ގޮތުގައި އެއީ ސުންނަތަށް ތަބާވާ ބައެކޭ މީހަކު ބުނާތީ އެހީމެވެ. އަހަރެން މިކަމާ ސުވާލުކުރުމުން ފުރަތަމަވެސް ބުނީ ބުރުގާ އެޅުމަށެވެ. އަދި ދޫ ހެދުން ލުމަށްވެސް ބުންޏެވެ. އަހަރެންގެ ފިރިމީހާއަށް ކިޔަމަންތެރި ވުމުގެ ގޮތުން އެކަންތައްވެސް ކުރީމެވެ. އަހަރެންނާ ހަމަ އެއްދުވަސްވަރެއްގައި އަނެއް ދެ އަންހެނުންވެސް ބުރުގާ އެޅިއެވެ.


އަހަރެންގެ އަލަތު ދަރިފުޅު ދުނިޔެއަށް ނޭވާލީ ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ލޯބިލޯބި އަންހެން ކުއްޖެކެވެ. ހަމަ ސީދާ އަހަރެންގެ ފޮޓޯކޮޕީއެކެވެ. އެހާވެސް ދޮނެވެ. ހަމައެކަނި ތަފާތަކީ އިސްތަށިކޮޅެވެ. ރަމީޒްގެ ހުންނަ ކަހަލަ ބުޅި އިސްތަށިކޮޅެވެ. އެދުވަހު ފުރަތަމަ ފަހަރަށް މައިދައިތަ ލޯބިން ވާހަކަ ދެއްކިއެވެ. ދަރިފުޅުގެ ކަންތަކުގައި އެންމެ އަވަދިނެތި އުޅުނު އެކަކަކީ މައިދައިތައެވެ. އަހަރެންގެ މަންމައަށް ވެސް އެ އުފާވެރި ހަބަރު ދިނީމެވެ. ދަރިފުޅަށް ކިޔާނެ ނަމެއްވެސް ދިނީ މަންމައެވެ. މަންމަ އެންމެ ހިތްހަމަ ނުޖެހުނީ އަހަރެން ވިހެއުމަށް މާލެ އަށް ނުދިއުމުންނެވެ. ސިއްހީ މަރުކަޒެއްގައި ވިހާއިރު އެތަނުން ފަރުވާތެރި ނުވެދާނެތީ މަންމަ ހުރީ ކަންތައް ބޮޑުވެފައެވެ. ނަމަވެސް މިއީ ރަމީޒްގެ ނިންމުމެވެ. މިތަނަށްވެސް އަންނަން ޖެހުނީ އަންހެން ޑޮކްޓަރެއް ހުރީމައެވެ. އެހެންނޫންނަމަ އަހަރެން ވިއްސާނީ ގޭގައި ފޫޅުމައެއްގެ ބެލުމުގެ ދަށުން ކަމަށް ރަމީޒް ވަނީ ކުރިންވެސް ބުނެފައެވެ.

ދަރިފުޅު ބޮޑުވަމުން އައީ އަހަރުމެން ދެމީހުންގެ ވެސް ފުރިހަމަ ލޯތްބާއި އަޅާލުމާ އެކީގައެވެ. އަހަރެން ވަރަށް ބޮޑަށް ދަރިފުޅުގެ ކަންތަކުގައި އުޅެމެވެ. އަހަރެންގެ ހުރިހާވެސް މީހަކީ އެއީއެވެ.

އަހަރެންގެ ދިރިއުޅުމަށްވެސް ބޮޑު ބަދަލުތަކެއް ގެންނަން މަޖުބޫރުވިއެވެ. ހަމައެކަނި އަހަރެންނެއްނޫނެވެ. އަހަރުމެންނެވެ. ތިން މީހުންނަށްވެސް މޫނު ބުރުގާ އާއި ގަޔަށް ދޫ ކަޅު ހެދުންލާން މަޖުބޫރިކޮށްފިއެވެ. އެންމެ އާދައިގެ ފޮތިން ހެދުން ފަހަން ޖެހުނެވެ. ތެދަށް ބުނާނަމަ އަހަރެން ހުރީ މިއިން އެއްވެސް ކަމަކަށް ތައްޔާރުވެގެންނޫނެވެ. އެއަށްވުރެ ބޮޑު ހަގީގަތަކީ އެވަރުގެ އީމާންތެރިކަމެއް އަހަންނަށް ލިބިފައިނެތުމެވެ. ކުއްލިއަކަށް، ވާނުވާ ނޭންގި މިހުރިހާކަމެއް ކުރަން ޖެހުމެވެ. ކަމުގެ އެކޮޅު މިކޮޅު ބުނެ ނުދިނުމެވެ. އަހަރެން މޫނު ބުރުގާ އެޅީމެވެ. އަދި ގަޔަށް ދޫ ކަޅު ހެދުންވެސް ލާން ފެށީމެވެ. އަހަރެންގެ މުޅި ހަށިގަނޑު ހުރިހާ ލޯތަކަށް ފޮރުވީމެވެ. ރަމީޒް ވަރަށް އުފާވިއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކަށް އަހަރެން ފަރުދާ ކުރެވުނީމައެވެ. އަހަރެންގެ ކިޔަމަންތެރިކަމުންނެވެ. ރަމީޒްއަށް ނޭންގެނީއެވެ. އަހަރެންގެ ހިތް  އެވަރަށް ބަންދުނުވާ ކަމެވެ.

އަހަރުމެން ދިރިއުޅެމުން ދިޔައީ ފިރިން ބުނިގޮތެއް ހަދައިގެންނެވެ. ފިރިމިހާއަށް ކިޔަމަންވުމުގައި އަހަރުމެންނަކީ ނަމޫނާ ބަޔެކޭ ބުނެވިދާނެއެވެ. ދީނީގޮތުން ދިރިއުޅުމަށް އައި ބަދަލުތަކުގެ ވާހަކަ އެކަކު އަނެކަކާ މަޝްވަރާކޮށެއް ނުހަދަމެވެ. އަހަރެން ހީކުރީ އެމީހުންނަކީ އަހަންނަށްވުރެ އީމާންތެރިކަން ވަރުގަދަ ބަޔަކަށްވީތީ، އަހަރެން މިފަދަ ވާހަކައެއް ދެއްކުމުން ދެކޭނެ ގޮތެވެ. ނަމަވެސް އަހަރުމެން ތިންމީހުންގެ ޝުއޫރުތައް ބަންޑުންވެ، ކެތްތެރިކަން ކޮޅުންލާން މެދުވެރިވީ އާދައިގެ ސަބަބެއް މެދުވެރިވެގެންނޫނެވެ. އެއީ ކޮންމެ އަންހެނަކަށްވެސް ކެތްކުރަން ދަތި ވޭނަކަށް ވެދާނެއެވެ. ހަމަޔަގީނުންވެސް އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ކެތްކުރަންދަތި ވޭނެއެވެ.

އަހަރެންނަށް އެ ބިރުވެރި ހަބަރު ލިބުނީ އެންމެ ދޮށީ ފިރިހެންމީހާގެ އަނބިމީހާ، އަޒޫގެ ފަރާތުންނެވެ. އޭނަ މުޅި ދުވަހު ކޮޓަރިން ނުނިކުމެ އުޅުމުން އަހަރެން ހީކުރީ ބަލިވީ ކަމަށެވެ. އެހެންނޫނަސް މިހާރަކަށް އައިސް ކެއުމުގެ ވަގުތުތަކުގައި ނޫނީ އަހަރުމެން ބޭރަށްވެސް ނުނިކުންނަމެވެ. ދެދުވަސްވަންދެން އަޒޫ ބޭރަށް ނުނިކުތުމުން އަހަރެން ނިންމީ އެކޮޓަރިއަށް ވަދެ ހާލު ބަލާލުމަށެވެ. އަޒޫ ފެނުމުން އަހަރެންވެސް ދެރަވިއެވެ. އޭނަގެ ދެލޯ ހުރީ ރަތްވެފައެވެ. ވަރަށް ބޮޑު ހިތާމައެއްކުރާކަން ފުރަތަމަ ބަލާލުމުންވެސް އެނގިއްޖެއެވެ. އަހަރެން ވަނުމުން ދުވެފައި އައިސް ކޮނޑުގަ ބޯއަޅައިގެން އޮވެ، ގިސްލަގިސްލާފައި ރޯން ފެށިއެވެ. އަހަންނަށްވެސް ރޮވުނެވެ. އަހަރެމެން އެންމެންނަކީ ދައްތައިން ކަމަށް ދެކިގެން އެކަކު އަނެކަކު ގެ ހިތާމައިގައި ބައިވެރިވެގެން އުޅޭ ބަޔެކެވެ. އަޒޫގެ ހިތާމައިގަ ބައިވެރިވެ އޭނަގެ ހާލު ކިޔާދިނުމަށް އާދެސް ކުރީމެވެ. އޭނަގެ ޖަވާބަކީ މިހިތާމަ އުފުލަން ޖެހެނީ ހަމައެކަނި އަޒޫއެއްނޫން ކަމަށާއި އަހަރުމެން ތިން މީހުންވެސް އެއް ހާލަތަކަށް އަންނަނީކަމުގައެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ