Friday, February 18, 2022

test

ޚަބަރު ލިޔުން.
Read more »

Saturday, March 24, 2012

ތިޔަ ހިޔާލުގާ މަގޭ ހިތް – ކުދިކުދިވެގެން ދަނީއޭ... (7)

-އަބްދުﷲ ޝަފީގް އަލީ-

އެދުވަހުގެ ފަހުން އަހަރުމެން ދެމީހުން އެއްކޮށް އުޅުން އިތުރުވިއެވެ. ސީރިއަސް ލޯބީގެ ގުޅުމަށް ކިތަންމެ ތައްޔާރުވެފައި ނެތަސް ލިއުޝާއަކީ އެކުގައި އުޅެން އަރާމު އަންހެންކުއްޖެކެވެ. ހިތަށް ފިނިކަންދޭން އިނގޭ، މަޑުމައިތިރި، ކިޔަމަންތެރި ލޯތްބެއްވާން ދަންނަ އަންހެންކުއްޖެކެވެ. އަބަދުވެސް އަހަރެންގެ ހިތްހަމަޖެހުމަކީ ލިއުޝާގެ ހިތްހަމަ ޖެހުންކަމަށް ދެކިގެން މައްސަލަތަކާ ދުރުގައި ދިރިއުޅުމަށް ލޯބިކުރާ ހިތްގައިމު އަންހެންކުއްޖެކެވެ. ކިތަންމެ ބޭނުން ނުވިޔަސް މިފަދަ ކަންތައްތަކުން އަހަރެންގެ ހިތްވެސް މަޑުމަޑުން ލިއުޝާގެ މައްޗަށް ލެނބެމުން ދިޔައެވެ.

މިދުވަސްކޮޅުގެ ތެރޭގައި ބައްޕަ ބަލިވެ އުޅުމުގެ ސަބަބުން ކެފޭގައި އިތުރު ވަގުތު ހޭދަކުރަން ޖެހުނެވެ. ލިއުޝާއާއި އެކު ހޭދަކުރާ ވަގުތު ކިތަންމެ މަދުވިޔަސް، އަހަރުމެންގެ ގުޅުމުގެ އެންމެ ޅަފަތުގައިވި ދުވަސްކޮޅުވިޔަސް، މިކަމާ ލިއުޝާގެ ހިތްބަރުކަމެއްނެތެވެ. އޮފީހުން ލިބޭ ހުސްވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މުޅި ރޭނގަނޑު ކަހަލަ ގޮތަކަށް އުޅެން ޖެހެނީ ކެފޭގައެވެ. އަހަރެންނަކީ ކަސްޓަމަރުންނާ ގުޅުންބޮޑު، މިކަހަލަ ކަމެއްގައި ފިސާރި އުޅޭހިތްވާ މީހެކެވެ. އެހެންކަމުން ފޫހިކަމެއްނެތި ކެފޭގެ މަސައްކަތުގައި އުޅެނީ އަމިއްލަކަމެއްގެ އިތުރުން ހޮބީއެއްގެ ގޮތުގައެވެ.
"އެސްކިއުޒްމީ....އަދިވެސް އޯޑަރު ނާދޭ....އަވަސްކޮށްދީބަ...ސޭޓޫ......" އަންހެންކުއްޖެއްގެ ޝަކުވާގެ 'ތޫލި' އަޑަށް ސިއްސައިގެން ދިޔައެވެ. ކައުންޓަރުގައި ހިސާބުތައް ނިންމާލާ ގެއަށްދާން ތައްޔާރުވެލުމަށް އަތްމަތި އަވަސްކޮށްލައިގެން އިން މި ދަނޑިވަޅުގައި އަހަރެންގެ ސަމާލުކަން ކަސްޓަމަރެއްގެ ހިދުމަތަށް އެނބުރެން ޖެހުނެވެ. އެއަންހެން ކުއްޖާ ކައުންޓަރުކައިރިން ދުރަށްވެސް ނުގޮސް އަހަރެންގެ ޖަވާބުގައި މަޑުކޮށްގެން ހުއްޓެވެ.
"އިށީންނަވާ....ދެއްވާ ޓޭބަލް ނަމްބަރު" އަހަރެން އޯގާތެރިކަމާއެކު އޭނާ އާއި ސުވާލު ކުރީމެވެ. އަދި ކެފޭ ބަންދު ކުރާ ގަޑި ޖެހެން އުޅޭތީ ބަދިގެތެރެ ތަންކޮޅެއް ބިޒީވެދާނެކަމަށް ބުނެ، ކައުންޓަރުން ނިކުމެ އަހަރެންވެސް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އެކުއްޖާވެސް މޭޒު ނަމްބަރު ބުނެލުމަށް ފަހު ފަރި ހިނގުމެއްގައި ގޮސް ކެފޭ ތެރެއަށް ގެއްލުނެވެ.
ކޮފީތަށި ހިފައިގެން އަހަރެން މިސްރާބު ޖެހީ ދެންމެ ޝަކުވާ ކުރި ކަސްޓަމަރުގެ މޭޒަށެވެ. ހަތަރު އަންހެންކުދިންގެ އެ ގުރޫޕުގައި އެ އަންހެންކުއްޖާ ވަރަށް ޖޯޝުގައި ވާހަކަދައްކަމުން ދިޔައެވެ.
"ވާ...އު.، މިފަހަރު ސޭޓުގެ އަތުން ކޮފީ ލިބުނީ....ޔޫ އާ ސޯ ހޭންޑްސަމް..." ކޮފީތަށި ދިއްކޮށްލުމުން އެކުއްޖާ އަހަރެންނާ މުހާތަބްކޮށް ބުނެލިއެވެ. އަހަރެން ޝުކުރު އަދާކުރުމަށް ފަހު، ކައުންޓަރާ ދިމާއަށް ހިނގައިގަތްއިރުވެސް ލާނެއް ހިނިތުންވުމާ އެކު، އެ އަންހެއްކުއްޖާ އަހަރެންނަށް ތައުރީފުކުރަމުން ދިޔައެވެ. ހާދަ ލާނެތް އަންހެން ކުއްޖެކޭ ހިތަށް އެރިއެވެ.

ކެފޭ ބަންދުކުރާ ގަޑިޖެހުމުން، މަޑުމަޑުން ކަސްޓަމަރުން މަދުވަމުންގޮސް މުޅި ކެފޭ ހުސްވި ކަހަލައެވެ. އަހަރެންވެސް ކައުންޓަރުން ނިކުމެ، މޯޅިއަކަށް ދެމިލާ ސްޓްރެޗް ހަދާލީމެވެ. ދުވާލާއި ރޭގަނޑު މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑު ހުންނަނީ ވަރުބަލިކޮށްލާފައެވެ.
"ވަރަށް ޓަޔަޑް ވެފަ ދޯ....އެކަމަކު ތި ލޯ ވަރަށް ލޯބި.....، ހީވަނީ ޑްރަންކު ވެފަ ހުރި ހެން" ކުއްލިއަކަށް ސިއްސައިގެން ދިޔައީ އެއްކަލަ އަންހެންކުއްޖާގެ އަޑު ޖެހުމުންނެވެ. ފަހަތް ބަލާލިއިރު އަހަރެންނާ ވަރަށް ކައިރީގައި އެކުއްޖާ ހިނިތުންވެލައިގެން ހުއްޓެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ދެންވެސް ވާހަކަ ދެއްކީ އޭނައެވެ.
"އަހަރެން ނޭންގުނު ދޯ...އަސްލު އަހަރެންނަކީ ރެގިއުލަރ ކަސްޓަމަރެއް...ލައިކް، ކޮންމެ ރެއަކު ނާދެވުނަސް ޓައިމް ވީމަ މިތަނަށް މިއަންނަނީ...މީގެ ތިން ރޭ ވަރު ކުރިން ތީނަ ފެނުނީމަ ހިތަށް އެރީ މިރޭ ދާނީ ޖެއްސުންކޮށްލާފައޭ....އަސްލު ބޭނުމީ ވާހަކަދައްކާލަން..."
ޖެހިލުމެއްނެތި އެކުއްޖާ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެންނަކީ ކަސްޓަމަރުންނަށް ހިތްހެޔޮ މީހަކަށް ވިޔަސް، މިމައްސަލައިގައި ހިތްހެޔޮކޮށްލައިގެން މި އަންހެންކުއްޖާ އާއި ވާހަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. ފަހަރެއްގައި ވެފަ ހުރި ވަރުބަލިކަމާއި ލިއުޝާގެ ހިޔާލުގެ ސަބަބުންކަންނޭންގެއެވެ. އަހަރެން ހަމައެކަނި ތެންކިއު އަކުން ފުއްދާލުމަށް ފަހު ގެއަށްދާން ތައްޔާރުވެލީމެވެ. އަހަރެން އެނބުރުމުން އަނެއްކާވެސް ކުރިމައްޗަށް އައިސް އެކުއްޖާ ވާހަކަދައްކަން ފެށިއެވެ. "ގުޑްނައިޓް...މީ ރިޝްމީ،...ކޯލްމީ ރިޝް"
އެހެން ބުނެ ސަލާމްކުރަން އަތްދިއްކޮށްލިއެވެ. އަހަރެންވެސް އެއަތުގައި ހިފާ ސަލާމްކޮށްލީމެވެ. އެއަށްފަހު އޭނަ ފަރި ހިނގުމެއްގައި ކެފޭއިން ނިކުންނަން ހިގައިގަތެވެ. އަހަރެން ކުރިމަތިން މަޑު ހިނގުމެއްގައިދާ ރިޝްމީ އަށް ފުރަތަމަ ފަހަރަށް ބަލާލީމެވެ. ބުޅި އިސްތަށިގަނޑެކެވެ. ނިއުޅާލާފާ ހުރުމުން ބްރައުން ކުލައިގެ ޝޭޑަކުން އިސްތަށިގަނޑު ހައިލައިޓްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އުނަގަނޑާ ހަމައަށް ނުފޯރާ ޓޮޕުން ދޮން ހަށިގަނޑުގެ ބައެއް ފެންނަމުން ދިޔައިރު، ފޫކޮޅަށް ބާރު މިނީ ސްކާޓުން ބަލާކޮންމެ މީހަކަށް ދައުވަތުދޭ ކަހަލައެވެ. އަރައިގެން ހުރި ފައިވާނުގެ ތޫނު ކަށިން ކެފޭގެ ވެލިތަށް މުގުރަމުން، ހިތްބަލި މީހުންގެ ހިތްތައް ކުދިކުރަމުންދާ އުސޫލުން ދިޔަޔަސް އަހަރެންގެ ހިތާ ހަމައަށް އައުމަކީ ރިޝްމީ ކަހަލަ އަންހެނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއަށްވުރެ އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ރިޝްމީގެ ބޭރުފުށުން ފެންނަ އެ ސިފަތަކާ ހާސްބައި ތަފާތެވެ.

ގެއަށް ގޮސް ނިދުމުގެ ކުރިން ލިއުޝާއަށް ގުޅާލީމެވެ. މިއަދުގެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މިރޭ ދިމާވި ރިޝްމީގެ ވާހައެއް ނުދައްކަމެވެ. މަސްލަހަތަށް ބަލާފައެވެ. އެ ވާހަކަ ދައްކައިގެން ލިއުޝާގެ ހިތް، ޝައްކެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވީއެވެ. އެހެން ނޫނަސް އެއީ އެހާ މުހިއްމު ވާހަކައެއްވެސް ނޫނެވެ. އަހަރެންގެ ފަރާތުން އެވަރުގެ ސަމާލުކަމެއް ރިޝްމީއަކަށް ނުލިބޭނެއެވެ. ލިއުޝާ ވަރަށް ޝަކުވާ ކުރިއެވެ. ދިމާނުވާތީއެވެ. އަހަރެން ބުރަކޮށް މަސައްކަތްކުރާތީއެވެ. މާދަން ދިމާވާނެކަމަށް ބުނެފައި ފޯނު ބޭއްވީ ލިއުޝާ ފެނުމުގެ އުފާވެރި އިންތިޒާރެއް ކުރަމުންނެވެ.
(ނުނިމޭ).
Read more »

Saturday, March 3, 2012

"ތިޔަ ހިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ.." (6)

- އަބްދުﷲ ޝަފީގް އަލީ -
 
މުޅިން އާ ދުވަހަކަށް ބައްދަލުކުރީ އަހަރެންގެ ހަޔާތަށްވެސް ބޮޑު ބަދަލެއް ގެނުވާފައެވެ. ފާހާނާ ތެރޭގައި ފެނުން ފޯވަމުން، ގައިން ފައިބަމުންދާ ފެންތަކާއެކު ތެމިފޯވެފައިވާ ބެޑްޝީޓް ފައިބުޑުގައި ގުޅައަކަށް އޮތެވެ. ފެނުން ދޮވެ ފިލުވިޔަސް ލިއުޝާގެ އަގުބޮޑު އެ ހަނދާން ހިތުން ފިލުވާނީ ކިހިނެއްހެއްޔެވެ.

އޮފީހަށް ދެވުނުއިރު ވަރަށް ބޮޑަށް ގަޑިޖެހިއްޖެއެވެ. ކިތަންމެ ބަލިވެ އުޅުނަސް ހިނގާބިނގާވެ އުޅެވޭ ނަމަ އަބަދުވެސް އޮފީހަށްދަމެވެ. ކައުންޓަރުގައި ލިއުޝާ އެއްދިމާއަކަށް ގެއްލިފައި އިނެވެ. އަހަރެން ހުރަސްކޮށްލާފަ ދިއުމުން ބަލާވެސްނުލައެވެ. އަހަރެންވެސް އެހާބޮޑު ސަމާލުކަމެއްނުދެމެވެ. މިގުޅުން މިހިސާބަށް ގެންދާކަށް ބޭނުމެއްވެސްނޫނެވެ. ހާއްސަކޮށް އޮފިސްތެރޭގައި މިފަދަ ގުޅުމެއް އުފެދުމަކީ އަހަންނަށް އެހާ ހިތްހަމަޖެހޭ ކަމެއްނޫނެވެ.

މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ފޯން ރިންގުވާ އަޑު އިވެންފެށިއެވެ. ރިންގުޓޯނުން އެއީ އޮފީސް އެތެރޭގެ ކޯލެއްކަން އެނގުނެވެ. ކަންފަތުގައި ރަނގަޅަށް ފޯނު ނުޖެހެނީސް ލިއުޝާގެ އަޑު އިވުނެވެ. މަޑުމައިތިރި، މިލާމޯޅިވެފައިވާ އަޑަކުންނެވެ.

"
ހާދަ ބަދަލުވެއްޖޭ.....ހާލުވެސް އަހާނުލާނަންތަ،..ގެއަށް ދެވުނީމަ ވީގޮތެއްވެސް ނާހާނަން ދޯ"

"
ނޫން...އަދި އޮފީސް މަސައްކަތް ހަމަޔަކަށް އަޅުވާލާފަ ގުޅާލަންވެގެން މިއުޅެނީ" އަހަރެން ޖަވާބުދިނީމެވެ.

"
ތީ ހަމަ ފިރިހެނުންގެ ވައްތަރު....ބޭނުންވާ ކަންތައްވުމުން ދެން ތި ނިމުނީ...އަޅާނުލާ އަހަންނަށް ހެދުނު މިސްޓޭކެއް" ޖަވާބުދޭން އަނގަހުޅުވާލުމުގެ ކުރިން ފޯނު ބޭއްވިއަޑު އިވުނެވެ.

މުޅި ދުވަސްކަހަލަ ގޮތަކަށް ދިޔައީ ދެމީހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންނަށް ލިއުޝާގެ ކުރިމައްޗަށް އަރަންނުކެރުނީއެވެ. ހަގީގަތުގައި އަހަންނަށްވެސް މިސްޓޭކެއް ހެދުނީއެވެ. ލޯބީގެ ގުޅުމެއް ފެށުމުގެ ކުރިން ޖަޒުބާތާއި ޖިންސީ އެދުންވެރިކަން ކުރިއަށް ނެރެންވާނެހެއްޔެވެ. އަހަރެންނާ ދޭތެރޭ ދެކޭނީ ހުރިހާ މަލަކުން ފޮނިބޯ މާބުރެއްގެ އުސޫލުންނެވެ. އެ އުސޫލު ހިޔާރުކުރަން ޖެހުނަސް ލިއުޝާ ފަދަ ރަނގަޅުކުއްޖަކަށް، އެ ނިޔަތުގައި ވައިވެސް ނޭޅޭނަމެވެ.

ގެއަށްގޮސް ލިއުޝާއަށް ގުޅީމެވެ. އޭނަ ބޭނުންވީ އަހަރެންނާ ވީހާވެސް އަވަހަށް ބައްދަލުކުރުމަށެވެ. އަހަރެން އަވަސް އަވަހަށް ތައްޔާރުވެލައިގެން އެގޭ ކައިރިއަށް ގޮސް ގުޅީމެވެ. ލިއުޝާ އެދުނީ އެގެއަށް ވަނުމަށެވެ. ވަރަށް ހިތްވަރުކޮށްފައި ވަދެފީމެވެ. ނަސީބަކުން އެހާ ގިނަ ބަޔަކު ނޫޅެއެވެ. ލިއުޝާ ކޮބާތޯ އަހާލުމުން ކޮޓަރިއަކަށް އިޝާރާތްކޮށްލިއެވެ. ދޮރުހުޅުވާފައިވާ އެކޮޓަރި ދޮރުމައްޗަށް އެރުމުން އަހަރެންނަށް އެތެރެއަށް ވަނުމަށް އަތުން އިޝާރަތްކޮށްލިއެވެ. އަހަރެން އިށީނުމުން ކައިރިއަށް އައިސް ބައްދާލިއެވެ. އަދި ގިސްލާ ރޯން ފެށިއެވެ. ވަރަށް މަސައްކަތުން ލިއުޝާ ހަމައަކަށް އަޅުވާފައި ވީ ކީއްތޯ ސުވާލުކުރީމެވެ.

"
ކީއްވެ ތި ރޮނީ...ހަމަޖެހިބަލަ، ހުންވެސް އައިއްސަދޯ ތިހުރީ..." ލިއުޝާގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވުމުން ބުނީމެވެ.

"
އަހަރެން ބިރުގަންނަނީ...އަހަންނަށް....... މި ވާގޮތެއް ނޭންގެ.." ވަރަށް މަސައްކަތުން ޖަވާބުދިނެވެ.

ރޮއިރޮއި ރަތްވެފައިވާ ދެލޮލުން އަހަރެންނާ ދިމަ ބަލާލިއެވެ.
"
ޕްލީޒް...ޝާޑު ދެކެ ލޯބިވެވިއްޖެ...އަހަރެންނަށް ދެރަގޮތެއް ނުހަދާތި...." ލިއުޝާގެ އެ ޖުމްލަ ބުނެފައި އަހަރެންގެ ކައިރިން ދުރައް ޖެހިލިއެވެ. އަދި ބާލީހުން މޫނު ފޮރުވިއެވެ.
އަހަރެން ހަމްދަރުދީ ވާން ފެށިއެވެ. ނިކަމެތި، ލޯބިލޯބި އަންހެންކުއްޖެއް އެ ހާލުގައި އޮންނަން ދޫކޮށްލެވޭނެހެއްޔެވެ. އަހަރެން މަޑުމަޑުން ލިއުޝާގެ އަތުގައި ހިފާލީމެވެ. އަދި ދެރަގޮތެއް ނުހަދާނެކަމަށް ވައުދުވީމެވެ. އަބަދުވެސް ކައިރީގައި ހުންނަން ވައުދުވީމެވެ. އެރޭ ވަރަށް ގިނައިރުވަންދެން ވާހަކަދައްކަންތިބީމެވެ.
 އަހަންނަށް ކުރިން ނުވާ އުނދަގޫތަކެއް ވާ ކަމުގެ އިހްސާސްވިއެވެ. އަހަރުމެން ދެމީހުން ރަހުމަތްތެރިކަމުގައި އުޅުނުއިރު ހޭދަކުރި ވަގުތުތައް މާ ބޮޑަށްވެސް ހާއްސަކަމަށް އިހްސާސްވިއެވެ. ފަހަރެއްގައި ސީރިއަސް ގުޅުމަކަށް އަހަރެންގެ ހިތް ތައްޔާރުނުވަނީކަންނޭގެއެވެ.

(ނުނިމޭ).
Read more »

Sunday, January 15, 2012

"ތިޔަ ޚިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ...." (5)

- އަބްދުﷲ ޝަފީގް އަލީ - 



އަހަރުމެން ދެމީހުން މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ދިމާއެއްގައެވެ. މިއުޒކްގެ އަޑާއި، ދެ ޖިންސުގެ ޒުވާނުންގެ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ. ޝޯވ ގެ ފޯރި އިރަކަށްވުރެ އިރެއް ގަދަވަމުން ދިޔައެވެ. އަހަރެންވެސް ހުރީ މިއުޒިކްގެ ތެރެއަށް ރަނގަޅަށް ގެއްލިފައެވެ. މޫދު ލޮނުގަނޑުގެ ތެތްފިނި އިހުސާސްވަމުން ދިޔައިރު އަނެއް ފަރާތުގައި ހުރި ލިއުޝާގެ ނަޒަރުވެސް ހުއްޓިފައިހުރީ ސްޓޭޖަށެވެ. ބަލާބެލުމަށް ހާސްވެފަ ހުއްޓަސް އެއްވެސް ވާހަކައެއް ނުދައްކައެވެ.


 ޝޯވ ބަލަންތިބި މީހުން އެކިކޮޅުކޮޅަށް ދިއުމަށް ހަރަކާތްތައް އަވަސްވެއްޖެއެވެ. މަޑުމަޑުން ސްޓޭޖާ ދުރައްދާން ފަށައިފިއެވެ. ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް އުޑުމަތިން ފެންނަމުން ދިޔައެވެ. ކުރިން ދެމުންއައި ހަނދުވަރުގެ އަލިކަން ކެނޑި އުޑުމަތި ބަނަވެއްޖެއެވެ. ރަށުގެ ހުޅަނގުފަރާތު އުދަރެހުން އަރަމުން އައި ހާފުސްކޮޅުން މަޑުމަޑުން ހިމަފޮދު ވާރޭގެ ތިކިތަށް އަހަރުމެންނާ ހަމައަށްވެސް ފޯރައިފިއެވެ.

"ހިނގާ ހިޔާވެލަން..ތެމިދާނެ"
ލިއުޝާ އުޑުމަތި ބަލަމުން ބުންޏެވެ
"ނޫން..އަދި މިވަރަކުން ނުތެމޭނެ...އެހާ އަވަހަށް ފޯވާން ތީ ކަރުދާސްކޮޅެއްތަ،.."
އަހަރެން ޖަވާބު ދިނީމެވެ.

ލިއުޝާ ވަރަށް މާނައިން ފުރިގެންވާ ގޮތަކަށް އަހަންނަށް ބަލާލާފަ ހީލިއެވެ.
"މި ހިމަފޮދުވާރެއިން ނުތެމޭނެކަމެއް ކިހިނެތް އެނގޭނީ،..ކިތަންމެ ހިމަފޮދު ތިކިތަކެއްވިޔަސް ކޮންމެ އިރަކުވެސް ތެމިފޯވެދާނެ، އެކަމުގެ އިހްސާސެއްވެސް ނުވެ..ނޫނީ ވެދާނެ މިއީ ކުރިއަށް އަންނަންއޮތް ބޯވާރޭގެ ނިޝާނަކަށްވެސް"

"އާނ..ދޮގެއްވެސްނޫނޭ ދޯ..ހިނގާ ހިޔާވެލަން"
އަހަރެން ހިގައިގަންނަމުން ބުނީމެވެ.

ދެމީހުން އެއްގަމާ ދިމާއަށްހިގައިގަތްއިރުވެސް އެއްބަޔަކު ޝޯވ ފޯރީގަ ތިއްބެވެ. އަހަރުމެންފަދައިން ހިޔާވެލާނެތަނެއް ހޯދަން މިސްރާބު ޖަހާފައިވާ މީހުންތައްވެސް މަދެއްނޫނެވެ. މަޑުމަޑުން ހިނގަމުން ރަށުގެ ދެކުނު ފަރާތުގެ ފުނަ ގަސްތަކާ ހަމަޔަށް ދެވުނު އިރު، އެހިސާބުގައިވެސް މީހުން ވާރެއާ ހިޔާވުމަށާއި އެކިއެކި ވާހަކާގައި ތިއްބެވެ. އެމީހުންނަށް އުނދަގޫވެދާނެތީ އަހަރުމެން މިސްރާބު ޖެހީ ހޭޅިފަށުގައި ހުރި މަގޫގަސްތަކާ ދިމާއަށެވެ. އަހަރެންނާ އެއްވަރަށް ލިއުޝާވެސް ހިނގަމުންއައެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ.

އަހަރުމެން އިށީނީ ތަންކޮޅެއް ބޯކޮށް ހެދިފައިވާ މަގޫގަސްތަކެއްގެ ދަށުގައެވެ. ގޮނޑުދޮށަށް ކަނޑާލާފައިވާ ގުންޑޮޅިގަނޑުން ކިތަންމެ ރަނގަޅަކަށްވެސް އެތަނުގައި އިށީންދެވޭ ވަރުވެއެވެ.. ލިއުޝާވެސް އަހަރެންނާ ޖެހިގެން އިށީންދެލައިގެން ކުރިމަތީއޮތް މޫދަށް ނަޒަރުހުއްޓާލިއެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ލިއުޝާގެ ފުން ދެލޮލަށެވެ. ކަންބޮޑުވެފައިވާ މޫނަށެވެ. އަހަރެން އަދި މިހާކައިރިން ލިއުޝާއަށް މިގޮތަކަށް ނުބަލަމެވެ. މިވަގުތާއި ހާލަތުގެ ގޮތުން އަހަރެންނަށް ލިއުޝާ ފެންގޮތް ތަފާތުވަނީކަންނޭނގެއެވެ. ހަމަގައިމުވެސް އަހަރެންގެ ނަފްސު ފުރަތަމަ ފަހަރަށް އަހަރެންގެ އިހުތިޔާރުން ބޭރުވިއެވެ.

މަޑުމަޑުން ލިއުޝާގެ ފުރަގަހުން ކޮނޑުގައި ހިފާ އަހަރެންގެ ކޮނޑާ ކައިރިކޮށްލީމެވެ. އޭރުވެސް އަހަރެންގެ މޫނަކަށް ލިއުޝާ ނުބަލައެވެ. އެގޮތަށް އިނދެ އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެން އެތަނުގައި އޮށޯވެލީމެވެ. ލިއުޝާގެނެސް އަހަރެންގެ މޭމަތީ ބާއްވާލީމެވެ. ވަރަށް ލޯބިން އަހަރެންގެ މޭގައި ބޯއަޅާލިއެވެ. އަރާމު ތަންމައްޗަކަށް އިންތިޒާރުކުރަމުންއައި ކުޑަ ކުއްޖެއް ފަދައިންނެވެ. އަހަރެންގެ މޭގައި ބޯއަޅާލައިގެން އޮވެ މަޑުމަޑުން ލޯމަރާލިއެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރޭހުއްޓާލައިފިއެވެ. ލޯންޗުތަކުގެ އިންޖީނުގެ އަޑުން ފުރާ ގަޑިޖެހިއްޖެކަން ހަނދާންކޮށްދިނެވެ. ގަޑިބަލާލުމަށްފަހު ކުއްލިއަކަށް ދެމީހުންނަށް އެއްފަހަރާ ތެދުވެވުނެވެ. ތިބެނީ ކިހާއިރެއްވަންދެންކަންވެސް އިހުސާސެއްނުވާ ކަހަލައެވެ.
އަހަރެންގެ ގަމީހުގައި ތަތްވެފައިވާ ވެލިތައް ވަރަށް ލޯބިން ލިއުޝާ ފޮޅާދިނެވެ. އަހަރެންވެސް ލިއުޝާގެ ހޭވިފައިވަ ފަން އިސްތަށިގަނޑު ރީތިކޮށްދިނީމެވެ. ދެންމެ ހިނގާދިޔަ ކަންތަކަކީ ހުވަފެނެއްނޫނެވެ. ކުރިން އޮމާންކޮށް އޮތް ސާފު ވެލިގަނޑުގައި ހުރި ނިޝާންތަކަށް އަހަރެން ބަލާލީމެވެ. މިހާރު ތަރުތީބެއްނެތި ފަސްބާޑިޖެހިފައިވާ ވެލިގަނޑުން އަހަންނަށް ހަނދާންކޮށްދިނީ ދެންމެ ހޭދަވި ވަގުތުކޮޅުގެ ހިތްގައިމުކަމެވެ. އަހަރުތަކެއްވަންދެން ހިތުގައި ވަޅުޖެހިފައިވާ އަހަރެންގެ ހިއްސުތައް ހޭލިވަގުތުކޮޅެވެ.

ލޯންޗަށް އެރުމަށްފަހު އަހަރެންގެ ކޮޑުގައި ލިއުޝާ ބޯ އަޅާލިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

މާލެއައިގޮތަށް އަވަހަށް މިސްރާބުޖެހީ ލިއުޝާމެންގެ ގެއަށް ދިއުމަށެވެ. ސައިކަލުގެ މުއްގަނޑު ފެލާލުމަށްފަހު ވީހާވެސް އަވަހަށް ގެއަށް ދާން ބޭނުންވިއެވެ. ލިއުޝާ މަންމަ ހޯދާނެތީއެވެ. ލަސްވީއެވެ. މާބޮޑަށްވެސް ލަސްވީއެވެ. ލިއުޝާއަކީ މީގެ ކުރިން މިގޮތަށް އެހާ ދަންވަރު ބޭރުގައި އުޅެފައިވާ ކުއްޖަކަށް ނުވާތީ އޭނަ ހާސްވާނެ ވަރު އަހަންނަށް އިހުސާސް ކުރެވެއެވެ.

ލިއުޝާގެ ގެއަށްދެވުނުއިރު 2 ޖަހަނީއެވެ. ލިއުޝާ އުޅެނީ ގޭގެ ދެވަނަ ބުރީގައެވެ. އަހަރެން ލިއުޝާއާއި އެއްކޮށް މައްޗަށް އެރީމެވެ. މި ވަގުތުގެ ގޮތުންނާއި އަދި ސިޑިވެސް ނިވާލާފައިވާތީއެވެ. ގޭތެރެއިން ފެންނަނީ ފަނޑުއަލިކަމެކެވެ. ލަފާކުރެވޭގޮތުގައި އެންމެން ނިދީއެވެ. ގޭގެ ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ދޮރުގަ ޖަހާލިއިރުވެސް އެތެރެއަކުން ހަބަރެއް ނުވިއެވެ. ލިއުޝާ ހާސްވެގެން ގޮސް ހުރީ ދާހިއްލާފައެވެ. އެހާ ލަހުން ގެއަށް އައިސް މަންމަގެ ކުރިމައްޗަށް އަރާނެގޮތެއްހިތަށްއަރާފައެވެ.

"ދެން ކިހިނެތް ހަދާނީ" އަހަރެން ސުވާލުކުރީމެވެ.
ވަރަށް ހާސްވޭ...މަންމަ ރުޅިއަންނާނެ ދޯ" އިސްދަށްޖަހައިގެން ހުރެ ލިއުޝާ ޖަވާބުދިނެވެ.
"ދެން ނެތްތަ އިތުރުގޮތެއް..ގޭގެ ކޮންމެވެސް މީހަކަށް ގުޅާބަލަ"

ސައިލެންޓަށް ލާފައިވާ ލިއުޝާގެ ފޯނު ހުޅުވާލިއެވެ. ގެއިން އެތައް ކޯލުތަކެއް މިސްޑްވެފައި ހުއްޓެވެ. ފޯނުކުރުމުގެ ބަދަލުގައި އަހަރުމެން ނިންމީ އެތާ މަޑުކޮށްލުމަށެވެ. ކޮންމެވެސް މީހެއްގެ ހިލަމެއް ވުމުން ދޮރުގައި ޓަކިދިނުމަށެވެ. ގެއަށް ފޯނުކޮށްގެން އެންމެން ހޭލައިގެން ބޮޑު ކަންތައްގަނޑެއްވާން ނޭދޭތީއެވެ.
ފަނަރަވަރަކަށް މިނެޓް ސިޑިމަތީ މަޑުކޮށްގެން ތިބުމަށްފަހު، އެންމެ ފަހުން ނިންމީ ލިއުޝާގެ ދޮންތައަށް ގުޅުމަށެވެ. އެ ފޯނަށް ދެތިން ފަހަރަކު ގުޅިއިރުވެސް ފޯނެއް ނުނަގައެވެ. އަހަރުމެން އޭރުވެސް ތިބީ ސިޑިމަތީ އިށީންދެލައިގެންނެވެ.

"ހިނގާ ސައިކަލް ދުއްވާލަން..އިރުކޮޅަކުން ދޮންތަ ގުޅާނެ، އެހެންނޫނީ ޓްރައިކުރާނީ ދޯ" އަހަރެން އެތަނުގައި އިނދެ ވަރުބަލވެގެން އެންމެފަހުން އިތުރުގޮތެއް ހުށައެޅީމެވެ.
"ހިނގާ.." ލިއުޝާ ގޭގެދޮރާ ދިމާއަށް ބަލާލަމުން ޖަވާބުދިނެވެ.

ދެމީހުން ސައިކަލަށް އަރައިގެން އެއްވެސް މަންޒިލެއްނެތި ދުއްވަން ފެށީމެވެ. ވިއްސާރައިގެ އަސަރު އަދިވެސް ފެންނާތީވެ، މާހައުލު ވަރަށް ފިންޏެވެ. މަގުތައްވެސް ފެންނަނީ ވަރަށް ފަޅުކޮންނެވެ. ވައިޖެހޭގޮތުން ހީވަނީ ހަމަ ދެންމެދެންމެ ވާރޭއޮއްސާލަފާނެހެންނެވެ. އަހަރުމެން ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ކޮންމެވެސްތަނެއްގައި މަޑުކުރަން ބޭނުންވިއެވެ. އަނެއްކޮޅުން ވާރޭގެ ނިޝާންވެސް ފެންނާތީވެ، ކުށްލިއަކަށް ވާރެއޮއްސާލިޔަސް ހިޔާވާނެ ތަނެއްވެސް ހޯދަން ޖެހެއެވެ. މިގަޑީގެ ގޮތުން ކެފޭތައްވެސް ވަނީ ބަންދުކޮށްފައެވެ. އާސިމްއަކީ އެކަނި އުޅޭ މީހެކެވެ. ފަހަރެއްގައި އެގޭގަވެސް މަޑުކޮށްލެވިދާނެއެވެ. ލިއުޝާގެ ދޮންތަ ގުޅަންދެނެވެ. ނަސީބުވަރަށް ރަނގަޅެވެ. އާސިމްއިނީ ރިސޯޓެއްގައި އުޅޭ އަހަރުމެންގެ ރައްޓެއްސެއް ހިފައިގެން އުޅޭ ގެސްޓުހައުސްއެއްގައެވެ.  އަހަރެން މިސްރާބު ޖެހީ އެ ދިމާއަށެވެ. ގެސްޓުހައުސްއަށް ކައިރިކުރިއިރު، އަހަރުމެންގެ އިންތިޒާރުގައި ދެމީހުން ތިބީ ތިރީގައެވެ. ސައިކަލު ޕާކުކުރުމަށްފަހު އަހަރުމެން މިސްރާބު ޖެހީ ރަހުމަތްތެރިޔާގެ ކޮޓަރިއަށެވެ. އަހަރުމެން ހަތަރު މީހުން ތިބީ ކޮޓަރީގައި ވާހަކަދައްކާށެވެ. ޑްރެސިންގޓޭބަލްގެ ގޮނޑީގައި ލިއުޝާ އިސްޖަހާލައިގެން އިނެވެ. އަހަރުމެން ބަނޑުހައިވެފައިވާކަން އެނގުމުން އާސިމްއާއި ވަހީދު އާއި ދެމީހުން ނިންމީ ކާއެއްޗެއްބަލާ ބޭރަށް ދިއުމަށެވެ.

އެދެމީހުން ބޭރަށް ދިއުމުން އަހަރުމެން ތިބީ ކޮޓަރީގައި އެކަނިވެފައެވެ. ދައްކާނެ ވާހަކައެއްވެސް ނޭންގިފައެވެ. ދުރުގައި އިށީންދެގެން އިން ލިއުޝާއަށް ބަލާލީމެވެ. މަޑުމަޑުން ގޮސް ފަހަތުން ބައްދާލީމެވެ. ބޭއިހްތިޔާރުގައެވެ. ހަމައެކަނި ދެމީހުންނަށް ބަންދުތަނެއްގައި މިނިވަންކަން ލިބުމަކުންނޫނެވެ. އަހަރެންގެ ހިތް އެކަމަށް އެދި އިހުސާސް ކުރެވުމުންނެވެ.  ލިއުޝާވެސް ކުރިމައްޗަށް އެނބުރި ވަރަށް ލޯބިން އަހަރެންގައިގަ ބައްދާލިއެވެ.
ގޮނޑިން ތެދުވެ ހަށިގަނޑު ތެދުކޮށްލުމަށްފަހު އަހަރެންގެގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. މަޑުމަޑުން އެނދާދިމާއަށް ހަރަކާތްކޮށްލެވުނެވެ ބޭއިހުތިޔާރުގައެވެ. އޭރުވެސް ލިއުޝާ ވަނީ އަހަރެންގެ ގައިގަ ރަނގަޅަށް ތަތްވެފައެވެ. އެ މޫނު އަހަރެންގެ މޭގެ ތެރޭގައި ފޮރުވާލައިގެން ބޮނދަން އުޅޭކަހަލައެވެ. ދެމީހުންނަށްވެސް އެނދުގައި ޖައްސާލެވުނީ އެއްވެސް އިހުތިޔާރެއްގައެއް ނުވަތަ އެކަކުއަނެކަކު ބާރެއްގައެއްނޫނެވެ. ހިތް އެއް މަންޒިލަކަށް ދަތުރުކުރާތީވެ ފިލްމެއްގެ ރޯލުލަސް ހަރަކާތްތަކެއްހެން އަހަރުމެންވެސް ހަރަކާތްކުރަމުން ދިޔައީއެވެ. ލަސްލަހުން މަޑުމަޑުންނެވެ. އެނދުގައި ރަނގަޅަށް ހަށިގަނޑު ދަމާލުމަށްފަހު ލިއުޝާ އުނަގަނޑުގައި ހިފާ އަހަރެންގެ ކައިރިއަށް ދަމާލީމެވެ. އެ ލުއިލުއި ހަށިގަނޑުގެނެސް އަހަރެންގެ އަތުތެރޭގައި، ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް 'ހައްޔަރު'ވިއެވެ.


ކުއްލިއަކަށް ސިއްސައިގެން ދިޔައީ ލިއުޝާގެ ފޯނު ރިންގުވާ އަޑަށެވެ. އަހަރުމެންނަށް ތިބެވުނީ ކިހިނެތްކަން ހަނދާންވިއެވެ. ހަމަ ބިމަށް ހަމަ ވިސްނުމަށް އާދެވުނުފަދައެވެ. ލިއުޝާ ލަދުން މޫނު ފޮރުވާލިއެވެ. އަދި އަހަރެންނާ ދުރަށް ޖެހިލުމަށްފަހު،. ރޫއަރާ ބޮނޑިކެރުވެމުންދިޔަ ބެޑްޝީޓުން ލިއުޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ.

"ހަލޯ...ކޮބާ މަންމަ...އަހަރެން ހޯދިތަ، ރުޅިއައިސްފަ ދޯ..." ހާސްވެފައި ލިއުޝާ އެއްފަހަރާ ސުވާލުކުރަންފެށިއެވެ.
"މަންމަ އެބައޮތް ސިޓިންރޫމްގަ ނިދާފަ..ކޮންތާކު ތިއުޅެނީ،..އަވަހަށް ގެއަށް އާދޭ"
އެކޮޅުން ޖަވާބުދިނެވެ.
ލިއުޝާ އަހަރެންނާ ދިމާއަށް ބަލާލީއެވެ. އެނބުރިގެއަށް ދިއުމަށް ނުވަތަ މި އިހުސާސުން އެކްސިޓްވާން ބޭނުން ނޫނޭ ބުނާފަދަ ގޮތަކަށެވެ. މަޑުމަޑުންއައިސް އަހަރެންގެ މޭގައި ތަތްވެލިއެވެ.
"ފަތިހުން ދާނަން...ކުޑަކަމަކު...ގޮއްސަ ހުރިހާ ވާހަކައެއް ކިޔާދޭނަން...ދޮންތި، ޕްލީޒް ހެލްޕްމީ" ލިއުޝާ ގެއަށްދާން ބޭނުންނުވާ ރާގަކަށް ބުންޏެވެ.

ލިއުޝާ ފޯނު ބޭއްވުމަށް ފަހު އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަހަރެންގެ މޭގައި މޫނުފޮރުވައިގެން، އަހަރެންގެ ހަށިގަނޑު ތެރެއަށް ބޮނޑިވެލިއެވެ. އަހަރެންގެ ފޯނުން އާސިމްއަށް މެސެޖެއްކުރުމަށް ފަހު ލިއުޝާ ދުރުކޮށްލީމެވެ. ބެޑުޝީޓް ނަގައި ދުރަށް ޖައްސާލީމެވެ.

އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ދުވަހަކުވެސް ނުކުރާ ތަޖުރިބާއެއް، ނުކުރެވޭ އިހްސާސެއްގެ ތެރެއަށް ގެނބި ގަރަގުވަމުން ދިޔައެވެ. ލިއުޝާގެ ލޮލުން ކަރުނަ އަންނަމުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރީ، އަންހެނަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ދެވޭތީ އެކަމުގެ ހިތާމައިގަ ނުވަތަ އުފަލުގައި ކަމެއް އަހަންނަކަށް އިހްސާސެއްނުވިއެވެ. އަހަރެންގެ ސިކުނޑިއާއި ހިތަށްވުރެ އަވަހަށް އެހެން ގުނަވަންތައް މަސައްކަތްކުރަމުންދާ ކަހަލައެވެ.


(ނުނިމޭ).
Read more »

Tuesday, January 10, 2012

" ތިޔަ ޚިޔާލުގައި މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ..." (4)

- އަބްދުﷲ ޝަފީގް އަލީ- 


ރީތީވެލައިގެން މިސްރާބު ޖެހީ އެއްނަމްބަރު ފާލަމާ ދިމާއަށެވެ. ހުކުރުދުވަހެއްކަމުން އެ ސަރަހައްދުގެ ހަލަބޮލިކަން މިގަޑީގައިވެސް ވަކިކުޑައެއްނޫނެވެ. ހަވީރުގަޑީގައި ހިނގާލަން ނިކުމެ އުޅޭ އާއިލާތަކާއި، ޖުމްހޫރީ މައިދާނުގައި އޮލަވާހަކައިގަ ޖެހިފައިތިބި ދިވެހި-ބިދޭސީން އަދިވެސް އެމީހުންގެ ވާހަކާގައި މަސްއޫލުވެފައިތިއްބެވެ. ރަސްމީ ފާލަމާ ދިމާލުގައި މިރޭގެ ޝޯވ އަށް ދާން ތައްޔާރުފެވަފައިވާ ދެ ޖިންސުގެ ޒުވާނުންގެ ހުނުމާއި ސަކަރާތުން މުޅި ސަރަހައްދު ފޫހިލާވަރުވިޔަސް އަހަންނަށް އަދިވެސް ހިތްހަމައެއް ނުޖެއެހެއެވެ. އެއްވެސް ޖަވާބެއްބުދީ ލިއުޝާ އޮފީހުން ދިޔައީ މަންމަ ހުއްދަ ދީފި ނަމަ އަންނާނެކަމަށް ބުނެފައެވެ. އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެފަދަ މަގާމަކަށް ލިއުޝާއެއް އަދި ނާދެއެވެ.

އެހިސާބަށްގޮސް ގަޑިބަލާލީމެވެ. އަދި ކިރިއާ 8.30 ވީއެވެ. މިރޭގެ ޝޯވް ނުވައެއްޖަހާއިރު ފެށުނަސް މި ގަޑީގައި ކުޑަބަނޑޮހަށް ދިއުމަށް ލޯންޗު ދަތުރުތައް ވަނީ ފެށިފައެވެ.  މިހާރު އެތައް ފަހަރަކު ލިއުޝާގެ ފޯނަށްވެސް ގުޅިއްޖެއެވެ. އެކަމަކު އަދިވެސް ޖަވާބެއް ނުލިބެއެވެ. އަހަރެން ކެތްތެރިކަމާއެކީ ދެކޮޅަށް ހިނގަންފަށައިފީމެވެ. ފާލަން ކައިރީގައިވާ މީހުންތައްވެސް މަދުވަމުން ދިޔައެވެ. ހުނުމާއި ސަކަރާތް ޖެހުމުގެ ތެރެއިން ލޯންޗުތަކަށް އަރާ އެމީހުންގެ މަންޒިލާ ދިމާއަށް ދަތުރުތައް ފެށީއެވެ.


ކުއްލިއަކަށް ފިނިއަތަކުން އަހަރެންގެ ލޯމަތީގައި އަތް އަޅައިފިއެވެ. އެއްވެސް ސުވާލެއްނެތި އެއީ ކާކުކަންވެސް އެނގިއްޖެއެވެ. އަހަރެންގެ ކަނދުރާއާ ނޭވާ އެޅޭ ހިސާބުގައި، އެލޫޅާފަތި އިނގިލިތަކުން އަހަރެންގެ ލޮލުގެ އެސްފިޔަތަކުގައި ބީހެން ލިއުޝާ ނޫން އެހެން މީހަކު ނުހުންނާނެއެވެ.

"ތިއީ ލިއު އެއްނު.." ލޯމަތިން އަތް ނައްޓާލުން އަހަރެން ބުނީމެވެ.

"އޭނ...ހާދަ މޮޅޭ،..މިހާރު އަހަރެން ނުފެނިވެސް ވަކިކުރަން އެނގުނީތަ..." ލިއު ސުވާލުކުރިއެވެ.

އަހަރެން އެ ސުވާލަށް ޖަވާބެއް ނުދެމެވެ. އެއަށްވުރެ ބޮޑަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނުވާ ނޭންގި، ލިއުއަށް އާދެވޭނެ ކަމުގެ އުއްމީދެއްނެތި، އުއްމީދަކަށް އިންތިޒާރުކުރަން ޖެހުނީތީއެވެ.

"ޝަކުވާ ނުކޮށްބަލަ...އަދިވެސް ނުބުނާނެ ރަނގަޅެކޭ، ރައްޓެއްސެއްގެ ޕާޓީއެކޭ ކިޔާފަ މިއައީ، ......ހުޅުލޭ އައިލެންޑު ހޮޓަލުގައޮތް ޕާޓީއެކޭ ވަރަށް ލަސްވެދާނެއޭ ވެސް ބުނިން، ވަރަށް މަސައްކަތްކޮށްގެން މަންމަގެ އާނ ބަސް ލިބުނީވެސް..."
ލިއުޝާ އަހަރެންގެ މޫނަށް ބަލަމުން ވީގޮތް ކިޔާދިނެވެ.
"ޝާޑަށް ވުރެ ކުރިން އަހަރެން މިތަނަށް އައިން...އެހެރަ ބުރުމަތީ އިށީންދެގެން އިނީ...ޝާޑު އުޅޭގޮތް ބަލަން.، ހާދަ ހާސްވެގެން، ކީއްވެތަ ދެކޮޅަށް ހިނގީ،  މީ ޝާޑުގެ އެއްވެސް މީހެއްނޫނެއްނު، ތިވަރުގެ އިންތިޒާރެއް ތި ކުރަނީ...."
ލިއު އަހަރެންގެ އަނގަބޭދޭ ސުވާލެއް ކުރުމަށް ފަހު ދުރައް ހިނގައިގަތެވެ.

އަހަރެން މަޑުމަޑުން ލިއުޝާގެ ފަހަތުން ގޮސް އަތުގަ ހިފީމެވެ. ލިއުޝާ ގެ ހިނގުން ހުއްޓުނެވެ. އަހަރެންނަށް ބޭއިހުތިޔާރުގައި މިކުރެވުނު ކަމަކުން ކުޑަކޮށް ލަދުވެސްގަތެވެ. ލިއުޝާގެ އަތުތެރެއިން ނެއްޓެމުން ދިޔަ އަހަރެންގެ ދެ އިނގިލާގައި، ލިއުޝާ ހިފާ ބާރުކޮށްލިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުން ގޮސް ކުރިމަތީގައި އޮތް ލޯންޗަށް އަރައިފީމެވެ. ނަސީބަކުން މީހުންވެސް ވަރަށް މަދެވެ. މާލޭގެ އަލިކަމުން ނެއްޓި ހަނދުވަރުމަތީގައި ލޯންޗު މަންޒިލަށް ދަތުރުފަށައިފިއެވެ. އަހަރެންގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށްކުރާ މިފަދަ ދަތުރެވެ. ކަނޑުމަތީގެ މި ހިތްގައިމުކަމާއި ފުރިހަމަ ކަމަކީ އަހަރެންނާއެކު ލިއުޝާ އިނީމަ ހިތަށް ލިބޭ ހިތްހަމަ ޖެހުމަކުން ލިބޭ ފުރިހަމަކަމެއްބާއެވެ. ނުވަތަ ހަމަ ހިތްގައިމު ރެއެއް ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ބުނަންނޭންގޭ ކަހަލަ އިހްސާސެއް ކުރެވިފައެވެ. އަހަރެންނާ ޖެހިގެން ލިއުޝާ އިނީ ބޭރު ބަލާށެވެ. އަހަރެންގެ މޫނާ ދުރަށް، ޖެހެމުންދާ ވައިރޯޅިން، އެ ލޯބިލޯބި ފަން އިސްތަށިގަނޑު ކިޔަމަން ކުރަމުން ދިޔައިރު، އެ މަންޒަރު ބަލަން އުނދަގޫވިއެވެ. އަހަރެންގެ ނިޔަތް ގޯސްވެދާނެތީއެވެ.

ލޯންޗު މަޑުމަޑުން ކުޑަބަނޑޮހުގެ ފާލަމަށް ކައިރިކޮށްފިއެވެ. އޭރުވެސް އަހަރުމެން ދެމީހުން، ދެ ހިޔާލަށް ގެއްލިފައި އެއްވެސް ވާހަކައެއް ނުދައްކާ ތިބީމެވެ. ލޯންޗު ކައިރިކުރުމުން، ދެން ފައިބަން ޖެހޭނެކަން އެނގިގެން، ފައިބާ ގޮތަށް، ދެމީހުންވެސް އެއްފަހަރާ ގޮނޑިން ތެދުވެ ފާލަމާ ދިމާއަށް ހިގައިގަތްފީމެވެ. ރަށުގެ ގޮނޑުދޮށަށް ދަމާ ރާޅުގައި ލޯންޗު ދެކޮޅަށް ތަޅުވާތީވެ އަހަރެން ހުރީ ލިއުޝާގެ އަތުގައި ހިފަހައްޓައިގެންނެވެ.


ފާލަންމަތީގަ ހުރެ މުޅި ރަށަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހިތްގައިމު މަންޒަރެކެވެ. ހަނދުވަރުގެ ސާފުސީދާ އަލިން ގަސްތައް ފެންނަމުން ދިޔައިރު، ރަށުގެ އުތުރު ފަރާތު ތުނޑީގައި މިއުޒިކް އަޑާއި ދެޖިންސުގެ ޒުވާނުންގެ ހަޅޭކުއަޑުން އިތުރު ޖޯޝެއް ގެނުވައެވެ. އަހަންނަކީ މިއުޒިކާއި ލަވަޔަށް ފޯރި ހުންނަ މީހަކަށްވާތީ އަވަހަށް މިސްރަބު ޖެހީ އެދިމާއަށެވެ. އޭރުވެސް ލިއުޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާ ސުވާލެއްވެސް ނުކުރަމެވެ. އެއަށްވުރެ ބޮޑަށް ދެފަޔަށް ބާރުލަފައި ހިނގަންފެށީ ސްޓޭޖް ހުރި އުތުރު ފަރާތު ތުނޑިއާ ދިމާއަށެވެ.

(ނުނިމޭ).
Read more »

Saturday, January 7, 2012

" ތިޔަ ހިޔާލުގާ މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ..." (3)

- އަބްދުﷲ ޝަފީގް އަލީ-


އަހަރެންނާއި ލިއުޝާގެ ގުޅުން ބަދަހިވަމުންދިޔައީ ހިކުރިވަރަށްވުރެވެސް އަވަހަށެވެ. އޮފީހަށް ނާދެވޭ ދުވަސްތަކުގައި އެކަކު އަނެކަކުގެ ހާލުބެލުމާއި، ދެމީހުންގެ ދިރިއުޅުމުގެ ވާހަކަތަކަށް ޝެއަރ ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރަށް ދެމީހުން ކައިރިވިއެވެ. ދެމީހުންގެ މިޒާޖުވެސް ވަރަށް ގުޅެއެވެ. އަހަރެން ގަޔާވާ ގިނަ ކަންތައްތައް، އަހަރެންނަށް ވުރެ ކުރިން އެއީ ލިއުޝާގެ ވެސް ފެވަރިޓަށްވެއެވެ. ލިއުޝާ އަކީ އެކުގަ ވަގުތު ހޭދަކުރަން ފަސޭހަ ރަހުމަތްތެރިއެކެވެ.

އަހަރެންގެ ދިރިއުޅުން ދެ ގުނަ ބުރަބޮޑުވެއްޖެއެވެ. ބައްޕާއާއި ބައްޕަގެ ރަހުމަތްތެރިއަކާ ގުޅިގެން ހުޅުވި ކެފޭގެ މަސައްކަތުގައި މުޅި ރޭގަނޑު ކަހަލަ ގޮތަކަށް ހޭދަކުރަން ޖެހިއްޖެއެވެ. އެކަމަކު އެއީ އެއްވެސް މަޖުބޫރު ކަމެއްނެތިއެވެ. ހަމަ އެކަނި ބައްޕައަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. ބައްޕަގެ އެދުމަކީވެސް އަހަރެންގެ ކޮންމެސްވަރެއްގެ ހިއްސާއެއް މިކަމުގައި ވުމެވެ. އަހަރެން ހަވާލުވީ ރޭގަނޑު ކެފޭގެ ހިސާބުތައް ނިންމުމާއި، މުއައްޒަފުންގެ މުސާރައިގެ ކަންތަކެވެ. އެހެން ކަންތައްތަކާ އަޅާބަލާއިރު އެއީ ހަމަ ވަރަށް ލުއި މަސައްކަތެއްކަމަށް ބެލީމެވެ. މިގޮތަށްވެސް ރޭގަނޑުގެ ހުސްވަގުތުތައް ފުރާލަން ބޭނުންވިއެވެ. މިމަސައްކަތްކުރަމުންވެސް އޮފީހުގެ އެއްވެސް ކަމަކަށް ބުރޫއެރިޔަކަ ނުދެމެވެ.

ދިރިއުޅުމުގެ މި ބުރަ ކަމުގައި އަހަރެންގެ ހަމަ އެކަނި ހިތްހަމަޖެހުމަކީ ލިއުޝާއެވެ. ލިއުޝާއާއި ވާހަކަދެއްކުމާއި، އެކީގައި ތަންނަނަށް ދިއުމެވެ. އަހަރުމެން ދެމީހުންގެ މިގުޅުމަކީ ހަމަ ރަހުމަތްތެރިކަމެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގައި، ލިއުޝާއާއި ދޭތެރޭ ސީރިއަސް ލޯބިވެރިއެއްގެ ހައިސިއްޔަތުން ދެކޭހިތެއްނުވެއެވެ. މި ގުޅުން އެއަށްވުރެ ހިތްގައިމެވެ. ކުރީގެ ތަޖުރިބާތަކުން އަހަންނަށްވަނީ ލައްކަ ފިލާވަޅުތައް ލިބިފައެވެ. ލިއުޝާގެ ހިތުގަ އޮތްގޮތެއް ނޭންގެއެވެ. ހަމަގައިމުވެސް އޭނަ އަބަދުވެސް އަހަރެންގެ ހާލުބަލައެވެ. އަހަރެންގެ ބުރަ ދިރިއުޅުމުގެ ކަންތައްތަކުގައި ކުރިޔަށްދާންވީގޮތްތައްކިޔައިދީ ހިތްވަރުދީ ހަދައެވެ. ރޭގަނޑު ނިދުމުގެ ކުރިން މެސެޖްކުރެއެވެ. އަދި ހެނދުނު ހޭލާއިރުވެސް އެންމެ ފުރަތަމަ ފެންނާނީ ލިއުޝާގެ މެސެޖެވެ.

އަހަރުމެން ދެމީހުން އެކީގައި ތަންތަނަށް ދިއުން ގިނަވާން ފަށައިފިއެވެ. ހެނދުނުގެ ސަޔާއި، މެންދުރު ކެއުމަށް ބޭރަށްދާން ފެށިގޮތައް، ރޭގަނޑުގެ ގަޑިތަކުގައި ކޮފީތަކުންވެސް އަހަރުމެން ވަގުތު ހޭދަކުރަންފަށައިފީމެވެ. މާލޭގަ މިއުޒިކް ޝޯވއެއް އޮތަސް އެތަނުގައި އަހަރުމެން ދެމީހުން ތިބޭނެއެވެ. ގާޑިއާތަކުން މަސްކާށި ކެއުމާއި، ބޭރުމަގުގައި ސައިކަލް ބުރެއްޖެހުން އަދި ތޮށިގަނޑުމަތީ ވާހަކަދައްކާލަން ތިބުމަކީ ހަމަ ކޮންމެ ރެއެއްގެ އާދައަކަށް ވެއްޖެއެވެ. އެހާވެސް ގިނައިން އަހަރުމެން އެކީގަ ހޭދަވާ ވަގުތުތައް ގިނަވާން ފަށައިފިއެވެ. މިކަމާ އަހަރެންގެ ހިތް ބިރުގަންނަންފަށައިފިއެވެ. އަހަރެން އެހާ އަވަހަކަށް ލޯބިވާކަށް ބޭނުމެއްނޫނެވެ. ތެދަށް ބުނާނަމަ އަހަރެންގެ ހަމަ އެކަނި މަގްސަދަކީ ކުރީގެ ހަނދާންތައް ނައްތާލުމެވެ. އަންހެންކުއްޖަކާ އެކީ މަޖާ ވަގުތުތަކެއް ހޭދަކުރުމެވެ. އަހަންނަށް ނުވިސްނުނީ ލިއުޝާގެ އިހުސާސްތަކެވެ. ލިއުޝާ ދެކޭގޮތެވެ. އަހަރެންގެ އެއްވެސް އެދުމަކަށް އިންކާރު ނުކުރަނީ، އަހަރެންނާ ދޭތެރޭ ކިހިނެތް ދެކޭތީބާވައެވެ.

"މިރޭ ވަރަށް ހާއްސަ ޝޯވ އެއް އެބައޮތް...ދާނަންތަ"..
އޮފީހަށް ވަތްގޮތަށް ލިއުޝާއަށް މިރޭގެ ޕްރޮގްރާމް ހުށަހެޅީމެވެ.
"އާނނ ކީއްވެ ނުދާންވީ،. ޝާޑުއާ އެކީގައެއްނު ، ކޮންމެ ރެ އަކުވެސް މިއުޅެނީ..."
ލިއުޝާގެ ފަރި ހިނިތުންވުމާ އެކީ ޖަވާބުދިނެވެ.
"ނޫން..މިރޭ މާލެއަކު ނޫނޭ ޝޯވ އޮތީ....ކުޑަބަނޑޮހުގަ..ވަރަށް ދަންވަރު ނިމޭނީ .. އެކެއް ޖަހާއިރު ..އޯކޭތަ؟"..
ލިއުޝާގެ ޖަވާބަކަށް އިންތިޒާރުކުރީމެވެ. ލިއުޝާ ވިސްނަން އިނެވެ. އަހަރެން ގެ މޫނަށް ބަލާލާފައި "މަންމަ ކައިރި އަހާލާފަ ޖަވާބެއް ދޭނެކަމަށް ބުނުމުން" އަހަރެންވެސް އަވަހަށް އޮފީހުގެ މަސައްކަތްތައް ފެށީމެވެ.

 ( ނުނިމޭ).
Read more »

Saturday, December 31, 2011

" ތިޔަ ހިޔާލުގައި މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ.." (2)

- އަބްދުﷲ ޝަފީގް އަލީ-




އަހަރެންގެ މަސައްކަތް ހުންނަގޮތުން ގިނަ ވަގުތު އުޅެން ޖެހެނީ އޮފީހުން ބޭރުގައެވެ. ނަމަވެސް ލިއުޝާ އޮފީހަށް ވަނުމުން، އޮފީސްތެރޭގައި ވަގުތު ހޭދަކުރެވެން ފަށައިފިއެވެ. ލިއުޝާއާ ދޭތެރޭ ބެހެއްޓޭ ހާއްސަ ކަމަކުން، އަހަރެންގެ އޮފީހުގެ މަސައްކަތްތަކަށް ބުރޫއަރާކަށް ބޭނުމެއްނޫނެވެ. އަހަންނަކީ އެއަށްވުރެ ފޯރިއާއި، ޖޯޝުގައި މަސައްކަތްކުރާ މީހެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޮފީހުގެ ވެރިންގެ ކުރިމަތީގައި އަހަރެންގެ މަގުބޫލުކަން ލިބުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެއީއެވެ.

މިކަމުގެ ހައްލެއް ބޭނުންވެގެން ފުރަތަމަވެސް ވާހަކަދެއްކީ އަހަރެންގެ ރަހުމަތްތެރި އާސިމްއާއެވެ. ލޯބީގެ ތަޖުރިބާ މަދު، އެހެނަސް އަހަރެންގެ ތިބި މަދު ރަހުމަތްތެރިންގެ ތެރޭގައި އެންމެ އިތުބާރުކުރެވޭ އެކަކީ އާސިމެވެ. ކުޑައިރުން ފެށީގެން ބަދަލެއްނުވެ ހުރި ހަމަ އެކަނި ރަހުމަތްތެރިޔާއެވެ.

" ބުނަން ރަނގަޅު ވާހަކައެއް..އަންހެން ކުދިންނާ އެހާ ސީރިއަސްވާކަށް ނުވާނެ..ކިތަންމެ ހިތްކިޔާ ކުއްޖަކު ފެނުނަސް، އެ ނުވެދާނެ ރަނގަޅު ކުއްޖަކަށް...ދިރިއުޅުމުގެ ތި ހުސްކަމުގެ ސަބަބަކީވެސް ކުރިން ދިމާވި އަންހެން ކުދިންނާ އެކީ ކުރި ހިތި ތަޖުރިބާތައް..އެހެންވީމަ އަހަންނަށް ފެންނަނީ ހަމަ ތި އަންހެންކުއްޖާ ދޭތެރޭ ނުވިސްނަން.."
އާސިމް ގެ ހިޔާލު ފާޅުކުރިއެވެ.

" ……..އަދިވެސް އެހެން ހިޔާލެއް ދީފާނަން.. ބުނެ އެއްނު ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ..އެހެންވީމަ ލިއުޝާ އާ އެކީ 'މަޖާ' ވަގުތު ކޮޅެއް ހޭދަކޮށްލަބަލަ...ހަމަ މަޖާކުރާނީ..އޭރުން އެހެން ހިޔާލުތަކުން ސަލާމަތްވެ، ކުރީގެ މާޒީވެސް ހަނދާން ނެތިދާނެ....ބުނަން ، ސީރިއަސް ނުވާތި..."
ވަރަށް މާނައިން ފުރިގެންވާ ގޮތަކަށް އާސިމްގެ ދެވަނަ ހިޔާލުވެސް ދިނެވެ.

އަހަންނަށް ވިސްނަން މަޖުބޫރުވިއެވެ. މިފަހަރު ދިރިއުޅުން ތަފާތުކޮށްލަން ޖެހެއެވެ. އާސިމް އެބުނީވެސް ދޮގެއްނޫނެވެ. މީގެ ކުރިން ތަފާތު ހިތި ތަޖުރިބާތައްވަނީ ކުރެވިފައެވެ. އެއީ އަލުން ހަނދާންކުރަން ބޭނުންވާ ވަރުގެ މާޒީއެއްނޫނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އޮފީހަށް ގޮސް، ލިއުޝާއާއި ވާހަކަ ފަށާނެ ގޮތަކާ ދޭތެރޭ ވިސްނާލީމެވެ. ހޮނިހިރު ދުވަހެއްކަމަށް ވުމުން އަހަރެންގެ މަސައްކަތްތައްވެސް ވަރަށް ލުއި ދުވަހެކެވެ.

".........ސައިބޯން ދާނަންތަ"؟
ކައުންޓަރު ކައިރިއަށް ހުއްޓި، ވަރަށް ހިތްވަރުކޮށްފައި އަހާލީމެވެ.
"އުމް..ނޫން...ސައިބޯހިތެއްނެތް"
ފޮތަކަށް ގެއްލިފައިން ލިއުޝާ ޖަވާބުދިނެވެ.
" ...ދެން ކޮފީއެއްވިޔަސް އޯކޭ ދޯ..ދާނަން؟؟.."
ދެވަނަ ފުރުސަތަކަށްވެސް ދައުވަތު ދިނީމެވެ.
" އޯކޭ...ހިނގާ .." ވަރަށް ލަދުން ހުރެ އެއްބަސްވިއެވެ.

ދެމީހުން މިސްރާބު ޖެހީ ކައިރީގަ ހުރި 'ލަސަކުރާ' އަށެވެ. ކެފޭ އަށް ވަދެވެންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ.
ސަޔަށް އޯޑަރު ދިނުމަށް ފަހު ދެމީހުންވެސް ފެށީ އޮފީހުގެ ވާހަކައެވެ. އެކި އެކި މަސައްކަތްތަކުގެ ވާހަކައެވެ. އޮފީހުގެ ވާހަކަ ނިމުމަށް ފަހު ދައްކާނެ ވާހަކައެއް ނޭންގުނެވެ. އަނެއްކާވެސް ހިމޭން ވަގުތުކޮޅެކެވެ.
މި ހިމޭންކަން އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ.

"މިއަދު ހާދަ ސަޅިއޭ...ތި އޮފީސް ކިޓް...ވަރަށް ގުޅޭ"..
އަހަރެން ބުނީމެވެ.
" އެހެންތަ...ޝާޑު ވެސް، ވަރަށް ސްމާޓޭ.."
ހީލަމުން ލިއުޝާވެސް ޖަވާބު ދިނެވެ.
އެ ހިސާބުން ދެމީހުންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކުރީމެވެ.
ލިއުޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމާއި، ނަމަވެސް އެއީ ކަނިވެ ނިވެމުންދާ ގުޅުމެއް ކަންއެނގުނެވެ. ލޯތްބަށް ވުރެ ރަހުމަތްތެރިކަން އޮތް ގުޅުމެއްކަމަށްވެސް ބުންޏެވެ. އޮފީހަށް އައިސް ގޮސް ހަދަނީވެސް އޭނައާއި އެކު ކަމަށާއި، އެއީ ދެން އިތުރު އެހެން ގޮތެއް ނެތީމައެވެ.
އަހަރެންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައްވެސް ހިއްސާކުރީމެވެ. އަހަރެންގެ އެކަނިވެރި ހަޔާތުގެ ވާހަކައަށް ވުރެ ބޮޑަށް ދެއްކީ ކުރިއަށް، މުސްތަގުބަލު ރާވަން ހިޔާލުކުރާ ގޮތުގެ ވާހަކައެވެ. ކުރީގެ ވާހަކަތައް ދައްކައިގެން، އަންހެން ކުއްޖެއްގެ ފަރާތުން އިތުރު ހަމްދަރުދީ އެއް ބޭނުންނުވާތީއެވެ.

ލަސަކޫރާއިން ނިކުތްއިރު ދެމީހުންވެސް ތިބީ ކުރީގެ ބީރައްޓެހިކަން ކެނޑިފައެވެ. އަހަރެންގެ ބައެއް މަޖާ ވާހަކަތަކުން ލިއުޝާ ހެމުން ދިޔައިރު ދުރުން މަންޒަރު ބަލާ މީހަކަށް ހީވާނީ ހާއްސަ ގުޅުމެއް އޮތް ދެމީހުންހެންނެވެ.

ކަންތައްވީވެސް އެގޮތަށެވެ. އޮފީހަށް ވަތްގޮތަށް ކުރިމަތިވީ ދުރުން މަންޒަރު ބަލަން ހުރި ލުތުފީގެ ސުވާލުތަކެވެ. އޮފީހުގެ އެކައުންޓްސްގަ އުޅޭ ލުތުފީ އަކީ އޮފީހުގެ އެންމެ ގާތް އެކަކެވެ.

"ނޫން...ހަމަ ފްރެންޑްސް އިނގޭ...އެއްވެސް ގޯސް ހިތެއް ނެތް"
ލުތުފީގެ ސުވާލަށް ޖަވާބު ދިނީމެވެ.

" ވިސްނައިގެން އުޅޭތި...އޮފީހުން ބިޓެއް ނެގުމަކީ އެހާ ސަޅި ކަމެއްނޫން.،،އެނގޭދޯ، މީޙުން ބުނެއެއްނު ހިހޫތަނުން ކެވޭ ލޯތްބަކީ އޮފީސް ލޯތްބޭ.."
ލުތުފީ އިންޒާރެއް ފަދައިން ބުންޏެވެ.
" އެނގޭ....އެކަމަކު ތިހިސާބަކަށް މި ގުޅުމެއް ނުދާނެ،..ތީވެސް އޮފީސް ރައްޓެއްސެއް، ލިއުޝާވެސް އެއީ ހަމަ ތި ކަހަލަ ރައްޓެއްސެއް.."
އަވަހަށް ސަލާމަތް ވުމުގެ ގޮތުން ޖަވާބުދީފައި ސެކްޝަނަށް ވަނީ އެ މައުލޫގައި ލުތުފީ އިތުރު ސުވާލެއް ކުރިމަތިވެދާތީއެވެ.

(ނުނިމޭ).
Read more »

Thursday, December 29, 2011

"ތިޔަ ހިޔާލުގާ މަގޭހިތް - ކުދިކުދިވެގެން ދަނިއްޔޭ......." (1)

- އަބްދުﷲ ޝަފީގް އަލީ-


އެއަރޕޯޓުން އައިގޮތައް ދަބަސް ހިފައިގެން ދިޔައީ އަލްފްރެސްކޯއަށެވެ. އަހަރެންގެ ފެވަރިޓް ކޮފީޝޮޕެވެ. އެތަން ހިތްގައިމުވީ މީގެ އަހަރުތަކެއް ކުރިން ފެށިގެންނެވެ. ހަމައެކަނި އަލްފްރެސްކޯއެއްނޫނެވެ. އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ކޮންމެ ތަނަކީ އަހަރެންގެ ފެވަރިޓް ތަންތަނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. އެއީ އަހަރެންގެ ލިއުޝާގެ އޮފީސް ހުންނަ އިމާރާތެވެ. އަހަރެންގެ އެތައް ހަނދާނެއް ހަރުލާފައި ހުރި އިމާރާތެވެ. އަލްފްރެސްކޯގައި އިންނައިރު އަހަރެންނަށް ނުފެނި ލިއުޝާއަށް އޮފީހުން ނުދެވޭނެއެވެ. އަލްފްރެސްކޯއަށް ދަނީ އެހެންވެގެންނެވެ. ސިޔާސީ ވާހަކަތަކުން މުޅި ކެފޭ އަޑުގަދަވެފަ އޮތަސް އަހަރެންގެ ނަޒަރު ހުއްޓެނީ ކުރިމަތީގަ ހުންނަ ވަށްސިޑިއަށެވެ. ކޮފީތަށި ހިހޫވެ، ދެވަނަ ފަހަރަށް ގެންނަން ޖެހުނަސް ލިއުޝާ ފެނުނީމަ ނޫނީ އެތަނުން ދާހިތެއް ނުވެއެވެ.
..............

އެއީ މީގެ 5 އަހަރު ކުރިއެވެ. އޯލެވެލް ނިންމާލުމަށް ފަހު އޮފީހަކަށް ވަނީ ކިޔަވާހިތް ނުވާތީއެއްނޫނެވެ. އާއިލާގެ ހާލަތު ހުރިގޮތުން އިތުރަށް ކިޔަވައިދިނުމުގެ ތަނަވަސްކަން ނެތީމައެވެ. އަހަރެންގެ ހަގަށް އިތުރު 3 ކުދިން ތިބެއެވެ. އެމީހުނަށް ކިޔަވާދިނުމާއި އެހެނިހެން ހަރަދުތައް ކުރަން ޖެހެނީ ހަމައެކަނި ބައްޕައަށް ލިބޭ ކުޑަ މުސާރަކޮޅުންނެވެ.

އަހަރެންގެ ޝަކުވާއެއްނެތެވެ. އެ ދެމަފިރިން އަހަރުމެން ދަރިންނަށް ޓަކައި ނުއުފަލަނީ ކޮން ބުރައެއްހެއްޔެވެ. އަހަރުމެން ހަތަރުބެއިންނަށް ރީތިވާ ސާމާނާއި އެންމެ ފަހުގެ ފެޝަން ތަކުގެ ހެދުންތައް ގަނެދެއެވެ. ގަޑިންގަޑިއަށް ކާން ލިބެއެވެ. މަންމައާއި ބައްޕަ ފިހާރައަކުން އާ ހެދުމެއް ގަނެގެން ލީ ދުވަހެއް ހަނދާނެއް ނެތެވެ. މުޅިންވެސް ރައްޓެހިންދޭ ހެދުމާއި ގާތްތިމާގެ މީހުން ހަދިޔާއަށްދޭ ހެދުން ނޫނީ އެމީހުންނެއްނުލައެވެ. އަހަރުމެން އެކި ފާޑުގެ ރީތިވާ ސާމާނު ބޭނުން ކުރިޔަސް މަންމަގެ ފެވަރިޓަކީ ދަނޑި ސައިބޯންޏާއި ކާށިތެލެވެ.

މާލޭގެ ކުޑަ ތަނެއް ކުއްޔަށް ހިފައިގެން އުޅެން ޖެހުމުން ބައްޕައަށް ޖެހިފައިވާ ބުރަ ފިލުވުމުގެ ގޮތުން އަހަރެން ވަނީ އަމިއްލަ އޮފީހަކަށެވެ. ބިދޭސީ މުއައްޒަފުން ގެންނަ އެ ކުންފުނީގެ އަހަރެންގެ މަސައްކަތަކީ އެތަނަށް ގެންނަ ލޭބަރުން ބަލާ އެއަރޕޯޓަށް ދިއުމާއި، އެމީހުންގެ ވިސާއާއި އެހެނިހެން ކަންތައް ބެލެހެއްޓުމެވެ. ކުޑަ އޮފީހެއްކަމުން ކޮންމެ ސެކްޝަނެއްގައިވެސް މަސައްކަތްކުރަނީ އަހަރެން ފަދަ ހީވާގި އެންމެ މީހެކެވެ. އެހެންކަމުން އޮފީހުގެ މައްސަލަތައް މަދުވެ އަހަރުމެންގެ އެކުވެރިކަންވެސް ވަރަށް ބޮޑެވެ.

އަހަރެން ފިޔަވާ އެންމެނަކީވެސް ކައިވެނިކޮށްގެން، އާއިލާގެ ޒިންމާތަކެއް އަދާކުރާ މީހުންނެވެ. އެހެން ކަމުން ރޭގަނޑު އޮފީހުގެ އިތުރު މަސައްކަތެއް ޖެހުނަސް އުފަލާއި އެކު، އަހަރެން އެކަނި ކުރަނީ އެހެން މީހުންނަށް ލުއިކޮށްދީ، އާއިލާ އަކީ ކިހާ މުހިއްމު ބައެއްކަން ވިސްނޭތީއެވެ. އެހެންނޫނަސް ރޭގަނޑު ކުރާނެ އިތުރު އެހެން ކަމެއްވެސް ނޯވެއެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިއެއް ނެތި، ހަޔާތް ވޭތުކުރަތާ ދެއަހަރަށް ވުރެވެސް ގިނަ ދުވަސްވީއެވެ. މިހާތަނަށް ރައްޓެހިވި ތިން ކުދިންވެސް ރުޅިވެގެން ދިޔައީ އެކިއެކި ބަހަނާ ދައްކާފައެވެ. އެކި ކުދިންނާ އެކި މުއްދަތަށް ރައްޓެހިވިޔަސް ކޮންމެ ކުއްޖަކާވެސް ރައްޓެހިވަނީ ވަރަށް ސީރިޔަސްކޮށެވެ. ކައިވެނި ކުރުމުގެ އުފާވެރި، ފޮނި އުއްމީދުތައް ކުރަމުންނެވެ. އެހެން ނަމަވެސް އެ ހުވަފެން ބިލާހަކަށް ވެގެން ދަނީ ހިތްކުދިކުދި ކޮށްލާފައެވެ. އަންހެންކުދިން ދެކެ ފޫހިވާން ފެށީ އެހިސާބުންނެވެ. ވޭތުވެ ދިޔަ ދެއަހަރުގެ ދުވަހުގެ ތެރޭގައިވެސް އިސްވެ، ބައެއް އަންހެން ކުދިން ލޯބި ހުށައެޅިއެވެ. އަދި އެނޫން ގޮތްގޮތުންވެސް އަންހެން ކުދިންގެ ފަރާތުން އިޝާރާތްތައް ލިބެމުން ދިޔައެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކުވެސް އަހަރެން ދެނީ އެމީހުން ފޫހިވާ ކަހަލަ ޖަވާބުތަކެވެ. އަނެއްބައި ފަހަރު އަޅާވެސް ނުލަމެވެ.

އަންހެން ކުދިންނާ ދޭތެރޭ ދެވަނަ ފަހަރަށް ވިސްނަން މަޖުބޫރުވީ އަލަށް އޮފީހަށް ގުޅުނު ލިއުޝާގެ ސަބަބުންނެވެ. އޮފީހުގެ މަސައްކަތްތައް ފުޅާވެ، މުއައްޒަފުންނާއި ބައެއް ސެކްޝަންތައް އިތުރުކުރުމުގެ ތެރޭގައި، އަލަށް ވެއްދި ހަމަ އެކަނި އަންހެން ކުއްޖަކީ ލިއުޝާ އެވެ. ފުރަތަމަވެސް ލިއުޝާ ފެނުނީ އޮފީހަށް އަންނަންވެގެން ސިޑިން އަރަނިކޮށެވެ. ދެމީހުންވެސް ދިމާވީ އަހަރެންގެ އޮފީސް ހުންނަ އެސްޓީއޯ ޓްރޭޑް ސެންޓަރުގެ ވަށްސިޑިންނެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ގައިގަ ނުޖެހި ސަލާމަތްވީ ކިރިޔާއެވެ. އަހަރެން މައްޗަށް އެރީ ލޭބަރ މިނިސްޓްރީއަށް ގެންދަން ޖެހޭ ލިޔުންތަކެއް ބަލައެވެ. ލިއުޝާ ތިރިޔަށް ފައިބައިގެން އައީ ވަރަށް ހެވިފަހުރެގެންނެވެ. އެ ރީތި ހިނިތުންވުން ފުރަތަމަވެސް އަހަރެންގެ ހިތަށް އަސަރުތަކެއް ކުރުވިއެވެ. މީގެ ކުރިންވެސް އެތައް ކުދިންނެއް މި ސިޑިން ދިމާވިއެވެ. އެކަމަކު މި އިހްސާސެއް ދުވަހަކުވެސް ނުވެއެވެ. ހީވަނީ އެތައް ފަހަރަކު ދެކިފަ ހުރި މޫނެއް ހެންނެވެ. އެހެންނެއް ނޫނެވެ. ވެދާނެއެވެ. ހިންދީ ފިލްމީ ތަރި ބިޕާޝާއާ ވައްތަރުވުމުން، ތަންކޮޅެއް ރަނގަޅަށް ބަލާލެވުނީއެވެ. އެއީ ސަބަބެއް ކަމަށް ބަލާފައި، އޮފީހަށް ވަނީ ދެންމެ ދިމާވި ކުއްޖާގެ ސޫރަ ހަނދާން ނެތޭނެކަމުގެ އުއްމީދުގައެވެ.

ކަންތައްވީ ހީކުރިގޮތަކަށް ނޫނެވެ. ޖެހިގެން އައި ދުވަހު އޮފީހުގެ ކައުންޓަރުން އަހަންނަށް މަރުހަބާކީ ލިއުޝާއެވެ. އިއްޔެ އަހަރެންގެ ކައިރިން، ރީތި ހިނިތުންވުމަކުން ހިތް ކުދިކުދިކުރަމުން ދިޔަ ލިއުޝާއެވެ. މާބޮޑު ޝައުގުވެރިކަމެއްނެތް ގޮތަކަށް އަހަރެން އަމިއްލަ އަށް ލިއުޝާއަށް ތައާރަފް ވެލީމެވެ. ޖަވާބުގައި ލިއުޝާވެސް ތައާރަފް ވެލިއެވެ. އެ ރީތި ހިނިތުންވުމާ އެކުގައެވެ. އަހަރެން ފަދައިން ލިއުޝާވެސް އޯލެވެލް ނިންމާލުމަށް ފަހު، މިއީ ފުރަތަމަ ވަޒީފާއެވެ. އޮފީސް މާހައުލާއި، މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ނެތަސް އަހަރުމެން އޮފީހުގެ ރިޝެޕްސަނުގައި އިންނަން އެންމެ އެކަށީގެންވަނީ ލިއުޝާ ފަދަ ރީތި، މަޑުމައިތިރި އަންހެން ކުއްޖެކެވެ. ޒަމާނުގެ ފެޝަންތަކުން ހައްދު ފަހަނަ އަޅާފައިނުވާއިރު ލިއުޝާގެ ހެދުން އެޅުމުގެ ސާދާގޮތް ފުރަތަމަ ދުވަހުވެސް އަހަންނަށް ފާހަގަ ކުރެވުނެވެ. މުޅި ދުވަހު އޮފީހުގެ މަސައްކަތުގައި ހޭދަ ކުރަމުން ދިޔައިރު ބޭއިހްތިޔާރުގައި ލިއުޝާގެ ހަރަކާތްތަކަށް ވެސް ބެލެއެވެ.
(ނުނިމޭ)
Read more »