- އަބްދުﷲ ޝަފީގް އަލީ-
އަހަރެންނާއި ލިއުޝާގެ ގުޅުން ބަދަހިވަމުންދިޔައީ ހިކުރިވަރަށްވުރެވެސް
އަވަހަށެވެ. އޮފީހަށް ނާދެވޭ ދުވަސްތަކުގައި އެކަކު އަނެކަކުގެ ހާލުބެލުމާއި، ދެމީހުންގެ
ދިރިއުޅުމުގެ ވާހަކަތަކަށް ޝެއަރ ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރަށް ދެމީހުން
ކައިރިވިއެވެ. ދެމީހުންގެ މިޒާޖުވެސް ވަރަށް ގުޅެއެވެ. އަހަރެން ގަޔާވާ ގިނަ ކަންތައްތައް،
އަހަރެންނަށް ވުރެ ކުރިން އެއީ ލިއުޝާގެ ވެސް ފެވަރިޓަށްވެއެވެ. ލިއުޝާ އަކީ އެކުގަ
ވަގުތު ހޭދަކުރަން ފަސޭހަ ރަހުމަތްތެރިއެކެވެ.
އަހަރެންގެ ދިރިއުޅުން ދެ ގުނަ ބުރަބޮޑުވެއްޖެއެވެ. ބައްޕާއާއި ބައްޕަގެ ރަހުމަތްތެރިއަކާ ގުޅިގެން ހުޅުވި ކެފޭގެ މަސައްކަތުގައި މުޅި
ރޭގަނޑު ކަހަލަ ގޮތަކަށް ހޭދަކުރަން ޖެހިއްޖެއެވެ. އެކަމަކު އެއީ އެއްވެސް މަޖުބޫރު
ކަމެއްނެތިއެވެ. ހަމަ އެކަނި ބައްޕައަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. ބައްޕަގެ އެދުމަކީވެސް
އަހަރެންގެ ކޮންމެސްވަރެއްގެ ހިއްސާއެއް މިކަމުގައި ވުމެވެ. އަހަރެން ހަވާލުވީ ރޭގަނޑު
ކެފޭގެ ހިސާބުތައް ނިންމުމާއި، މުއައްޒަފުންގެ މުސާރައިގެ ކަންތަކެވެ. އެހެން ކަންތައްތަކާ
އަޅާބަލާއިރު އެއީ ހަމަ ވަރަށް ލުއި މަސައްކަތެއްކަމަށް ބެލީމެވެ. މިގޮތަށްވެސް ރޭގަނޑުގެ
ހުސްވަގުތުތައް ފުރާލަން ބޭނުންވިއެވެ. މިމަސައްކަތްކުރަމުންވެސް އޮފީހުގެ އެއްވެސް
ކަމަކަށް ބުރޫއެރިޔަކަ ނުދެމެވެ.
ދިރިއުޅުމުގެ މި ބުރަ ކަމުގައި އަހަރެންގެ ހަމަ އެކަނި
ހިތްހަމަޖެހުމަކީ ލިއުޝާއެވެ. ލިއުޝާއާއި ވާހަކަދެއްކުމާއި، އެކީގައި ތަންނަނަށް ދިއުމެވެ. އަހަރުމެން ދެމީހުންގެ މިގުޅުމަކީ ހަމަ ރަހުމަތްތެރިކަމެވެ. ހަމަގައިމުވެސް އަހަރެންގެ
ހިތުގައި، ލިއުޝާއާއި ދޭތެރޭ ސީރިއަސް ލޯބިވެރިއެއްގެ ހައިސިއްޔަތުން ދެކޭހިތެއްނުވެއެވެ. މި ގުޅުން އެއަށްވުރެ ހިތްގައިމެވެ. ކުރީގެ ތަޖުރިބާތަކުން އަހަންނަށްވަނީ ލައްކަ ފިލާވަޅުތައް
ލިބިފައެވެ. ލިއުޝާގެ ހިތުގަ އޮތްގޮތެއް ނޭންގެއެވެ. ހަމަގައިމުވެސް އޭނަ އަބަދުވެސް
އަހަރެންގެ ހާލުބަލައެވެ. އަހަރެންގެ ބުރަ ދިރިއުޅުމުގެ ކަންތައްތަކުގައި ކުރިޔަށްދާންވީގޮތްތައްކިޔައިދީ
ހިތްވަރުދީ ހަދައެވެ. ރޭގަނޑު ނިދުމުގެ ކުރިން މެސެޖްކުރެއެވެ. އަދި ހެނދުނު ހޭލާއިރުވެސް
އެންމެ ފުރަތަމަ ފެންނާނީ ލިއުޝާގެ މެސެޖެވެ.
އަހަރުމެން ދެމީހުން އެކީގައި ތަންތަނަށް ދިއުން ގިނަވާން
ފަށައިފިއެވެ. ހެނދުނުގެ ސަޔާއި، މެންދުރު ކެއުމަށް ބޭރަށްދާން ފެށިގޮތައް، ރޭގަނޑުގެ
ގަޑިތަކުގައި ކޮފީތަކުންވެސް އަހަރުމެން ވަގުތު ހޭދަކުރަންފަށައިފީމެވެ. މާލޭގަ މިއުޒިކް
ޝޯވއެއް އޮތަސް އެތަނުގައި އަހަރުމެން ދެމީހުން ތިބޭނެއެވެ. ގާޑިއާތަކުން މަސްކާށި
ކެއުމާއި، ބޭރުމަގުގައި ސައިކަލް ބުރެއްޖެހުން އަދި ތޮށިގަނޑުމަތީ ވާހަކަދައްކާލަން
ތިބުމަކީ ހަމަ ކޮންމެ ރެއެއްގެ އާދައަކަށް ވެއްޖެއެވެ. އެހާވެސް ގިނައިން އަހަރުމެން
އެކީގަ ހޭދަވާ ވަގުތުތައް ގިނަވާން ފަށައިފިއެވެ. މިކަމާ އަހަރެންގެ ހިތް ބިރުގަންނަންފަށައިފިއެވެ.
އަހަރެން އެހާ އަވަހަކަށް ލޯބިވާކަށް ބޭނުމެއްނޫނެވެ. ތެދަށް ބުނާނަމަ އަހަރެންގެ ހަމަ
އެކަނި މަގްސަދަކީ ކުރީގެ ހަނދާންތައް ނައްތާލުމެވެ. އަންހެންކުއްޖަކާ އެކީ މަޖާ ވަގުތުތަކެއް
ހޭދަކުރުމެވެ. އަހަންނަށް ނުވިސްނުނީ ލިއުޝާގެ އިހުސާސްތަކެވެ. ލިއުޝާ ދެކޭގޮތެވެ. އަހަރެންގެ އެއްވެސް އެދުމަކަށް އިންކާރު ނުކުރަނީ، އަހަރެންނާ ދޭތެރޭ ކިހިނެތް ދެކޭތީބާވައެވެ.
"މިރޭ ވަރަށް ހާއްސަ ޝޯވ އެއް އެބައޮތް...ދާނަންތަ"..
އޮފީހަށް ވަތްގޮތަށް ލިއުޝާއަށް މިރޭގެ ޕްރޮގްރާމް ހުށަހެޅީމެވެ.
"އާނނ ކީއްވެ ނުދާންވީ،. ޝާޑުއާ އެކީގައެއްނު ، ކޮންމެ ރެ އަކުވެސް މިއުޅެނީ..."
ލިއުޝާގެ ފަރި ހިނިތުންވުމާ އެކީ ޖަވާބުދިނެވެ.
"ނޫން..މިރޭ މާލެއަކު ނޫނޭ ޝޯވ އޮތީ....ކުޑަބަނޑޮހުގަ..ވަރަށް
ދަންވަރު ނިމޭނީ .. އެކެއް ޖަހާއިރު ..އޯކޭތަ؟"..
ލިއުޝާގެ ޖަވާބަކަށް އިންތިޒާރުކުރީމެވެ. ލިއުޝާ ވިސްނަން
އިނެވެ. އަހަރެން ގެ މޫނަށް ބަލާލާފައި "މަންމަ ކައިރި އަހާލާފަ ޖަވާބެއް ދޭނެކަމަށް
ބުނުމުން" އަހަރެންވެސް އަވަހަށް އޮފީހުގެ މަސައްކަތްތައް ފެށީމެވެ.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ