Tuesday, January 10, 2012

" ތިޔަ ޚިޔާލުގައި މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ..." (4)

- އަބްދުﷲ ޝަފީގް އަލީ- 


ރީތީވެލައިގެން މިސްރާބު ޖެހީ އެއްނަމްބަރު ފާލަމާ ދިމާއަށެވެ. ހުކުރުދުވަހެއްކަމުން އެ ސަރަހައްދުގެ ހަލަބޮލިކަން މިގަޑީގައިވެސް ވަކިކުޑައެއްނޫނެވެ. ހަވީރުގަޑީގައި ހިނގާލަން ނިކުމެ އުޅޭ އާއިލާތަކާއި، ޖުމްހޫރީ މައިދާނުގައި އޮލަވާހަކައިގަ ޖެހިފައިތިބި ދިވެހި-ބިދޭސީން އަދިވެސް އެމީހުންގެ ވާހަކާގައި މަސްއޫލުވެފައިތިއްބެވެ. ރަސްމީ ފާލަމާ ދިމާލުގައި މިރޭގެ ޝޯވ އަށް ދާން ތައްޔާރުފެވަފައިވާ ދެ ޖިންސުގެ ޒުވާނުންގެ ހުނުމާއި ސަކަރާތުން މުޅި ސަރަހައްދު ފޫހިލާވަރުވިޔަސް އަހަންނަށް އަދިވެސް ހިތްހަމައެއް ނުޖެއެހެއެވެ. އެއްވެސް ޖަވާބެއްބުދީ ލިއުޝާ އޮފީހުން ދިޔައީ މަންމަ ހުއްދަ ދީފި ނަމަ އަންނާނެކަމަށް ބުނެފައެވެ. އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެފަދަ މަގާމަކަށް ލިއުޝާއެއް އަދި ނާދެއެވެ.

އެހިސާބަށްގޮސް ގަޑިބަލާލީމެވެ. އަދި ކިރިއާ 8.30 ވީއެވެ. މިރޭގެ ޝޯވް ނުވައެއްޖަހާއިރު ފެށުނަސް މި ގަޑީގައި ކުޑަބަނޑޮހަށް ދިއުމަށް ލޯންޗު ދަތުރުތައް ވަނީ ފެށިފައެވެ.  މިހާރު އެތައް ފަހަރަކު ލިއުޝާގެ ފޯނަށްވެސް ގުޅިއްޖެއެވެ. އެކަމަކު އަދިވެސް ޖަވާބެއް ނުލިބެއެވެ. އަހަރެން ކެތްތެރިކަމާއެކީ ދެކޮޅަށް ހިނގަންފަށައިފީމެވެ. ފާލަން ކައިރީގައިވާ މީހުންތައްވެސް މަދުވަމުން ދިޔައެވެ. ހުނުމާއި ސަކަރާތް ޖެހުމުގެ ތެރެއިން ލޯންޗުތަކަށް އަރާ އެމީހުންގެ މަންޒިލާ ދިމާއަށް ދަތުރުތައް ފެށީއެވެ.


ކުއްލިއަކަށް ފިނިއަތަކުން އަހަރެންގެ ލޯމަތީގައި އަތް އަޅައިފިއެވެ. އެއްވެސް ސުވާލެއްނެތި އެއީ ކާކުކަންވެސް އެނގިއްޖެއެވެ. އަހަރެންގެ ކަނދުރާއާ ނޭވާ އެޅޭ ހިސާބުގައި، އެލޫޅާފަތި އިނގިލިތަކުން އަހަރެންގެ ލޮލުގެ އެސްފިޔަތަކުގައި ބީހެން ލިއުޝާ ނޫން އެހެން މީހަކު ނުހުންނާނެއެވެ.

"ތިއީ ލިއު އެއްނު.." ލޯމަތިން އަތް ނައްޓާލުން އަހަރެން ބުނީމެވެ.

"އޭނ...ހާދަ މޮޅޭ،..މިހާރު އަހަރެން ނުފެނިވެސް ވަކިކުރަން އެނގުނީތަ..." ލިއު ސުވާލުކުރިއެވެ.

އަހަރެން އެ ސުވާލަށް ޖަވާބެއް ނުދެމެވެ. އެއަށްވުރެ ބޮޑަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނުވާ ނޭންގި، ލިއުއަށް އާދެވޭނެ ކަމުގެ އުއްމީދެއްނެތި، އުއްމީދަކަށް އިންތިޒާރުކުރަން ޖެހުނީތީއެވެ.

"ޝަކުވާ ނުކޮށްބަލަ...އަދިވެސް ނުބުނާނެ ރަނގަޅެކޭ، ރައްޓެއްސެއްގެ ޕާޓީއެކޭ ކިޔާފަ މިއައީ، ......ހުޅުލޭ އައިލެންޑު ހޮޓަލުގައޮތް ޕާޓީއެކޭ ވަރަށް ލަސްވެދާނެއޭ ވެސް ބުނިން، ވަރަށް މަސައްކަތްކޮށްގެން މަންމަގެ އާނ ބަސް ލިބުނީވެސް..."
ލިއުޝާ އަހަރެންގެ މޫނަށް ބަލަމުން ވީގޮތް ކިޔާދިނެވެ.
"ޝާޑަށް ވުރެ ކުރިން އަހަރެން މިތަނަށް އައިން...އެހެރަ ބުރުމަތީ އިށީންދެގެން އިނީ...ޝާޑު އުޅޭގޮތް ބަލަން.، ހާދަ ހާސްވެގެން، ކީއްވެތަ ދެކޮޅަށް ހިނގީ،  މީ ޝާޑުގެ އެއްވެސް މީހެއްނޫނެއްނު، ތިވަރުގެ އިންތިޒާރެއް ތި ކުރަނީ...."
ލިއު އަހަރެންގެ އަނގަބޭދޭ ސުވާލެއް ކުރުމަށް ފަހު ދުރައް ހިނގައިގަތެވެ.

އަހަރެން މަޑުމަޑުން ލިއުޝާގެ ފަހަތުން ގޮސް އަތުގަ ހިފީމެވެ. ލިއުޝާ ގެ ހިނގުން ހުއްޓުނެވެ. އަހަރެންނަށް ބޭއިހުތިޔާރުގައި މިކުރެވުނު ކަމަކުން ކުޑަކޮށް ލަދުވެސްގަތެވެ. ލިއުޝާގެ އަތުތެރެއިން ނެއްޓެމުން ދިޔަ އަހަރެންގެ ދެ އިނގިލާގައި، ލިއުޝާ ހިފާ ބާރުކޮށްލިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުން ގޮސް ކުރިމަތީގައި އޮތް ލޯންޗަށް އަރައިފީމެވެ. ނަސީބަކުން މީހުންވެސް ވަރަށް މަދެވެ. މާލޭގެ އަލިކަމުން ނެއްޓި ހަނދުވަރުމަތީގައި ލޯންޗު މަންޒިލަށް ދަތުރުފަށައިފިއެވެ. އަހަރެންގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށްކުރާ މިފަދަ ދަތުރެވެ. ކަނޑުމަތީގެ މި ހިތްގައިމުކަމާއި ފުރިހަމަ ކަމަކީ އަހަރެންނާއެކު ލިއުޝާ އިނީމަ ހިތަށް ލިބޭ ހިތްހަމަ ޖެހުމަކުން ލިބޭ ފުރިހަމަކަމެއްބާއެވެ. ނުވަތަ ހަމަ ހިތްގައިމު ރެއެއް ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ބުނަންނޭންގޭ ކަހަލަ އިހްސާސެއް ކުރެވިފައެވެ. އަހަރެންނާ ޖެހިގެން ލިއުޝާ އިނީ ބޭރު ބަލާށެވެ. އަހަރެންގެ މޫނާ ދުރަށް، ޖެހެމުންދާ ވައިރޯޅިން، އެ ލޯބިލޯބި ފަން އިސްތަށިގަނޑު ކިޔަމަން ކުރަމުން ދިޔައިރު، އެ މަންޒަރު ބަލަން އުނދަގޫވިއެވެ. އަހަރެންގެ ނިޔަތް ގޯސްވެދާނެތީއެވެ.

ލޯންޗު މަޑުމަޑުން ކުޑަބަނޑޮހުގެ ފާލަމަށް ކައިރިކޮށްފިއެވެ. އޭރުވެސް އަހަރުމެން ދެމީހުން، ދެ ހިޔާލަށް ގެއްލިފައި އެއްވެސް ވާހަކައެއް ނުދައްކާ ތިބީމެވެ. ލޯންޗު ކައިރިކުރުމުން، ދެން ފައިބަން ޖެހޭނެކަން އެނގިގެން، ފައިބާ ގޮތަށް، ދެމީހުންވެސް އެއްފަހަރާ ގޮނޑިން ތެދުވެ ފާލަމާ ދިމާއަށް ހިގައިގަތްފީމެވެ. ރަށުގެ ގޮނޑުދޮށަށް ދަމާ ރާޅުގައި ލޯންޗު ދެކޮޅަށް ތަޅުވާތީވެ އަހަރެން ހުރީ ލިއުޝާގެ އަތުގައި ހިފަހައްޓައިގެންނެވެ.


ފާލަންމަތީގަ ހުރެ މުޅި ރަށަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހިތްގައިމު މަންޒަރެކެވެ. ހަނދުވަރުގެ ސާފުސީދާ އަލިން ގަސްތައް ފެންނަމުން ދިޔައިރު، ރަށުގެ އުތުރު ފަރާތު ތުނޑީގައި މިއުޒިކް އަޑާއި ދެޖިންސުގެ ޒުވާނުންގެ ހަޅޭކުއަޑުން އިތުރު ޖޯޝެއް ގެނުވައެވެ. އަހަންނަކީ މިއުޒިކާއި ލަވަޔަށް ފޯރި ހުންނަ މީހަކަށްވާތީ އަވަހަށް މިސްރަބު ޖެހީ އެދިމާއަށެވެ. އޭރުވެސް ލިއުޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާ ސުވާލެއްވެސް ނުކުރަމެވެ. އެއަށްވުރެ ބޮޑަށް ދެފަޔަށް ބާރުލަފައި ހިނގަންފެށީ ސްޓޭޖް ހުރި އުތުރު ފަރާތު ތުނޑިއާ ދިމާއަށެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ