Sunday, January 15, 2012

"ތިޔަ ޚިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ...." (5)

- އަބްދުﷲ ޝަފީގް އަލީ - 



އަހަރުމެން ދެމީހުން މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ދިމާއެއްގައެވެ. މިއުޒކްގެ އަޑާއި، ދެ ޖިންސުގެ ޒުވާނުންގެ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ. ޝޯވ ގެ ފޯރި އިރަކަށްވުރެ އިރެއް ގަދަވަމުން ދިޔައެވެ. އަހަރެންވެސް ހުރީ މިއުޒިކްގެ ތެރެއަށް ރަނގަޅަށް ގެއްލިފައެވެ. މޫދު ލޮނުގަނޑުގެ ތެތްފިނި އިހުސާސްވަމުން ދިޔައިރު އަނެއް ފަރާތުގައި ހުރި ލިއުޝާގެ ނަޒަރުވެސް ހުއްޓިފައިހުރީ ސްޓޭޖަށެވެ. ބަލާބެލުމަށް ހާސްވެފަ ހުއްޓަސް އެއްވެސް ވާހަކައެއް ނުދައްކައެވެ.


 ޝޯވ ބަލަންތިބި މީހުން އެކިކޮޅުކޮޅަށް ދިއުމަށް ހަރަކާތްތައް އަވަސްވެއްޖެއެވެ. މަޑުމަޑުން ސްޓޭޖާ ދުރައްދާން ފަށައިފިއެވެ. ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް އުޑުމަތިން ފެންނަމުން ދިޔައެވެ. ކުރިން ދެމުންއައި ހަނދުވަރުގެ އަލިކަން ކެނޑި އުޑުމަތި ބަނަވެއްޖެއެވެ. ރަށުގެ ހުޅަނގުފަރާތު އުދަރެހުން އަރަމުން އައި ހާފުސްކޮޅުން މަޑުމަޑުން ހިމަފޮދު ވާރޭގެ ތިކިތަށް އަހަރުމެންނާ ހަމައަށްވެސް ފޯރައިފިއެވެ.

"ހިނގާ ހިޔާވެލަން..ތެމިދާނެ"
ލިއުޝާ އުޑުމަތި ބަލަމުން ބުންޏެވެ
"ނޫން..އަދި މިވަރަކުން ނުތެމޭނެ...އެހާ އަވަހަށް ފޯވާން ތީ ކަރުދާސްކޮޅެއްތަ،.."
އަހަރެން ޖަވާބު ދިނީމެވެ.

ލިއުޝާ ވަރަށް މާނައިން ފުރިގެންވާ ގޮތަކަށް އަހަންނަށް ބަލާލާފަ ހީލިއެވެ.
"މި ހިމަފޮދުވާރެއިން ނުތެމޭނެކަމެއް ކިހިނެތް އެނގޭނީ،..ކިތަންމެ ހިމަފޮދު ތިކިތަކެއްވިޔަސް ކޮންމެ އިރަކުވެސް ތެމިފޯވެދާނެ، އެކަމުގެ އިހްސާސެއްވެސް ނުވެ..ނޫނީ ވެދާނެ މިއީ ކުރިއަށް އަންނަންއޮތް ބޯވާރޭގެ ނިޝާނަކަށްވެސް"

"އާނ..ދޮގެއްވެސްނޫނޭ ދޯ..ހިނގާ ހިޔާވެލަން"
އަހަރެން ހިގައިގަންނަމުން ބުނީމެވެ.

ދެމީހުން އެއްގަމާ ދިމާއަށްހިގައިގަތްއިރުވެސް އެއްބަޔަކު ޝޯވ ފޯރީގަ ތިއްބެވެ. އަހަރުމެންފަދައިން ހިޔާވެލާނެތަނެއް ހޯދަން މިސްރާބު ޖަހާފައިވާ މީހުންތައްވެސް މަދެއްނޫނެވެ. މަޑުމަޑުން ހިނގަމުން ރަށުގެ ދެކުނު ފަރާތުގެ ފުނަ ގަސްތަކާ ހަމަޔަށް ދެވުނު އިރު، އެހިސާބުގައިވެސް މީހުން ވާރެއާ ހިޔާވުމަށާއި އެކިއެކި ވާހަކާގައި ތިއްބެވެ. އެމީހުންނަށް އުނދަގޫވެދާނެތީ އަހަރުމެން މިސްރާބު ޖެހީ ހޭޅިފަށުގައި ހުރި މަގޫގަސްތަކާ ދިމާއަށެވެ. އަހަރެންނާ އެއްވަރަށް ލިއުޝާވެސް ހިނގަމުންއައެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ.

އަހަރުމެން އިށީނީ ތަންކޮޅެއް ބޯކޮށް ހެދިފައިވާ މަގޫގަސްތަކެއްގެ ދަށުގައެވެ. ގޮނޑުދޮށަށް ކަނޑާލާފައިވާ ގުންޑޮޅިގަނޑުން ކިތަންމެ ރަނގަޅަކަށްވެސް އެތަނުގައި އިށީންދެވޭ ވަރުވެއެވެ.. ލިއުޝާވެސް އަހަރެންނާ ޖެހިގެން އިށީންދެލައިގެން ކުރިމަތީއޮތް މޫދަށް ނަޒަރުހުއްޓާލިއެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ލިއުޝާގެ ފުން ދެލޮލަށެވެ. ކަންބޮޑުވެފައިވާ މޫނަށެވެ. އަހަރެން އަދި މިހާކައިރިން ލިއުޝާއަށް މިގޮތަކަށް ނުބަލަމެވެ. މިވަގުތާއި ހާލަތުގެ ގޮތުން އަހަރެންނަށް ލިއުޝާ ފެންގޮތް ތަފާތުވަނީކަންނޭނގެއެވެ. ހަމަގައިމުވެސް އަހަރެންގެ ނަފްސު ފުރަތަމަ ފަހަރަށް އަހަރެންގެ އިހުތިޔާރުން ބޭރުވިއެވެ.

މަޑުމަޑުން ލިއުޝާގެ ފުރަގަހުން ކޮނޑުގައި ހިފާ އަހަރެންގެ ކޮނޑާ ކައިރިކޮށްލީމެވެ. އޭރުވެސް އަހަރެންގެ މޫނަކަށް ލިއުޝާ ނުބަލައެވެ. އެގޮތަށް އިނދެ އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެން އެތަނުގައި އޮށޯވެލީމެވެ. ލިއުޝާގެނެސް އަހަރެންގެ މޭމަތީ ބާއްވާލީމެވެ. ވަރަށް ލޯބިން އަހަރެންގެ މޭގައި ބޯއަޅާލިއެވެ. އަރާމު ތަންމައްޗަކަށް އިންތިޒާރުކުރަމުންއައި ކުޑަ ކުއްޖެއް ފަދައިންނެވެ. އަހަރެންގެ މޭގައި ބޯއަޅާލައިގެން އޮވެ މަޑުމަޑުން ލޯމަރާލިއެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރޭހުއްޓާލައިފިއެވެ. ލޯންޗުތަކުގެ އިންޖީނުގެ އަޑުން ފުރާ ގަޑިޖެހިއްޖެކަން ހަނދާންކޮށްދިނެވެ. ގަޑިބަލާލުމަށްފަހު ކުއްލިއަކަށް ދެމީހުންނަށް އެއްފަހަރާ ތެދުވެވުނެވެ. ތިބެނީ ކިހާއިރެއްވަންދެންކަންވެސް އިހުސާސެއްނުވާ ކަހަލައެވެ.
އަހަރެންގެ ގަމީހުގައި ތަތްވެފައިވާ ވެލިތައް ވަރަށް ލޯބިން ލިއުޝާ ފޮޅާދިނެވެ. އަހަރެންވެސް ލިއުޝާގެ ހޭވިފައިވަ ފަން އިސްތަށިގަނޑު ރީތިކޮށްދިނީމެވެ. ދެންމެ ހިނގާދިޔަ ކަންތަކަކީ ހުވަފެނެއްނޫނެވެ. ކުރިން އޮމާންކޮށް އޮތް ސާފު ވެލިގަނޑުގައި ހުރި ނިޝާންތަކަށް އަހަރެން ބަލާލީމެވެ. މިހާރު ތަރުތީބެއްނެތި ފަސްބާޑިޖެހިފައިވާ ވެލިގަނޑުން އަހަންނަށް ހަނދާންކޮށްދިނީ ދެންމެ ހޭދަވި ވަގުތުކޮޅުގެ ހިތްގައިމުކަމެވެ. އަހަރުތަކެއްވަންދެން ހިތުގައި ވަޅުޖެހިފައިވާ އަހަރެންގެ ހިއްސުތައް ހޭލިވަގުތުކޮޅެވެ.

ލޯންޗަށް އެރުމަށްފަހު އަހަރެންގެ ކޮޑުގައި ލިއުޝާ ބޯ އަޅާލިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

މާލެއައިގޮތަށް އަވަހަށް މިސްރާބުޖެހީ ލިއުޝާމެންގެ ގެއަށް ދިއުމަށެވެ. ސައިކަލުގެ މުއްގަނޑު ފެލާލުމަށްފަހު ވީހާވެސް އަވަހަށް ގެއަށް ދާން ބޭނުންވިއެވެ. ލިއުޝާ މަންމަ ހޯދާނެތީއެވެ. ލަސްވީއެވެ. މާބޮޑަށްވެސް ލަސްވީއެވެ. ލިއުޝާއަކީ މީގެ ކުރިން މިގޮތަށް އެހާ ދަންވަރު ބޭރުގައި އުޅެފައިވާ ކުއްޖަކަށް ނުވާތީ އޭނަ ހާސްވާނެ ވަރު އަހަންނަށް އިހުސާސް ކުރެވެއެވެ.

ލިއުޝާގެ ގެއަށްދެވުނުއިރު 2 ޖަހަނީއެވެ. ލިއުޝާ އުޅެނީ ގޭގެ ދެވަނަ ބުރީގައެވެ. އަހަރެން ލިއުޝާއާއި އެއްކޮށް މައްޗަށް އެރީމެވެ. މި ވަގުތުގެ ގޮތުންނާއި އަދި ސިޑިވެސް ނިވާލާފައިވާތީއެވެ. ގޭތެރެއިން ފެންނަނީ ފަނޑުއަލިކަމެކެވެ. ލަފާކުރެވޭގޮތުގައި އެންމެން ނިދީއެވެ. ގޭގެ ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ދޮރުގަ ޖަހާލިއިރުވެސް އެތެރެއަކުން ހަބަރެއް ނުވިއެވެ. ލިއުޝާ ހާސްވެގެން ގޮސް ހުރީ ދާހިއްލާފައެވެ. އެހާ ލަހުން ގެއަށް އައިސް މަންމަގެ ކުރިމައްޗަށް އަރާނެގޮތެއްހިތަށްއަރާފައެވެ.

"ދެން ކިހިނެތް ހަދާނީ" އަހަރެން ސުވާލުކުރީމެވެ.
ވަރަށް ހާސްވޭ...މަންމަ ރުޅިއަންނާނެ ދޯ" އިސްދަށްޖަހައިގެން ހުރެ ލިއުޝާ ޖަވާބުދިނެވެ.
"ދެން ނެތްތަ އިތުރުގޮތެއް..ގޭގެ ކޮންމެވެސް މީހަކަށް ގުޅާބަލަ"

ސައިލެންޓަށް ލާފައިވާ ލިއުޝާގެ ފޯނު ހުޅުވާލިއެވެ. ގެއިން އެތައް ކޯލުތަކެއް މިސްޑްވެފައި ހުއްޓެވެ. ފޯނުކުރުމުގެ ބަދަލުގައި އަހަރުމެން ނިންމީ އެތާ މަޑުކޮށްލުމަށެވެ. ކޮންމެވެސް މީހެއްގެ ހިލަމެއް ވުމުން ދޮރުގައި ޓަކިދިނުމަށެވެ. ގެއަށް ފޯނުކޮށްގެން އެންމެން ހޭލައިގެން ބޮޑު ކަންތައްގަނޑެއްވާން ނޭދޭތީއެވެ.
ފަނަރަވަރަކަށް މިނެޓް ސިޑިމަތީ މަޑުކޮށްގެން ތިބުމަށްފަހު، އެންމެ ފަހުން ނިންމީ ލިއުޝާގެ ދޮންތައަށް ގުޅުމަށެވެ. އެ ފޯނަށް ދެތިން ފަހަރަކު ގުޅިއިރުވެސް ފޯނެއް ނުނަގައެވެ. އަހަރުމެން އޭރުވެސް ތިބީ ސިޑިމަތީ އިށީންދެލައިގެންނެވެ.

"ހިނގާ ސައިކަލް ދުއްވާލަން..އިރުކޮޅަކުން ދޮންތަ ގުޅާނެ، އެހެންނޫނީ ޓްރައިކުރާނީ ދޯ" އަހަރެން އެތަނުގައި އިނދެ ވަރުބަލވެގެން އެންމެފަހުން އިތުރުގޮތެއް ހުށައެޅީމެވެ.
"ހިނގާ.." ލިއުޝާ ގޭގެދޮރާ ދިމާއަށް ބަލާލަމުން ޖަވާބުދިނެވެ.

ދެމީހުން ސައިކަލަށް އަރައިގެން އެއްވެސް މަންޒިލެއްނެތި ދުއްވަން ފެށީމެވެ. ވިއްސާރައިގެ އަސަރު އަދިވެސް ފެންނާތީވެ، މާހައުލު ވަރަށް ފިންޏެވެ. މަގުތައްވެސް ފެންނަނީ ވަރަށް ފަޅުކޮންނެވެ. ވައިޖެހޭގޮތުން ހީވަނީ ހަމަ ދެންމެދެންމެ ވާރޭއޮއްސާލަފާނެހެންނެވެ. އަހަރުމެން ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ކޮންމެވެސްތަނެއްގައި މަޑުކުރަން ބޭނުންވިއެވެ. އަނެއްކޮޅުން ވާރޭގެ ނިޝާންވެސް ފެންނާތީވެ، ކުށްލިއަކަށް ވާރެއޮއްސާލިޔަސް ހިޔާވާނެ ތަނެއްވެސް ހޯދަން ޖެހެއެވެ. މިގަޑީގެ ގޮތުން ކެފޭތައްވެސް ވަނީ ބަންދުކޮށްފައެވެ. އާސިމްއަކީ އެކަނި އުޅޭ މީހެކެވެ. ފަހަރެއްގައި އެގޭގަވެސް މަޑުކޮށްލެވިދާނެއެވެ. ލިއުޝާގެ ދޮންތަ ގުޅަންދެނެވެ. ނަސީބުވަރަށް ރަނގަޅެވެ. އާސިމްއިނީ ރިސޯޓެއްގައި އުޅޭ އަހަރުމެންގެ ރައްޓެއްސެއް ހިފައިގެން އުޅޭ ގެސްޓުހައުސްއެއްގައެވެ.  އަހަރެން މިސްރާބު ޖެހީ އެ ދިމާއަށެވެ. ގެސްޓުހައުސްއަށް ކައިރިކުރިއިރު، އަހަރުމެންގެ އިންތިޒާރުގައި ދެމީހުން ތިބީ ތިރީގައެވެ. ސައިކަލު ޕާކުކުރުމަށްފަހު އަހަރުމެން މިސްރާބު ޖެހީ ރަހުމަތްތެރިޔާގެ ކޮޓަރިއަށެވެ. އަހަރުމެން ހަތަރު މީހުން ތިބީ ކޮޓަރީގައި ވާހަކަދައްކާށެވެ. ޑްރެސިންގޓޭބަލްގެ ގޮނޑީގައި ލިއުޝާ އިސްޖަހާލައިގެން އިނެވެ. އަހަރުމެން ބަނޑުހައިވެފައިވާކަން އެނގުމުން އާސިމްއާއި ވަހީދު އާއި ދެމީހުން ނިންމީ ކާއެއްޗެއްބަލާ ބޭރަށް ދިއުމަށެވެ.

އެދެމީހުން ބޭރަށް ދިއުމުން އަހަރުމެން ތިބީ ކޮޓަރީގައި އެކަނިވެފައެވެ. ދައްކާނެ ވާހަކައެއްވެސް ނޭންގިފައެވެ. ދުރުގައި އިށީންދެގެން އިން ލިއުޝާއަށް ބަލާލީމެވެ. މަޑުމަޑުން ގޮސް ފަހަތުން ބައްދާލީމެވެ. ބޭއިހްތިޔާރުގައެވެ. ހަމައެކަނި ދެމީހުންނަށް ބަންދުތަނެއްގައި މިނިވަންކަން ލިބުމަކުންނޫނެވެ. އަހަރެންގެ ހިތް އެކަމަށް އެދި އިހުސާސް ކުރެވުމުންނެވެ.  ލިއުޝާވެސް ކުރިމައްޗަށް އެނބުރި ވަރަށް ލޯބިން އަހަރެންގައިގަ ބައްދާލިއެވެ.
ގޮނޑިން ތެދުވެ ހަށިގަނޑު ތެދުކޮށްލުމަށްފަހު އަހަރެންގެގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. މަޑުމަޑުން އެނދާދިމާއަށް ހަރަކާތްކޮށްލެވުނެވެ ބޭއިހުތިޔާރުގައެވެ. އޭރުވެސް ލިއުޝާ ވަނީ އަހަރެންގެ ގައިގަ ރަނގަޅަށް ތަތްވެފައެވެ. އެ މޫނު އަހަރެންގެ މޭގެ ތެރޭގައި ފޮރުވާލައިގެން ބޮނދަން އުޅޭކަހަލައެވެ. ދެމީހުންނަށްވެސް އެނދުގައި ޖައްސާލެވުނީ އެއްވެސް އިހުތިޔާރެއްގައެއް ނުވަތަ އެކަކުއަނެކަކު ބާރެއްގައެއްނޫނެވެ. ހިތް އެއް މަންޒިލަކަށް ދަތުރުކުރާތީވެ ފިލްމެއްގެ ރޯލުލަސް ހަރަކާތްތަކެއްހެން އަހަރުމެންވެސް ހަރަކާތްކުރަމުން ދިޔައީއެވެ. ލަސްލަހުން މަޑުމަޑުންނެވެ. އެނދުގައި ރަނގަޅަށް ހަށިގަނޑު ދަމާލުމަށްފަހު ލިއުޝާ އުނަގަނޑުގައި ހިފާ އަހަރެންގެ ކައިރިއަށް ދަމާލީމެވެ. އެ ލުއިލުއި ހަށިގަނޑުގެނެސް އަހަރެންގެ އަތުތެރޭގައި، ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް 'ހައްޔަރު'ވިއެވެ.


ކުއްލިއަކަށް ސިއްސައިގެން ދިޔައީ ލިއުޝާގެ ފޯނު ރިންގުވާ އަޑަށެވެ. އަހަރުމެންނަށް ތިބެވުނީ ކިހިނެތްކަން ހަނދާންވިއެވެ. ހަމަ ބިމަށް ހަމަ ވިސްނުމަށް އާދެވުނުފަދައެވެ. ލިއުޝާ ލަދުން މޫނު ފޮރުވާލިއެވެ. އަދި އަހަރެންނާ ދުރަށް ޖެހިލުމަށްފަހު،. ރޫއަރާ ބޮނޑިކެރުވެމުންދިޔަ ބެޑްޝީޓުން ލިއުޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ.

"ހަލޯ...ކޮބާ މަންމަ...އަހަރެން ހޯދިތަ، ރުޅިއައިސްފަ ދޯ..." ހާސްވެފައި ލިއުޝާ އެއްފަހަރާ ސުވާލުކުރަންފެށިއެވެ.
"މަންމަ އެބައޮތް ސިޓިންރޫމްގަ ނިދާފަ..ކޮންތާކު ތިއުޅެނީ،..އަވަހަށް ގެއަށް އާދޭ"
އެކޮޅުން ޖަވާބުދިނެވެ.
ލިއުޝާ އަހަރެންނާ ދިމާއަށް ބަލާލީއެވެ. އެނބުރިގެއަށް ދިއުމަށް ނުވަތަ މި އިހުސާސުން އެކްސިޓްވާން ބޭނުން ނޫނޭ ބުނާފަދަ ގޮތަކަށެވެ. މަޑުމަޑުންއައިސް އަހަރެންގެ މޭގައި ތަތްވެލިއެވެ.
"ފަތިހުން ދާނަން...ކުޑަކަމަކު...ގޮއްސަ ހުރިހާ ވާހަކައެއް ކިޔާދޭނަން...ދޮންތި، ޕްލީޒް ހެލްޕްމީ" ލިއުޝާ ގެއަށްދާން ބޭނުންނުވާ ރާގަކަށް ބުންޏެވެ.

ލިއުޝާ ފޯނު ބޭއްވުމަށް ފަހު އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަހަރެންގެ މޭގައި މޫނުފޮރުވައިގެން، އަހަރެންގެ ހަށިގަނޑު ތެރެއަށް ބޮނޑިވެލިއެވެ. އަހަރެންގެ ފޯނުން އާސިމްއަށް މެސެޖެއްކުރުމަށް ފަހު ލިއުޝާ ދުރުކޮށްލީމެވެ. ބެޑުޝީޓް ނަގައި ދުރަށް ޖައްސާލީމެވެ.

އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ދުވަހަކުވެސް ނުކުރާ ތަޖުރިބާއެއް، ނުކުރެވޭ އިހްސާސެއްގެ ތެރެއަށް ގެނބި ގަރަގުވަމުން ދިޔައެވެ. ލިއުޝާގެ ލޮލުން ކަރުނަ އަންނަމުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރީ، އަންހެނަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ދެވޭތީ އެކަމުގެ ހިތާމައިގަ ނުވަތަ އުފަލުގައި ކަމެއް އަހަންނަކަށް އިހްސާސެއްނުވިއެވެ. އަހަރެންގެ ސިކުނޑިއާއި ހިތަށްވުރެ އަވަހަށް އެހެން ގުނަވަންތައް މަސައްކަތްކުރަމުންދާ ކަހަލައެވެ.


(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ