Saturday, December 31, 2011

" ތިޔަ ހިޔާލުގައި މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ.." (2)

- އަބްދުﷲ ޝަފީގް އަލީ-




އަހަރެންގެ މަސައްކަތް ހުންނަގޮތުން ގިނަ ވަގުތު އުޅެން ޖެހެނީ އޮފީހުން ބޭރުގައެވެ. ނަމަވެސް ލިއުޝާ އޮފީހަށް ވަނުމުން، އޮފީސްތެރޭގައި ވަގުތު ހޭދަކުރެވެން ފަށައިފިއެވެ. ލިއުޝާއާ ދޭތެރޭ ބެހެއްޓޭ ހާއްސަ ކަމަކުން، އަހަރެންގެ އޮފީހުގެ މަސައްކަތްތަކަށް ބުރޫއަރާކަށް ބޭނުމެއްނޫނެވެ. އަހަންނަކީ އެއަށްވުރެ ފޯރިއާއި، ޖޯޝުގައި މަސައްކަތްކުރާ މީހެކެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އޮފީހުގެ ވެރިންގެ ކުރިމަތީގައި އަހަރެންގެ މަގުބޫލުކަން ލިބުމުގެ އެންމެ ބޮޑު ސިއްރަކީވެސް އެއީއެވެ.

މިކަމުގެ ހައްލެއް ބޭނުންވެގެން ފުރަތަމަވެސް ވާހަކަދެއްކީ އަހަރެންގެ ރަހުމަތްތެރި އާސިމްއާއެވެ. ލޯބީގެ ތަޖުރިބާ މަދު، އެހެނަސް އަހަރެންގެ ތިބި މަދު ރަހުމަތްތެރިންގެ ތެރޭގައި އެންމެ އިތުބާރުކުރެވޭ އެކަކީ އާސިމެވެ. ކުޑައިރުން ފެށީގެން ބަދަލެއްނުވެ ހުރި ހަމަ އެކަނި ރަހުމަތްތެރިޔާއެވެ.

" ބުނަން ރަނގަޅު ވާހަކައެއް..އަންހެން ކުދިންނާ އެހާ ސީރިއަސްވާކަށް ނުވާނެ..ކިތަންމެ ހިތްކިޔާ ކުއްޖަކު ފެނުނަސް، އެ ނުވެދާނެ ރަނގަޅު ކުއްޖަކަށް...ދިރިއުޅުމުގެ ތި ހުސްކަމުގެ ސަބަބަކީވެސް ކުރިން ދިމާވި އަންހެން ކުދިންނާ އެކީ ކުރި ހިތި ތަޖުރިބާތައް..އެހެންވީމަ އަހަންނަށް ފެންނަނީ ހަމަ ތި އަންހެންކުއްޖާ ދޭތެރޭ ނުވިސްނަން.."
އާސިމް ގެ ހިޔާލު ފާޅުކުރިއެވެ.

" ……..އަދިވެސް އެހެން ހިޔާލެއް ދީފާނަން.. ބުނެ އެއްނު ދަގަނޑު ކެނޑޭނީ ދަގަނޑުންނޭ..އެހެންވީމަ ލިއުޝާ އާ އެކީ 'މަޖާ' ވަގުތު ކޮޅެއް ހޭދަކޮށްލަބަލަ...ހަމަ މަޖާކުރާނީ..އޭރުން އެހެން ހިޔާލުތަކުން ސަލާމަތްވެ، ކުރީގެ މާޒީވެސް ހަނދާން ނެތިދާނެ....ބުނަން ، ސީރިއަސް ނުވާތި..."
ވަރަށް މާނައިން ފުރިގެންވާ ގޮތަކަށް އާސިމްގެ ދެވަނަ ހިޔާލުވެސް ދިނެވެ.

އަހަންނަށް ވިސްނަން މަޖުބޫރުވިއެވެ. މިފަހަރު ދިރިއުޅުން ތަފާތުކޮށްލަން ޖެހެއެވެ. އާސިމް އެބުނީވެސް ދޮގެއްނޫނެވެ. މީގެ ކުރިން ތަފާތު ހިތި ތަޖުރިބާތައްވަނީ ކުރެވިފައެވެ. އެއީ އަލުން ހަނދާންކުރަން ބޭނުންވާ ވަރުގެ މާޒީއެއްނޫނެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ހެނދުނާ އޮފީހަށް ގޮސް، ލިއުޝާއާއި ވާހަކަ ފަށާނެ ގޮތަކާ ދޭތެރޭ ވިސްނާލީމެވެ. ހޮނިހިރު ދުވަހެއްކަމަށް ވުމުން އަހަރެންގެ މަސައްކަތްތައްވެސް ވަރަށް ލުއި ދުވަހެކެވެ.

".........ސައިބޯން ދާނަންތަ"؟
ކައުންޓަރު ކައިރިއަށް ހުއްޓި، ވަރަށް ހިތްވަރުކޮށްފައި އަހާލީމެވެ.
"އުމް..ނޫން...ސައިބޯހިތެއްނެތް"
ފޮތަކަށް ގެއްލިފައިން ލިއުޝާ ޖަވާބުދިނެވެ.
" ...ދެން ކޮފީއެއްވިޔަސް އޯކޭ ދޯ..ދާނަން؟؟.."
ދެވަނަ ފުރުސަތަކަށްވެސް ދައުވަތު ދިނީމެވެ.
" އޯކޭ...ހިނގާ .." ވަރަށް ލަދުން ހުރެ އެއްބަސްވިއެވެ.

ދެމީހުން މިސްރާބު ޖެހީ ކައިރީގަ ހުރި 'ލަސަކުރާ' އަށެވެ. ކެފޭ އަށް ވަދެވެންދެން ދެމީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކަމެވެ.
ސަޔަށް އޯޑަރު ދިނުމަށް ފަހު ދެމީހުންވެސް ފެށީ އޮފީހުގެ ވާހަކައެވެ. އެކި އެކި މަސައްކަތްތަކުގެ ވާހަކައެވެ. އޮފީހުގެ ވާހަކަ ނިމުމަށް ފަހު ދައްކާނެ ވާހަކައެއް ނޭންގުނެވެ. އަނެއްކާވެސް ހިމޭން ވަގުތުކޮޅެކެވެ.
މި ހިމޭންކަން އަހަންނަށް އުނދަގޫ ކުރަމުން ދިޔައެވެ.

"މިއަދު ހާދަ ސަޅިއޭ...ތި އޮފީސް ކިޓް...ވަރަށް ގުޅޭ"..
އަހަރެން ބުނީމެވެ.
" އެހެންތަ...ޝާޑު ވެސް، ވަރަށް ސްމާޓޭ.."
ހީލަމުން ލިއުޝާވެސް ޖަވާބު ދިނެވެ.
އެ ހިސާބުން ދެމީހުންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައް ހިއްސާކުރީމެވެ.
ލިއުޝާ އުޅެނީ ކުއްޖަކާ ރައްޓެހިވެގެން ކަމާއި، ނަމަވެސް އެއީ ކަނިވެ ނިވެމުންދާ ގުޅުމެއް ކަންއެނގުނެވެ. ލޯތްބަށް ވުރެ ރަހުމަތްތެރިކަން އޮތް ގުޅުމެއްކަމަށްވެސް ބުންޏެވެ. އޮފީހަށް އައިސް ގޮސް ހަދަނީވެސް އޭނައާއި އެކު ކަމަށާއި، އެއީ ދެން އިތުރު އެހެން ގޮތެއް ނެތީމައެވެ.
އަހަރެންގެ ދިރިއުޅުމުގެ ބައެއް ވާހަކަތައްވެސް ހިއްސާކުރީމެވެ. އަހަރެންގެ އެކަނިވެރި ހަޔާތުގެ ވާހަކައަށް ވުރެ ބޮޑަށް ދެއްކީ ކުރިއަށް، މުސްތަގުބަލު ރާވަން ހިޔާލުކުރާ ގޮތުގެ ވާހަކައެވެ. ކުރީގެ ވާހަކަތައް ދައްކައިގެން، އަންހެން ކުއްޖެއްގެ ފަރާތުން އިތުރު ހަމްދަރުދީ އެއް ބޭނުންނުވާތީއެވެ.

ލަސަކޫރާއިން ނިކުތްއިރު ދެމީހުންވެސް ތިބީ ކުރީގެ ބީރައްޓެހިކަން ކެނޑިފައެވެ. އަހަރެންގެ ބައެއް މަޖާ ވާހަކަތަކުން ލިއުޝާ ހެމުން ދިޔައިރު ދުރުން މަންޒަރު ބަލާ މީހަކަށް ހީވާނީ ހާއްސަ ގުޅުމެއް އޮތް ދެމީހުންހެންނެވެ.

ކަންތައްވީވެސް އެގޮތަށެވެ. އޮފީހަށް ވަތްގޮތަށް ކުރިމަތިވީ ދުރުން މަންޒަރު ބަލަން ހުރި ލުތުފީގެ ސުވާލުތަކެވެ. އޮފީހުގެ އެކައުންޓްސްގަ އުޅޭ ލުތުފީ އަކީ އޮފީހުގެ އެންމެ ގާތް އެކަކެވެ.

"ނޫން...ހަމަ ފްރެންޑްސް އިނގޭ...އެއްވެސް ގޯސް ހިތެއް ނެތް"
ލުތުފީގެ ސުވާލަށް ޖަވާބު ދިނީމެވެ.

" ވިސްނައިގެން އުޅޭތި...އޮފީހުން ބިޓެއް ނެގުމަކީ އެހާ ސަޅި ކަމެއްނޫން.،،އެނގޭދޯ، މީޙުން ބުނެއެއްނު ހިހޫތަނުން ކެވޭ ލޯތްބަކީ އޮފީސް ލޯތްބޭ.."
ލުތުފީ އިންޒާރެއް ފަދައިން ބުންޏެވެ.
" އެނގޭ....އެކަމަކު ތިހިސާބަކަށް މި ގުޅުމެއް ނުދާނެ،..ތީވެސް އޮފީސް ރައްޓެއްސެއް، ލިއުޝާވެސް އެއީ ހަމަ ތި ކަހަލަ ރައްޓެއްސެއް.."
އަވަހަށް ސަލާމަތް ވުމުގެ ގޮތުން ޖަވާބުދީފައި ސެކްޝަނަށް ވަނީ އެ މައުލޫގައި ލުތުފީ އިތުރު ސުވާލެއް ކުރިމަތިވެދާތީއެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ