Saturday, March 3, 2012

"ތިޔަ ހިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ.." (6)

- އަބްދުﷲ ޝަފީގް އަލީ -
 
މުޅިން އާ ދުވަހަކަށް ބައްދަލުކުރީ އަހަރެންގެ ހަޔާތަށްވެސް ބޮޑު ބަދަލެއް ގެނުވާފައެވެ. ފާހާނާ ތެރޭގައި ފެނުން ފޯވަމުން، ގައިން ފައިބަމުންދާ ފެންތަކާއެކު ތެމިފޯވެފައިވާ ބެޑްޝީޓް ފައިބުޑުގައި ގުޅައަކަށް އޮތެވެ. ފެނުން ދޮވެ ފިލުވިޔަސް ލިއުޝާގެ އަގުބޮޑު އެ ހަނދާން ހިތުން ފިލުވާނީ ކިހިނެއްހެއްޔެވެ.

އޮފީހަށް ދެވުނުއިރު ވަރަށް ބޮޑަށް ގަޑިޖެހިއްޖެއެވެ. ކިތަންމެ ބަލިވެ އުޅުނަސް ހިނގާބިނގާވެ އުޅެވޭ ނަމަ އަބަދުވެސް އޮފީހަށްދަމެވެ. ކައުންޓަރުގައި ލިއުޝާ އެއްދިމާއަކަށް ގެއްލިފައި އިނެވެ. އަހަރެން ހުރަސްކޮށްލާފަ ދިއުމުން ބަލާވެސްނުލައެވެ. އަހަރެންވެސް އެހާބޮޑު ސަމާލުކަމެއްނުދެމެވެ. މިގުޅުން މިހިސާބަށް ގެންދާކަށް ބޭނުމެއްވެސްނޫނެވެ. ހާއްސަކޮށް އޮފިސްތެރޭގައި މިފަދަ ގުޅުމެއް އުފެދުމަކީ އަހަންނަށް އެހާ ހިތްހަމަޖެހޭ ކަމެއްނޫނެވެ.

މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ފޯން ރިންގުވާ އަޑު އިވެންފެށިއެވެ. ރިންގުޓޯނުން އެއީ އޮފީސް އެތެރޭގެ ކޯލެއްކަން އެނގުނެވެ. ކަންފަތުގައި ރަނގަޅަށް ފޯނު ނުޖެހެނީސް ލިއުޝާގެ އަޑު އިވުނެވެ. މަޑުމައިތިރި، މިލާމޯޅިވެފައިވާ އަޑަކުންނެވެ.

"
ހާދަ ބަދަލުވެއްޖޭ.....ހާލުވެސް އަހާނުލާނަންތަ،..ގެއަށް ދެވުނީމަ ވީގޮތެއްވެސް ނާހާނަން ދޯ"

"
ނޫން...އަދި އޮފީސް މަސައްކަތް ހަމަޔަކަށް އަޅުވާލާފަ ގުޅާލަންވެގެން މިއުޅެނީ" އަހަރެން ޖަވާބުދިނީމެވެ.

"
ތީ ހަމަ ފިރިހެނުންގެ ވައްތަރު....ބޭނުންވާ ކަންތައްވުމުން ދެން ތި ނިމުނީ...އަޅާނުލާ އަހަންނަށް ހެދުނު މިސްޓޭކެއް" ޖަވާބުދޭން އަނގަހުޅުވާލުމުގެ ކުރިން ފޯނު ބޭއްވިއަޑު އިވުނެވެ.

މުޅި ދުވަސްކަހަލަ ގޮތަކަށް ދިޔައީ ދެމީހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންނަށް ލިއުޝާގެ ކުރިމައްޗަށް އަރަންނުކެރުނީއެވެ. ހަގީގަތުގައި އަހަންނަށްވެސް މިސްޓޭކެއް ހެދުނީއެވެ. ލޯބީގެ ގުޅުމެއް ފެށުމުގެ ކުރިން ޖަޒުބާތާއި ޖިންސީ އެދުންވެރިކަން ކުރިއަށް ނެރެންވާނެހެއްޔެވެ. އަހަރެންނާ ދޭތެރޭ ދެކޭނީ ހުރިހާ މަލަކުން ފޮނިބޯ މާބުރެއްގެ އުސޫލުންނެވެ. އެ އުސޫލު ހިޔާރުކުރަން ޖެހުނަސް ލިއުޝާ ފަދަ ރަނގަޅުކުއްޖަކަށް، އެ ނިޔަތުގައި ވައިވެސް ނޭޅޭނަމެވެ.

ގެއަށްގޮސް ލިއުޝާއަށް ގުޅީމެވެ. އޭނަ ބޭނުންވީ އަހަރެންނާ ވީހާވެސް އަވަހަށް ބައްދަލުކުރުމަށެވެ. އަހަރެން އަވަސް އަވަހަށް ތައްޔާރުވެލައިގެން އެގޭ ކައިރިއަށް ގޮސް ގުޅީމެވެ. ލިއުޝާ އެދުނީ އެގެއަށް ވަނުމަށެވެ. ވަރަށް ހިތްވަރުކޮށްފައި ވަދެފީމެވެ. ނަސީބަކުން އެހާ ގިނަ ބަޔަކު ނޫޅެއެވެ. ލިއުޝާ ކޮބާތޯ އަހާލުމުން ކޮޓަރިއަކަށް އިޝާރާތްކޮށްލިއެވެ. ދޮރުހުޅުވާފައިވާ އެކޮޓަރި ދޮރުމައްޗަށް އެރުމުން އަހަރެންނަށް އެތެރެއަށް ވަނުމަށް އަތުން އިޝާރަތްކޮށްލިއެވެ. އަހަރެން އިށީނުމުން ކައިރިއަށް އައިސް ބައްދާލިއެވެ. އަދި ގިސްލާ ރޯން ފެށިއެވެ. ވަރަށް މަސައްކަތުން ލިއުޝާ ހަމައަކަށް އަޅުވާފައި ވީ ކީއްތޯ ސުވާލުކުރީމެވެ.

"
ކީއްވެ ތި ރޮނީ...ހަމަޖެހިބަލަ، ހުންވެސް އައިއްސަދޯ ތިހުރީ..." ލިއުޝާގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވުމުން ބުނީމެވެ.

"
އަހަރެން ބިރުގަންނަނީ...އަހަންނަށް....... މި ވާގޮތެއް ނޭންގެ.." ވަރަށް މަސައްކަތުން ޖަވާބުދިނެވެ.

ރޮއިރޮއި ރަތްވެފައިވާ ދެލޮލުން އަހަރެންނާ ދިމަ ބަލާލިއެވެ.
"
ޕްލީޒް...ޝާޑު ދެކެ ލޯބިވެވިއްޖެ...އަހަރެންނަށް ދެރަގޮތެއް ނުހަދާތި...." ލިއުޝާގެ އެ ޖުމްލަ ބުނެފައި އަހަރެންގެ ކައިރިން ދުރައް ޖެހިލިއެވެ. އަދި ބާލީހުން މޫނު ފޮރުވިއެވެ.
އަހަރެން ހަމްދަރުދީ ވާން ފެށިއެވެ. ނިކަމެތި، ލޯބިލޯބި އަންހެންކުއްޖެއް އެ ހާލުގައި އޮންނަން ދޫކޮށްލެވޭނެހެއްޔެވެ. އަހަރެން މަޑުމަޑުން ލިއުޝާގެ އަތުގައި ހިފާލީމެވެ. އަދި ދެރަގޮތެއް ނުހަދާނެކަމަށް ވައުދުވީމެވެ. އަބަދުވެސް ކައިރީގައި ހުންނަން ވައުދުވީމެވެ. އެރޭ ވަރަށް ގިނައިރުވަންދެން ވާހަކަދައްކަންތިބީމެވެ.
 އަހަންނަށް ކުރިން ނުވާ އުނދަގޫތަކެއް ވާ ކަމުގެ އިހްސާސްވިއެވެ. އަހަރުމެން ދެމީހުން ރަހުމަތްތެރިކަމުގައި އުޅުނުއިރު ހޭދަކުރި ވަގުތުތައް މާ ބޮޑަށްވެސް ހާއްސަކަމަށް އިހްސާސްވިއެވެ. ފަހަރެއްގައި ސީރިއަސް ގުޅުމަކަށް އަހަރެންގެ ހިތް ތައްޔާރުނުވަނީކަންނޭގެއެވެ.

(ނުނިމޭ).

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ