Sunday, January 15, 2012

"ތިޔަ ޚިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ...." (5)

- އަބްދުﷲ ޝަފީގް އަލީ - 



އަހަރުމެން ދެމީހުން މަޑުކޮށްލީ ތަންކޮޅެއް މީހުން މަދު ދިމާއެއްގައެވެ. މިއުޒކްގެ އަޑާއި، ދެ ޖިންސުގެ ޒުވާނުންގެ އަޑުން މުޅިތަން ގުގުމަމުން ދިޔައެވެ. ޝޯވ ގެ ފޯރި އިރަކަށްވުރެ އިރެއް ގަދަވަމުން ދިޔައެވެ. އަހަރެންވެސް ހުރީ މިއުޒިކްގެ ތެރެއަށް ރަނގަޅަށް ގެއްލިފައެވެ. މޫދު ލޮނުގަނޑުގެ ތެތްފިނި އިހުސާސްވަމުން ދިޔައިރު އަނެއް ފަރާތުގައި ހުރި ލިއުޝާގެ ނަޒަރުވެސް ހުއްޓިފައިހުރީ ސްޓޭޖަށެވެ. ބަލާބެލުމަށް ހާސްވެފަ ހުއްޓަސް އެއްވެސް ވާހަކައެއް ނުދައްކައެވެ.


 ޝޯވ ބަލަންތިބި މީހުން އެކިކޮޅުކޮޅަށް ދިއުމަށް ހަރަކާތްތައް އަވަސްވެއްޖެއެވެ. މަޑުމަޑުން ސްޓޭޖާ ދުރައްދާން ފަށައިފިއެވެ. ވިއްސާރައިގެ އަސަރު ކޮންމެވެސް ވަރަކަށް އުޑުމަތިން ފެންނަމުން ދިޔައެވެ. ކުރިން ދެމުންއައި ހަނދުވަރުގެ އަލިކަން ކެނޑި އުޑުމަތި ބަނަވެއްޖެއެވެ. ރަށުގެ ހުޅަނގުފަރާތު އުދަރެހުން އަރަމުން އައި ހާފުސްކޮޅުން މަޑުމަޑުން ހިމަފޮދު ވާރޭގެ ތިކިތަށް އަހަރުމެންނާ ހަމައަށްވެސް ފޯރައިފިއެވެ.

"ހިނގާ ހިޔާވެލަން..ތެމިދާނެ"
ލިއުޝާ އުޑުމަތި ބަލަމުން ބުންޏެވެ
"ނޫން..އަދި މިވަރަކުން ނުތެމޭނެ...އެހާ އަވަހަށް ފޯވާން ތީ ކަރުދާސްކޮޅެއްތަ،.."
އަހަރެން ޖަވާބު ދިނީމެވެ.

ލިއުޝާ ވަރަށް މާނައިން ފުރިގެންވާ ގޮތަކަށް އަހަންނަށް ބަލާލާފަ ހީލިއެވެ.
"މި ހިމަފޮދުވާރެއިން ނުތެމޭނެކަމެއް ކިހިނެތް އެނގޭނީ،..ކިތަންމެ ހިމަފޮދު ތިކިތަކެއްވިޔަސް ކޮންމެ އިރަކުވެސް ތެމިފޯވެދާނެ، އެކަމުގެ އިހްސާސެއްވެސް ނުވެ..ނޫނީ ވެދާނެ މިއީ ކުރިއަށް އަންނަންއޮތް ބޯވާރޭގެ ނިޝާނަކަށްވެސް"

"އާނ..ދޮގެއްވެސްނޫނޭ ދޯ..ހިނގާ ހިޔާވެލަން"
އަހަރެން ހިގައިގަންނަމުން ބުނީމެވެ.

ދެމީހުން އެއްގަމާ ދިމާއަށްހިގައިގަތްއިރުވެސް އެއްބަޔަކު ޝޯވ ފޯރީގަ ތިއްބެވެ. އަހަރުމެންފަދައިން ހިޔާވެލާނެތަނެއް ހޯދަން މިސްރާބު ޖަހާފައިވާ މީހުންތައްވެސް މަދެއްނޫނެވެ. މަޑުމަޑުން ހިނގަމުން ރަށުގެ ދެކުނު ފަރާތުގެ ފުނަ ގަސްތަކާ ހަމަޔަށް ދެވުނު އިރު، އެހިސާބުގައިވެސް މީހުން ވާރެއާ ހިޔާވުމަށާއި އެކިއެކި ވާހަކާގައި ތިއްބެވެ. އެމީހުންނަށް އުނދަގޫވެދާނެތީ އަހަރުމެން މިސްރާބު ޖެހީ ހޭޅިފަށުގައި ހުރި މަގޫގަސްތަކާ ދިމާއަށެވެ. އަހަރެންނާ އެއްވަރަށް ލިއުޝާވެސް ހިނގަމުންއައެވެ. އެއްވެސް ޖެހިލުމެއްނެތިއެވެ.

އަހަރުމެން އިށީނީ ތަންކޮޅެއް ބޯކޮށް ހެދިފައިވާ މަގޫގަސްތަކެއްގެ ދަށުގައެވެ. ގޮނޑުދޮށަށް ކަނޑާލާފައިވާ ގުންޑޮޅިގަނޑުން ކިތަންމެ ރަނގަޅަކަށްވެސް އެތަނުގައި އިށީންދެވޭ ވަރުވެއެވެ.. ލިއުޝާވެސް އަހަރެންނާ ޖެހިގެން އިށީންދެލައިގެން ކުރިމަތީއޮތް މޫދަށް ނަޒަރުހުއްޓާލިއެވެ. އަހަރެންގެ ނަޒަރު ހުއްޓުނީ ލިއުޝާގެ ފުން ދެލޮލަށެވެ. ކަންބޮޑުވެފައިވާ މޫނަށެވެ. އަހަރެން އަދި މިހާކައިރިން ލިއުޝާއަށް މިގޮތަކަށް ނުބަލަމެވެ. މިވަގުތާއި ހާލަތުގެ ގޮތުން އަހަރެންނަށް ލިއުޝާ ފެންގޮތް ތަފާތުވަނީކަންނޭނގެއެވެ. ހަމަގައިމުވެސް އަހަރެންގެ ނަފްސު ފުރަތަމަ ފަހަރަށް އަހަރެންގެ އިހުތިޔާރުން ބޭރުވިއެވެ.

މަޑުމަޑުން ލިއުޝާގެ ފުރަގަހުން ކޮނޑުގައި ހިފާ އަހަރެންގެ ކޮނޑާ ކައިރިކޮށްލީމެވެ. އޭރުވެސް އަހަރެންގެ މޫނަކަށް ލިއުޝާ ނުބަލައެވެ. އެގޮތަށް އިނދެ އަހަރެންގެ ކޮނޑުގައި ބޯ އަޅާލިއެވެ. އަހަރެން އެތަނުގައި އޮށޯވެލީމެވެ. ލިއުޝާގެނެސް އަހަރެންގެ މޭމަތީ ބާއްވާލީމެވެ. ވަރަށް ލޯބިން އަހަރެންގެ މޭގައި ބޯއަޅާލިއެވެ. އަރާމު ތަންމައްޗަކަށް އިންތިޒާރުކުރަމުންއައި ކުޑަ ކުއްޖެއް ފަދައިންނެވެ. އަހަރެންގެ މޭގައި ބޯއަޅާލައިގެން އޮވެ މަޑުމަޑުން ލޯމަރާލިއެވެ.

ތުނިކޮށް ވެހެމުންދިޔަ ވާރޭހުއްޓާލައިފިއެވެ. ލޯންޗުތަކުގެ އިންޖީނުގެ އަޑުން ފުރާ ގަޑިޖެހިއްޖެކަން ހަނދާންކޮށްދިނެވެ. ގަޑިބަލާލުމަށްފަހު ކުއްލިއަކަށް ދެމީހުންނަށް އެއްފަހަރާ ތެދުވެވުނެވެ. ތިބެނީ ކިހާއިރެއްވަންދެންކަންވެސް އިހުސާސެއްނުވާ ކަހަލައެވެ.
އަހަރެންގެ ގަމީހުގައި ތަތްވެފައިވާ ވެލިތައް ވަރަށް ލޯބިން ލިއުޝާ ފޮޅާދިނެވެ. އަހަރެންވެސް ލިއުޝާގެ ހޭވިފައިވަ ފަން އިސްތަށިގަނޑު ރީތިކޮށްދިނީމެވެ. ދެންމެ ހިނގާދިޔަ ކަންތަކަކީ ހުވަފެނެއްނޫނެވެ. ކުރިން އޮމާންކޮށް އޮތް ސާފު ވެލިގަނޑުގައި ހުރި ނިޝާންތަކަށް އަހަރެން ބަލާލީމެވެ. މިހާރު ތަރުތީބެއްނެތި ފަސްބާޑިޖެހިފައިވާ ވެލިގަނޑުން އަހަންނަށް ހަނދާންކޮށްދިނީ ދެންމެ ހޭދަވި ވަގުތުކޮޅުގެ ހިތްގައިމުކަމެވެ. އަހަރުތަކެއްވަންދެން ހިތުގައި ވަޅުޖެހިފައިވާ އަހަރެންގެ ހިއްސުތައް ހޭލިވަގުތުކޮޅެވެ.

ލޯންޗަށް އެރުމަށްފަހު އަހަރެންގެ ކޮޑުގައި ލިއުޝާ ބޯ އަޅާލިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި ހިފައި ބާރުކޮށްލިއެވެ.

މާލެއައިގޮތަށް އަވަހަށް މިސްރާބުޖެހީ ލިއުޝާމެންގެ ގެއަށް ދިއުމަށެވެ. ސައިކަލުގެ މުއްގަނޑު ފެލާލުމަށްފަހު ވީހާވެސް އަވަހަށް ގެއަށް ދާން ބޭނުންވިއެވެ. ލިއުޝާ މަންމަ ހޯދާނެތީއެވެ. ލަސްވީއެވެ. މާބޮޑަށްވެސް ލަސްވީއެވެ. ލިއުޝާއަކީ މީގެ ކުރިން މިގޮތަށް އެހާ ދަންވަރު ބޭރުގައި އުޅެފައިވާ ކުއްޖަކަށް ނުވާތީ އޭނަ ހާސްވާނެ ވަރު އަހަންނަށް އިހުސާސް ކުރެވެއެވެ.

ލިއުޝާގެ ގެއަށްދެވުނުއިރު 2 ޖަހަނީއެވެ. ލިއުޝާ އުޅެނީ ގޭގެ ދެވަނަ ބުރީގައެވެ. އަހަރެން ލިއުޝާއާއި އެއްކޮށް މައްޗަށް އެރީމެވެ. މި ވަގުތުގެ ގޮތުންނާއި އަދި ސިޑިވެސް ނިވާލާފައިވާތީއެވެ. ގޭތެރެއިން ފެންނަނީ ފަނޑުއަލިކަމެކެވެ. ލަފާކުރެވޭގޮތުގައި އެންމެން ނިދީއެވެ. ގޭގެ ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. ދެފަހަރަކު ދޮރުގަ ޖަހާލިއިރުވެސް އެތެރެއަކުން ހަބަރެއް ނުވިއެވެ. ލިއުޝާ ހާސްވެގެން ގޮސް ހުރީ ދާހިއްލާފައެވެ. އެހާ ލަހުން ގެއަށް އައިސް މަންމަގެ ކުރިމައްޗަށް އަރާނެގޮތެއްހިތަށްއަރާފައެވެ.

"ދެން ކިހިނެތް ހަދާނީ" އަހަރެން ސުވާލުކުރީމެވެ.
ވަރަށް ހާސްވޭ...މަންމަ ރުޅިއަންނާނެ ދޯ" އިސްދަށްޖަހައިގެން ހުރެ ލިއުޝާ ޖަވާބުދިނެވެ.
"ދެން ނެތްތަ އިތުރުގޮތެއް..ގޭގެ ކޮންމެވެސް މީހަކަށް ގުޅާބަލަ"

ސައިލެންޓަށް ލާފައިވާ ލިއުޝާގެ ފޯނު ހުޅުވާލިއެވެ. ގެއިން އެތައް ކޯލުތަކެއް މިސްޑްވެފައި ހުއްޓެވެ. ފޯނުކުރުމުގެ ބަދަލުގައި އަހަރުމެން ނިންމީ އެތާ މަޑުކޮށްލުމަށެވެ. ކޮންމެވެސް މީހެއްގެ ހިލަމެއް ވުމުން ދޮރުގައި ޓަކިދިނުމަށެވެ. ގެއަށް ފޯނުކޮށްގެން އެންމެން ހޭލައިގެން ބޮޑު ކަންތައްގަނޑެއްވާން ނޭދޭތީއެވެ.
ފަނަރަވަރަކަށް މިނެޓް ސިޑިމަތީ މަޑުކޮށްގެން ތިބުމަށްފަހު، އެންމެ ފަހުން ނިންމީ ލިއުޝާގެ ދޮންތައަށް ގުޅުމަށެވެ. އެ ފޯނަށް ދެތިން ފަހަރަކު ގުޅިއިރުވެސް ފޯނެއް ނުނަގައެވެ. އަހަރުމެން އޭރުވެސް ތިބީ ސިޑިމަތީ އިށީންދެލައިގެންނެވެ.

"ހިނގާ ސައިކަލް ދުއްވާލަން..އިރުކޮޅަކުން ދޮންތަ ގުޅާނެ، އެހެންނޫނީ ޓްރައިކުރާނީ ދޯ" އަހަރެން އެތަނުގައި އިނދެ ވަރުބަލވެގެން އެންމެފަހުން އިތުރުގޮތެއް ހުށައެޅީމެވެ.
"ހިނގާ.." ލިއުޝާ ގޭގެދޮރާ ދިމާއަށް ބަލާލަމުން ޖަވާބުދިނެވެ.

ދެމީހުން ސައިކަލަށް އަރައިގެން އެއްވެސް މަންޒިލެއްނެތި ދުއްވަން ފެށީމެވެ. ވިއްސާރައިގެ އަސަރު އަދިވެސް ފެންނާތީވެ، މާހައުލު ވަރަށް ފިންޏެވެ. މަގުތައްވެސް ފެންނަނީ ވަރަށް ފަޅުކޮންނެވެ. ވައިޖެހޭގޮތުން ހީވަނީ ހަމަ ދެންމެދެންމެ ވާރޭއޮއްސާލަފާނެހެންނެވެ. އަހަރުމެން ދެމީހުންވެސް ތިބީ ވަރުބަލިވެފައެވެ. އެހެންކަމުން ކޮންމެވެސްތަނެއްގައި މަޑުކުރަން ބޭނުންވިއެވެ. އަނެއްކޮޅުން ވާރޭގެ ނިޝާންވެސް ފެންނާތީވެ، ކުށްލިއަކަށް ވާރެއޮއްސާލިޔަސް ހިޔާވާނެ ތަނެއްވެސް ހޯދަން ޖެހެއެވެ. މިގަޑީގެ ގޮތުން ކެފޭތައްވެސް ވަނީ ބަންދުކޮށްފައެވެ. އާސިމްއަކީ އެކަނި އުޅޭ މީހެކެވެ. ފަހަރެއްގައި އެގޭގަވެސް މަޑުކޮށްލެވިދާނެއެވެ. ލިއުޝާގެ ދޮންތަ ގުޅަންދެނެވެ. ނަސީބުވަރަށް ރަނގަޅެވެ. އާސިމްއިނީ ރިސޯޓެއްގައި އުޅޭ އަހަރުމެންގެ ރައްޓެއްސެއް ހިފައިގެން އުޅޭ ގެސްޓުހައުސްއެއްގައެވެ.  އަހަރެން މިސްރާބު ޖެހީ އެ ދިމާއަށެވެ. ގެސްޓުހައުސްއަށް ކައިރިކުރިއިރު، އަހަރުމެންގެ އިންތިޒާރުގައި ދެމީހުން ތިބީ ތިރީގައެވެ. ސައިކަލު ޕާކުކުރުމަށްފަހު އަހަރުމެން މިސްރާބު ޖެހީ ރަހުމަތްތެރިޔާގެ ކޮޓަރިއަށެވެ. އަހަރުމެން ހަތަރު މީހުން ތިބީ ކޮޓަރީގައި ވާހަކަދައްކާށެވެ. ޑްރެސިންގޓޭބަލްގެ ގޮނޑީގައި ލިއުޝާ އިސްޖަހާލައިގެން އިނެވެ. އަހަރުމެން ބަނޑުހައިވެފައިވާކަން އެނގުމުން އާސިމްއާއި ވަހީދު އާއި ދެމީހުން ނިންމީ ކާއެއްޗެއްބަލާ ބޭރަށް ދިއުމަށެވެ.

އެދެމީހުން ބޭރަށް ދިއުމުން އަހަރުމެން ތިބީ ކޮޓަރީގައި އެކަނިވެފައެވެ. ދައްކާނެ ވާހަކައެއްވެސް ނޭންގިފައެވެ. ދުރުގައި އިށީންދެގެން އިން ލިއުޝާއަށް ބަލާލީމެވެ. މަޑުމަޑުން ގޮސް ފަހަތުން ބައްދާލީމެވެ. ބޭއިހްތިޔާރުގައެވެ. ހަމައެކަނި ދެމީހުންނަށް ބަންދުތަނެއްގައި މިނިވަންކަން ލިބުމަކުންނޫނެވެ. އަހަރެންގެ ހިތް އެކަމަށް އެދި އިހުސާސް ކުރެވުމުންނެވެ.  ލިއުޝާވެސް ކުރިމައްޗަށް އެނބުރި ވަރަށް ލޯބިން އަހަރެންގައިގަ ބައްދާލިއެވެ.
ގޮނޑިން ތެދުވެ ހަށިގަނޑު ތެދުކޮށްލުމަށްފަހު އަހަރެންގެގައިގަ ވަރަށް ބާރަށް ބައްދާލިއެވެ. މަޑުމަޑުން އެނދާދިމާއަށް ހަރަކާތްކޮށްލެވުނެވެ ބޭއިހުތިޔާރުގައެވެ. އޭރުވެސް ލިއުޝާ ވަނީ އަހަރެންގެ ގައިގަ ރަނގަޅަށް ތަތްވެފައެވެ. އެ މޫނު އަހަރެންގެ މޭގެ ތެރޭގައި ފޮރުވާލައިގެން ބޮނދަން އުޅޭކަހަލައެވެ. ދެމީހުންނަށްވެސް އެނދުގައި ޖައްސާލެވުނީ އެއްވެސް އިހުތިޔާރެއްގައެއް ނުވަތަ އެކަކުއަނެކަކު ބާރެއްގައެއްނޫނެވެ. ހިތް އެއް މަންޒިލަކަށް ދަތުރުކުރާތީވެ ފިލްމެއްގެ ރޯލުލަސް ހަރަކާތްތަކެއްހެން އަހަރުމެންވެސް ހަރަކާތްކުރަމުން ދިޔައީއެވެ. ލަސްލަހުން މަޑުމަޑުންނެވެ. އެނދުގައި ރަނގަޅަށް ހަށިގަނޑު ދަމާލުމަށްފަހު ލިއުޝާ އުނަގަނޑުގައި ހިފާ އަހަރެންގެ ކައިރިއަށް ދަމާލީމެވެ. އެ ލުއިލުއި ހަށިގަނޑުގެނެސް އަހަރެންގެ އަތުތެރޭގައި، ހަށިގަނޑުގެ ތެރޭގައި ރަނގަޅަށް 'ހައްޔަރު'ވިއެވެ.


ކުއްލިއަކަށް ސިއްސައިގެން ދިޔައީ ލިއުޝާގެ ފޯނު ރިންގުވާ އަޑަށެވެ. އަހަރުމެންނަށް ތިބެވުނީ ކިހިނެތްކަން ހަނދާންވިއެވެ. ހަމަ ބިމަށް ހަމަ ވިސްނުމަށް އާދެވުނުފަދައެވެ. ލިއުޝާ ލަދުން މޫނު ފޮރުވާލިއެވެ. އަދި އަހަރެންނާ ދުރަށް ޖެހިލުމަށްފަހު،. ރޫއަރާ ބޮނޑިކެރުވެމުންދިޔަ ބެޑްޝީޓުން ލިއުޝާގެ ހަށިގަނޑު ނިވާކޮށްލިއެވެ.

"ހަލޯ...ކޮބާ މަންމަ...އަހަރެން ހޯދިތަ، ރުޅިއައިސްފަ ދޯ..." ހާސްވެފައި ލިއުޝާ އެއްފަހަރާ ސުވާލުކުރަންފެށިއެވެ.
"މަންމަ އެބައޮތް ސިޓިންރޫމްގަ ނިދާފަ..ކޮންތާކު ތިއުޅެނީ،..އަވަހަށް ގެއަށް އާދޭ"
އެކޮޅުން ޖަވާބުދިނެވެ.
ލިއުޝާ އަހަރެންނާ ދިމާއަށް ބަލާލީއެވެ. އެނބުރިގެއަށް ދިއުމަށް ނުވަތަ މި އިހުސާސުން އެކްސިޓްވާން ބޭނުން ނޫނޭ ބުނާފަދަ ގޮތަކަށެވެ. މަޑުމަޑުންއައިސް އަހަރެންގެ މޭގައި ތަތްވެލިއެވެ.
"ފަތިހުން ދާނަން...ކުޑަކަމަކު...ގޮއްސަ ހުރިހާ ވާހަކައެއް ކިޔާދޭނަން...ދޮންތި، ޕްލީޒް ހެލްޕްމީ" ލިއުޝާ ގެއަށްދާން ބޭނުންނުވާ ރާގަކަށް ބުންޏެވެ.

ލިއުޝާ ފޯނު ބޭއްވުމަށް ފަހު އަހަރެންގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. އަހަރެންގެ މޭގައި މޫނުފޮރުވައިގެން، އަހަރެންގެ ހަށިގަނޑު ތެރެއަށް ބޮނޑިވެލިއެވެ. އަހަރެންގެ ފޯނުން އާސިމްއަށް މެސެޖެއްކުރުމަށް ފަހު ލިއުޝާ ދުރުކޮށްލީމެވެ. ބެޑުޝީޓް ނަގައި ދުރަށް ޖައްސާލީމެވެ.

އަހަރުމެން ދެމީހުން އެކަކު އަނެކަކަށް ދުވަހަކުވެސް ނުކުރާ ތަޖުރިބާއެއް، ނުކުރެވޭ އިހްސާސެއްގެ ތެރެއަށް ގެނބި ގަރަގުވަމުން ދިޔައެވެ. ލިއުޝާގެ ލޮލުން ކަރުނަ އަންނަމުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން ހުރީ، އަންހެނަކަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ ދެވޭތީ އެކަމުގެ ހިތާމައިގަ ނުވަތަ އުފަލުގައި ކަމެއް އަހަންނަކަށް އިހްސާސެއްނުވިއެވެ. އަހަރެންގެ ސިކުނޑިއާއި ހިތަށްވުރެ އަވަހަށް އެހެން ގުނަވަންތައް މަސައްކަތްކުރަމުންދާ ކަހަލައެވެ.


(ނުނިމޭ).
Read more »

Tuesday, January 10, 2012

" ތިޔަ ޚިޔާލުގައި މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ..." (4)

- އަބްދުﷲ ޝަފީގް އަލީ- 


ރީތީވެލައިގެން މިސްރާބު ޖެހީ އެއްނަމްބަރު ފާލަމާ ދިމާއަށެވެ. ހުކުރުދުވަހެއްކަމުން އެ ސަރަހައްދުގެ ހަލަބޮލިކަން މިގަޑީގައިވެސް ވަކިކުޑައެއްނޫނެވެ. ހަވީރުގަޑީގައި ހިނގާލަން ނިކުމެ އުޅޭ އާއިލާތަކާއި، ޖުމްހޫރީ މައިދާނުގައި އޮލަވާހަކައިގަ ޖެހިފައިތިބި ދިވެހި-ބިދޭސީން އަދިވެސް އެމީހުންގެ ވާހަކާގައި މަސްއޫލުވެފައިތިއްބެވެ. ރަސްމީ ފާލަމާ ދިމާލުގައި މިރޭގެ ޝޯވ އަށް ދާން ތައްޔާރުފެވަފައިވާ ދެ ޖިންސުގެ ޒުވާނުންގެ ހުނުމާއި ސަކަރާތުން މުޅި ސަރަހައްދު ފޫހިލާވަރުވިޔަސް އަހަންނަށް އަދިވެސް ހިތްހަމައެއް ނުޖެއެހެއެވެ. އެއްވެސް ޖަވާބެއްބުދީ ލިއުޝާ އޮފީހުން ދިޔައީ މަންމަ ހުއްދަ ދީފި ނަމަ އަންނާނެކަމަށް ބުނެފައެވެ. އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. އެފަދަ މަގާމަކަށް ލިއުޝާއެއް އަދި ނާދެއެވެ.

އެހިސާބަށްގޮސް ގަޑިބަލާލީމެވެ. އަދި ކިރިއާ 8.30 ވީއެވެ. މިރޭގެ ޝޯވް ނުވައެއްޖަހާއިރު ފެށުނަސް މި ގަޑީގައި ކުޑަބަނޑޮހަށް ދިއުމަށް ލޯންޗު ދަތުރުތައް ވަނީ ފެށިފައެވެ.  މިހާރު އެތައް ފަހަރަކު ލިއުޝާގެ ފޯނަށްވެސް ގުޅިއްޖެއެވެ. އެކަމަކު އަދިވެސް ޖަވާބެއް ނުލިބެއެވެ. އަހަރެން ކެތްތެރިކަމާއެކީ ދެކޮޅަށް ހިނގަންފަށައިފީމެވެ. ފާލަން ކައިރީގައިވާ މީހުންތައްވެސް މަދުވަމުން ދިޔައެވެ. ހުނުމާއި ސަކަރާތް ޖެހުމުގެ ތެރެއިން ލޯންޗުތަކަށް އަރާ އެމީހުންގެ މަންޒިލާ ދިމާއަށް ދަތުރުތައް ފެށީއެވެ.


ކުއްލިއަކަށް ފިނިއަތަކުން އަހަރެންގެ ލޯމަތީގައި އަތް އަޅައިފިއެވެ. އެއްވެސް ސުވާލެއްނެތި އެއީ ކާކުކަންވެސް އެނގިއްޖެއެވެ. އަހަރެންގެ ކަނދުރާއާ ނޭވާ އެޅޭ ހިސާބުގައި، އެލޫޅާފަތި އިނގިލިތަކުން އަހަރެންގެ ލޮލުގެ އެސްފިޔަތަކުގައި ބީހެން ލިއުޝާ ނޫން އެހެން މީހަކު ނުހުންނާނެއެވެ.

"ތިއީ ލިއު އެއްނު.." ލޯމަތިން އަތް ނައްޓާލުން އަހަރެން ބުނީމެވެ.

"އޭނ...ހާދަ މޮޅޭ،..މިހާރު އަހަރެން ނުފެނިވެސް ވަކިކުރަން އެނގުނީތަ..." ލިއު ސުވާލުކުރިއެވެ.

އަހަރެން އެ ސުވާލަށް ޖަވާބެއް ނުދެމެވެ. އެއަށްވުރެ ބޮޑަށް ދިގު އިންތިޒާރެއް ކުރަން ޖެހުނީތީ އަހަރެން ހުރީ ހިތްހަމަ ނުޖެހިފައެވެ. ވާނުވާ ނޭންގި، ލިއުއަށް އާދެވޭނެ ކަމުގެ އުއްމީދެއްނެތި، އުއްމީދަކަށް އިންތިޒާރުކުރަން ޖެހުނީތީއެވެ.

"ޝަކުވާ ނުކޮށްބަލަ...އަދިވެސް ނުބުނާނެ ރަނގަޅެކޭ، ރައްޓެއްސެއްގެ ޕާޓީއެކޭ ކިޔާފަ މިއައީ، ......ހުޅުލޭ އައިލެންޑު ހޮޓަލުގައޮތް ޕާޓީއެކޭ ވަރަށް ލަސްވެދާނެއޭ ވެސް ބުނިން، ވަރަށް މަސައްކަތްކޮށްގެން މަންމަގެ އާނ ބަސް ލިބުނީވެސް..."
ލިއުޝާ އަހަރެންގެ މޫނަށް ބަލަމުން ވީގޮތް ކިޔާދިނެވެ.
"ޝާޑަށް ވުރެ ކުރިން އަހަރެން މިތަނަށް އައިން...އެހެރަ ބުރުމަތީ އިށީންދެގެން އިނީ...ޝާޑު އުޅޭގޮތް ބަލަން.، ހާދަ ހާސްވެގެން، ކީއްވެތަ ދެކޮޅަށް ހިނގީ،  މީ ޝާޑުގެ އެއްވެސް މީހެއްނޫނެއްނު، ތިވަރުގެ އިންތިޒާރެއް ތި ކުރަނީ...."
ލިއު އަހަރެންގެ އަނގަބޭދޭ ސުވާލެއް ކުރުމަށް ފަހު ދުރައް ހިނގައިގަތެވެ.

އަހަރެން މަޑުމަޑުން ލިއުޝާގެ ފަހަތުން ގޮސް އަތުގަ ހިފީމެވެ. ލިއުޝާ ގެ ހިނގުން ހުއްޓުނެވެ. އަހަރެންނަށް ބޭއިހުތިޔާރުގައި މިކުރެވުނު ކަމަކުން ކުޑަކޮށް ލަދުވެސްގަތެވެ. ލިއުޝާގެ އަތުތެރެއިން ނެއްޓެމުން ދިޔަ އަހަރެންގެ ދެ އިނގިލާގައި، ލިއުޝާ ހިފާ ބާރުކޮށްލިއެވެ. އެއްވެސް ވާހަކައެއް ނުދައްކާ ދެމީހުން ގޮސް ކުރިމަތީގައި އޮތް ލޯންޗަށް އަރައިފީމެވެ. ނަސީބަކުން މީހުންވެސް ވަރަށް މަދެވެ. މާލޭގެ އަލިކަމުން ނެއްޓި ހަނދުވަރުމަތީގައި ލޯންޗު މަންޒިލަށް ދަތުރުފަށައިފިއެވެ. އަހަރެންގެ ހަޔާތުގައިވެސް ފުރަތަމަ ފަހަރަށްކުރާ މިފަދަ ދަތުރެވެ. ކަނޑުމަތީގެ މި ހިތްގައިމުކަމާއި ފުރިހަމަ ކަމަކީ އަހަރެންނާއެކު ލިއުޝާ އިނީމަ ހިތަށް ލިބޭ ހިތްހަމަ ޖެހުމަކުން ލިބޭ ފުރިހަމަކަމެއްބާއެވެ. ނުވަތަ ހަމަ ހިތްގައިމު ރެއެއް ހެއްޔެވެ. ކޮންމެ ގޮތެއްވިޔަސް އަހަރެން އިނީ ވަރަށް ހިތްހަމަޖެހިފައެވެ. ބުނަންނޭންގޭ ކަހަލަ އިހްސާސެއް ކުރެވިފައެވެ. އަހަރެންނާ ޖެހިގެން ލިއުޝާ އިނީ ބޭރު ބަލާށެވެ. އަހަރެންގެ މޫނާ ދުރަށް، ޖެހެމުންދާ ވައިރޯޅިން، އެ ލޯބިލޯބި ފަން އިސްތަށިގަނޑު ކިޔަމަން ކުރަމުން ދިޔައިރު، އެ މަންޒަރު ބަލަން އުނދަގޫވިއެވެ. އަހަރެންގެ ނިޔަތް ގޯސްވެދާނެތީއެވެ.

ލޯންޗު މަޑުމަޑުން ކުޑަބަނޑޮހުގެ ފާލަމަށް ކައިރިކޮށްފިއެވެ. އޭރުވެސް އަހަރުމެން ދެމީހުން، ދެ ހިޔާލަށް ގެއްލިފައި އެއްވެސް ވާހަކައެއް ނުދައްކާ ތިބީމެވެ. ލޯންޗު ކައިރިކުރުމުން، ދެން ފައިބަން ޖެހޭނެކަން އެނގިގެން، ފައިބާ ގޮތަށް، ދެމީހުންވެސް އެއްފަހަރާ ގޮނޑިން ތެދުވެ ފާލަމާ ދިމާއަށް ހިގައިގަތްފީމެވެ. ރަށުގެ ގޮނޑުދޮށަށް ދަމާ ރާޅުގައި ލޯންޗު ދެކޮޅަށް ތަޅުވާތީވެ އަހަރެން ހުރީ ލިއުޝާގެ އަތުގައި ހިފަހައްޓައިގެންނެވެ.


ފާލަންމަތީގަ ހުރެ މުޅި ރަށަށް ނަޒަރު ހިންގާލާއިރު ފެންނަނީ ހިތްގައިމު މަންޒަރެކެވެ. ހަނދުވަރުގެ ސާފުސީދާ އަލިން ގަސްތައް ފެންނަމުން ދިޔައިރު، ރަށުގެ އުތުރު ފަރާތު ތުނޑީގައި މިއުޒިކް އަޑާއި ދެޖިންސުގެ ޒުވާނުންގެ ހަޅޭކުއަޑުން އިތުރު ޖޯޝެއް ގެނުވައެވެ. އަހަންނަކީ މިއުޒިކާއި ލަވަޔަށް ފޯރި ހުންނަ މީހަކަށްވާތީ އަވަހަށް މިސްރަބު ޖެހީ އެދިމާއަށެވެ. އޭރުވެސް ލިއުޝާ އެއްވެސް ވާހަކައެއް ނުދައްކައެވެ. އެކަމާ ސުވާލެއްވެސް ނުކުރަމެވެ. އެއަށްވުރެ ބޮޑަށް ދެފަޔަށް ބާރުލަފައި ހިނގަންފެށީ ސްޓޭޖް ހުރި އުތުރު ފަރާތު ތުނޑިއާ ދިމާއަށެވެ.

(ނުނިމޭ).
Read more »

Saturday, January 7, 2012

" ތިޔަ ހިޔާލުގާ މަގޭހިތް - ކުދިކުދި ވެގެން ދަނީއޭ..." (3)

- އަބްދުﷲ ޝަފީގް އަލީ-


އަހަރެންނާއި ލިއުޝާގެ ގުޅުން ބަދަހިވަމުންދިޔައީ ހިކުރިވަރަށްވުރެވެސް އަވަހަށެވެ. އޮފީހަށް ނާދެވޭ ދުވަސްތަކުގައި އެކަކު އަނެކަކުގެ ހާލުބެލުމާއި، ދެމީހުންގެ ދިރިއުޅުމުގެ ވާހަކަތަކަށް ޝެއަރ ކުރުން ފަދަ ކަންތައްތަކުގެ ސަބަބުން އިތުރަށް ދެމީހުން ކައިރިވިއެވެ. ދެމީހުންގެ މިޒާޖުވެސް ވަރަށް ގުޅެއެވެ. އަހަރެން ގަޔާވާ ގިނަ ކަންތައްތައް، އަހަރެންނަށް ވުރެ ކުރިން އެއީ ލިއުޝާގެ ވެސް ފެވަރިޓަށްވެއެވެ. ލިއުޝާ އަކީ އެކުގަ ވަގުތު ހޭދަކުރަން ފަސޭހަ ރަހުމަތްތެރިއެކެވެ.

އަހަރެންގެ ދިރިއުޅުން ދެ ގުނަ ބުރަބޮޑުވެއްޖެއެވެ. ބައްޕާއާއި ބައްޕަގެ ރަހުމަތްތެރިއަކާ ގުޅިގެން ހުޅުވި ކެފޭގެ މަސައްކަތުގައި މުޅި ރޭގަނޑު ކަހަލަ ގޮތަކަށް ހޭދަކުރަން ޖެހިއްޖެއެވެ. އެކަމަކު އެއީ އެއްވެސް މަޖުބޫރު ކަމެއްނެތިއެވެ. ހަމަ އެކަނި ބައްޕައަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ. ބައްޕަގެ އެދުމަކީވެސް އަހަރެންގެ ކޮންމެސްވަރެއްގެ ހިއްސާއެއް މިކަމުގައި ވުމެވެ. އަހަރެން ހަވާލުވީ ރޭގަނޑު ކެފޭގެ ހިސާބުތައް ނިންމުމާއި، މުއައްޒަފުންގެ މުސާރައިގެ ކަންތަކެވެ. އެހެން ކަންތައްތަކާ އަޅާބަލާއިރު އެއީ ހަމަ ވަރަށް ލުއި މަސައްކަތެއްކަމަށް ބެލީމެވެ. މިގޮތަށްވެސް ރޭގަނޑުގެ ހުސްވަގުތުތައް ފުރާލަން ބޭނުންވިއެވެ. މިމަސައްކަތްކުރަމުންވެސް އޮފީހުގެ އެއްވެސް ކަމަކަށް ބުރޫއެރިޔަކަ ނުދެމެވެ.

ދިރިއުޅުމުގެ މި ބުރަ ކަމުގައި އަހަރެންގެ ހަމަ އެކަނި ހިތްހަމަޖެހުމަކީ ލިއުޝާއެވެ. ލިއުޝާއާއި ވާހަކަދެއްކުމާއި، އެކީގައި ތަންނަނަށް ދިއުމެވެ. އަހަރުމެން ދެމީހުންގެ މިގުޅުމަކީ ހަމަ ރަހުމަތްތެރިކަމެވެ. ހަމަގައިމުވެސް އަހަރެންގެ ހިތުގައި، ލިއުޝާއާއި ދޭތެރޭ ސީރިއަސް ލޯބިވެރިއެއްގެ ހައިސިއްޔަތުން ދެކޭހިތެއްނުވެއެވެ. މި ގުޅުން އެއަށްވުރެ ހިތްގައިމެވެ. ކުރީގެ ތަޖުރިބާތަކުން އަހަންނަށްވަނީ ލައްކަ ފިލާވަޅުތައް ލިބިފައެވެ. ލިއުޝާގެ ހިތުގަ އޮތްގޮތެއް ނޭންގެއެވެ. ހަމަގައިމުވެސް އޭނަ އަބަދުވެސް އަހަރެންގެ ހާލުބަލައެވެ. އަހަރެންގެ ބުރަ ދިރިއުޅުމުގެ ކަންތައްތަކުގައި ކުރިޔަށްދާންވީގޮތްތައްކިޔައިދީ ހިތްވަރުދީ ހަދައެވެ. ރޭގަނޑު ނިދުމުގެ ކުރިން މެސެޖްކުރެއެވެ. އަދި ހެނދުނު ހޭލާއިރުވެސް އެންމެ ފުރަތަމަ ފެންނާނީ ލިއުޝާގެ މެސެޖެވެ.

އަހަރުމެން ދެމީހުން އެކީގައި ތަންތަނަށް ދިއުން ގިނަވާން ފަށައިފިއެވެ. ހެނދުނުގެ ސަޔާއި، މެންދުރު ކެއުމަށް ބޭރަށްދާން ފެށިގޮތައް، ރޭގަނޑުގެ ގަޑިތަކުގައި ކޮފީތަކުންވެސް އަހަރުމެން ވަގުތު ހޭދަކުރަންފަށައިފީމެވެ. މާލޭގަ މިއުޒިކް ޝޯވއެއް އޮތަސް އެތަނުގައި އަހަރުމެން ދެމީހުން ތިބޭނެއެވެ. ގާޑިއާތަކުން މަސްކާށި ކެއުމާއި، ބޭރުމަގުގައި ސައިކަލް ބުރެއްޖެހުން އަދި ތޮށިގަނޑުމަތީ ވާހަކަދައްކާލަން ތިބުމަކީ ހަމަ ކޮންމެ ރެއެއްގެ އާދައަކަށް ވެއްޖެއެވެ. އެހާވެސް ގިނައިން އަހަރުމެން އެކީގަ ހޭދަވާ ވަގުތުތައް ގިނަވާން ފަށައިފިއެވެ. މިކަމާ އަހަރެންގެ ހިތް ބިރުގަންނަންފަށައިފިއެވެ. އަހަރެން އެހާ އަވަހަކަށް ލޯބިވާކަށް ބޭނުމެއްނޫނެވެ. ތެދަށް ބުނާނަމަ އަހަރެންގެ ހަމަ އެކަނި މަގްސަދަކީ ކުރީގެ ހަނދާންތައް ނައްތާލުމެވެ. އަންހެންކުއްޖަކާ އެކީ މަޖާ ވަގުތުތަކެއް ހޭދަކުރުމެވެ. އަހަންނަށް ނުވިސްނުނީ ލިއުޝާގެ އިހުސާސްތަކެވެ. ލިއުޝާ ދެކޭގޮތެވެ. އަހަރެންގެ އެއްވެސް އެދުމަކަށް އިންކާރު ނުކުރަނީ، އަހަރެންނާ ދޭތެރޭ ކިހިނެތް ދެކޭތީބާވައެވެ.

"މިރޭ ވަރަށް ހާއްސަ ޝޯވ އެއް އެބައޮތް...ދާނަންތަ"..
އޮފީހަށް ވަތްގޮތަށް ލިއުޝާއަށް މިރޭގެ ޕްރޮގްރާމް ހުށަހެޅީމެވެ.
"އާނނ ކީއްވެ ނުދާންވީ،. ޝާޑުއާ އެކީގައެއްނު ، ކޮންމެ ރެ އަކުވެސް މިއުޅެނީ..."
ލިއުޝާގެ ފަރި ހިނިތުންވުމާ އެކީ ޖަވާބުދިނެވެ.
"ނޫން..މިރޭ މާލެއަކު ނޫނޭ ޝޯވ އޮތީ....ކުޑަބަނޑޮހުގަ..ވަރަށް ދަންވަރު ނިމޭނީ .. އެކެއް ޖަހާއިރު ..އޯކޭތަ؟"..
ލިއުޝާގެ ޖަވާބަކަށް އިންތިޒާރުކުރީމެވެ. ލިއުޝާ ވިސްނަން އިނެވެ. އަހަރެން ގެ މޫނަށް ބަލާލާފައި "މަންމަ ކައިރި އަހާލާފަ ޖަވާބެއް ދޭނެކަމަށް ބުނުމުން" އަހަރެންވެސް އަވަހަށް އޮފީހުގެ މަސައްކަތްތައް ފެށީމެވެ.

 ( ނުނިމޭ).
Read more »