އަބްދުﷲ ޝަފީގް އަލީ
އެކި މާތަކުގައި
ވަކިވަކިން ފިރުމަމުން ބަލަމުން ގޮސް އަހަރެންނަށް އެންމެ ރީތިވި މާ ނަގައިފީމެވެ. މުޅި އަހަރު ދުވަހުގެ ތެރޭގައި ގަންނަ ހަމައެކަނި މަލެވެ. ހަމަ އެންމެ މަލެކެވެ. ގެއާ ހަމައަށް ދެވެންދެންވެސް
އިނީ ދެ ހިޔާލެއްގައެވެ. މިރޭ ކަންތައްކުރާނެ ގޮތެކެވެ. މިއީ ހާއްސަ ރެއެކެވެ. އަހަރެން ހަޔާތުގައި ވަރަށް
ހާއްސަ ރެއެކެވެ.
ގެއަށް އައިސް
ފެންވަރާލުމަށް ފަހު ގަޑި ބަލާލީމެވެ. އަދިވެސް ހާދަ އަވަހެވެ. ދިހަގަޑި ބައިވެސް ނުވެއެވެ. ތެޅިތެޅިއޮތް ހިތަކާއެކު ދެވަނަ
ފަހަރަށް މަލަށް ބަލާލީމެވެ. މަލުގައި މަޑުމަޑުން
ފިރުމާލީމެވެ. އަހަރެން އަބަދުވެސް ޖަހަމުންދާ ބޮޑީ ސްޕްރޭއިން ކުޑަކޮށް
މަލުގެ ތެރެއަށް ސްޕްރޭކޮށްލީމެވެ. އަމިއްލަ ހިނިތުންވެވުނެވެ. އުފާވިއެވެ.
މީގެ ހަތް އަހަރެކޭ،
މިއަދެކޭ ތަފާތެއްނެތެވެ. އޭރުވެސް މިހާރުވެސް މިއަދާއި،
މިރޭ މިނޫން ކަމެއް ނުވިސްނޭނެއެވެ. ޒަމާން ބަދަލުވެ އުމުރުން
މައްޗަށް ދިޔަސް އަހަރެންގެ ބަދަލުނުވާ އެއްކަމަކީ މިއީ ކަމުގައިވެސް
ބުނެވިދާނެއެވެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުއްޓަސް ކަލަންޑަރުގެ
ގަނޑުތަކުން 26 އޮކްޓޫބަރ ފަހަނައަޅައި ދާނީ
އަހަރެންނަށް އެނގިފައެވެ. އަހަރެންގެ ހިއްސުތަކަށް އެތައް
ލޮޅުމެއް ގެނުވާފައެވެ. އެއީ އަހަރެންގެ ހަނާ ގެ އުފަންދުވަހެވެ. ބަދަލުވުމެއްނެތް، މަރުވުމެއްނެތް އަބަދަށް ދެހިތުގައި އުފެދުނު ލޯބީގައި
ބައްދަލުވި ފުރަތަމަ މުނާސަބާއެވެ.
ގަޑީގެ ކަށި
އެގާރަގަޑި ބަޔަށް ފައިކުރުކޮށްލައިފިއެވެ. އަހަރެންވެސް އަވަސް އަވަހަށް ގެއިން ނިކުމެ ސައިކަލް ދުއްވާލީ ގަޑި ޖެހުމުގެ
ކުރިން އަހަރެންދާން ޖެހޭ ތަނަށް ދިއުމަށެވެ. އެ ހަފްލާއަށް ސުންގަޑިސުން މިނެޓުގައި ހާޟިރުވެ ހުންނަން ޖެހޭ މީހަކީ
އަހަންނެވެ. ދުވަހަކުވެސް ފަރުވާކުޑަވުމެއް، ގަޑި ޖެހުމެއްނެތް
މިހަފްލާ މިފަހަރު ކުރިއަށްވުރެވެސް ހާއްސަވިއެވެ. ވޭތުވެދިޔަ ތިން އަހަރު ދުނިޔޭގެ އެކިގައުމުތަކުގައި އަދި ރާއްޖޭގެ އެކި
ހިސާބުތަކުގައި އަހަރުމެން މިދުވަސް ފާހަގަކުރުމަށް ފަހު، ދުވަސްގަނޑެއް ފަހުން
އަމިއްލަ ފަސްގަނޑުގައި މިދުވަސް ފާހަގަކުރާ ފަހަރަކީމިއެވެ.
ކުރިންވެސް
ކަނޑައަޅާފައިވާ މަންޒިލަށް ދިއުމަށް މަޑުމަޑުން ދުއްވާފައި ދިޔައިރު ވަރަށް ގިނަ
އިއްޗިހި ހިތަށް އަރާ ފައިބަމުންދިޔައެވެ. މިރޭ ހަނާ ހާދަ ރީތިވާނެއެވެ. ކުރިއަށްވުރެ ހަށިގަނޑުގެ ބައްޓަން ރީތިވެފައި ހުރުމުން އަދި ހާއްސަކޮށް
މިފަދަ ރެއަކަށް ނަލަހެދޭނެ ވަރު ހިތަށް އެރުމުން ކުޑަހިނދުކޮޅަކަށް މަގުމަތިން
ފެންނަމުން ދިޔަ ކޮންމެ ރީތި އަންހެންކުއްޖަކީ ހަނާ ކަމުގައި ހީވާން ފެށިއެވެ.
މަންޒިލާ ހަމައަށް
ދެވުމުން ސައިކަލު ބެހެއްޓުމަށް ފަހު މަގުގެ ދެކޮޅަށް ބަލާލީމެވެ. ހަފްތާ ބަންދު ރެއަކަށް ނުވާތީ އެހާ ގިނަ މީހުނެއް، ދުއްވާ އެއްޗެއް ނެތެވެ. ނަސީބެކޭ ހިތަށް އެރިއެވެ. މިފަދަ ރެއަކަށް އަހަރެން އެންމެ
ބޭނުންވާ ފަދަ ހިމޭންކަމަކީ މިއީއެވެ. އަހަރުމެން ދެމީހުންގެ
ލޯތްބަކީވެސް އެފަދަ ހަމަހިމޭން ލޯތްބެކެވެ. ހަނާގެ މިޒާޖަކީވެސް އެއެވެ.
ސިޑިން ދެތިން
ހަރުފަތް ގިރާކޮށްލުމަށްފަހު މިރޭގެ 'ހަފްލާ' އަށް އަންނަން ޖެހޭ ތަނަށް
އާދެވިއްޖެއެވެ. މުޅިމާހައުލުން އަހަރެންނަށް މަރުހަބާ ކިޔަމުންދާ
މެހެމާނުންގެ އަދަދު ވަކި މަދެއް ނޫނެވެ. ވަށައިގެން ނަޒަރު ހިންގާލިއިރު ބައެއް 'މެހެމާނުން' ތިބީ އެކި ކުލަކުލައިން ޖަރީވެފައެވެ. އަނެއްބަޔަކު ވަރަށް ދުރުން އަހަރެންނަށް ނޫން ކަމަށް ހަދައިގެން
ބަލަމުންދާހެންވެސް ހީވެއެވެ.
ބަރާބަރު ގަޑިން
ބާރަ ޖެހުމާއި އެކު އަހަރެން ގެނައި ރަތް ފިނިފެންމާއަށް ބަލާލީމެވެ. ކުރިމައްޗަށް ދިއްކޮށްލުމަށް ފަހު ވަރަށް މަޑުމަޑުން ލޯބިން ބުނީމެވެ.
.........'ހަނާ....ލޯބިވޭ، ވަރަށް ލޯބިވޭ".
އެކޮޅުން އެއްވެސް
ޖަވާބެއްނައެވެ. އަހަރެންގެ ހިއްސުތައްވެސް މަޑުމަޑުން ހަމަޔަކަށް
އެޅިއްޖެއެވެ. މިއަދާއި މިރޭގެ މި ގަޑިއާ ހަމައަށް ހުރި އުފާވެރިކަމާއި
ހިތް އަވަސްވުން ކުއްލިއަކަށް ގެއްލިއްޖެއެވެ. މަޑުމަޑުން މުޅި ހަށިގަނޑު އެއްކޮށް ހިތާމައިގެ ސާލެއް އޮޅާލައިފިއެވެ. ހިތާއި ސިކުނޑިން ވިސްނައިދިނީ ހަގީގަތެވެ.
ހަގީގަތުގައި
މިތަނުގައި ހަނާއެއްވެސް ނެތެވެ. އެއްވެސް މެހެމާނެއްވެސް ނެތެވެ. މިއީ ހަނާ ގެ ޕާޓީގެ ފެންޑާއެއްވެސް ނޫނެވެ. އަހަރެންނަށް މިހުރެވުނީ މާލޭގެ އިރުދެކުނު ކަނުގައެވެ. ސުނާމީ ބިނާގެ ޕްލެޓްފޯމް މަތީގައެވެ. ވަށައިގެން 'މެހެމާނުން'ތަކެއް ފަދައިން އަހަރެންނަށް ބަލަމުން އެދަނީ
މާލޭގެ އަލިކަމާއި، އެއަރޕޯޓުގެ އަލިތަކެވެ. ދުރުން މާދުރުން ފެންނަ ބައެއް ރިސޯޓުގެ ބޮކިއައްޔާއި، އުޑުމަތިން
ފިޔަޖަހަމުންދާ ތަރިތަކުގެ ނިވިދިއްލޭ އަލިތަކެވެ.
ހަގީގަތުގައި މިއީ
އަހަރެންގެ މި ފަދަ ފުރަތަމަ 26 އޮކްޓޫބަރ އެއް ނޫނެވެ. 6 ވަނަ '26 އޮކްޓޫބަރެވެ.' ހަނާ އާއި އެކު ހޭދަވި އުފާވެރި އެއް އަހަރުގައި، އެއަހަރު ފާހަގަކުރި
އުފަންދުވަސްފިޔަވައި އޭގެ ފަހުން އަހަރުމެން ދެމީހުން މި ދުވަސް ފާހަގަކުރަނީ
ވަކިންނެވެ. އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ އުފާވެރި ދުވަހަކީ
އެއަހަރުގެ 26 އޮކްޓޫބަރ އެވެ. އެދުވަހު އެއީ ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ މީހަކި އަހަރެންނޭ
ހިތަށްއެރިއެވެ. އެ އުފާވެރި އުފަންދުވަހާއި، އެ ލޯބި- އެންމެ ލޯބި ފުނުން ދެމީހުން ފާހަގަކުރި ދުވަސްތައް ނިމުނީ ހީކުރިވަރަށް ވުރެ
އަވަހަށެވެ. ދިމާވި ކުޑަކުޑަ މައްސަލައެއްގައި ވަކިވާން ޖެހުނީއެވެ. ހަނާއަކީ މައްސަލަތަކެއް ތަކުރާރުވާން ބޭނުންނުވާ އަންހެންކުއްޖެކެވެ. އަހަރެންނަކީ މައްސަލައެއް ދިމާވުމުގެ ކުރިން އެކަމުން ސަލާމަތްވަން ދަންނަ
މީހެއްނޫނެވެ. ދެމީހުންގެ މި ތަފާތު މިޒާޖުގައި ހަނާ ވަކިވީ
ހަގީގަތުގައިވެސް ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި ހުރެގެންނެވެ. ނަމަވެސް އެއީ ހަނާގެ މިޒާޖެވެ. އޭނަ ނިންމައިފި ކަމެއް
ބަދަލެއްނުވާނެއެވެ. އެގޮތުގައި ހުރެ ހަނާ މިގުޅުން ނިންމާލީއެވެ. އަހަރެން އަދިވެސް އެގުޅުމުގައި ކުރިންވެސް ހުރިގޮތަށް ހުރީއެވެ. އަހަރެންގެ ހިތުގައެވެ. ހަނާއަށް ދީފައިވަ ޖާގަ، އެ
ލޯބި، އެ ގަދަރު ދުވަހަކުވެސް އެހެން އަންހެނަކަށް ނުދެމެވެ. އޭގެ ފަހުން ހަތް އަހަރު ފާއިތުވެގެން ދިޔަސް މިއަޒުމަށް، މި ލޯތްބަށް
ބަދަލެއް ނާދެއެވެ.
ހަގީގަތުގައި މިރޭ
އެކަނިވެރި ވާނީ އަހަންނެވެ. ހަނާއަކީ ލޯބިލޯބި ފިރިހެން
ކުއްޖެއްގެ މަންމައެވެ. ވަކިގޮތެއްގައި ސާބިތުވެގެން ހުރި އަންބެކެވެ. ފިރިމީހާ އާއި ދަރިފުޅު އަދި އެ އާއިލާއާ އެކީ މިރޭ އުފަންދުވަސް ފާހަގަ
ކުރާނެއެވެ. މީގެ ހަ އަހަރު ކުރިން ފަދައިންނެވެ. އަހަރެންގެ އުމުރުން 35 އަހަރެވެ. ހަނާގެ އުމުރުން 30 އަހަރެވެ. އޭނައެއީ ހަރުދަނާ އަންބެކެވެ. މިވީ ދުވަސްތަކުގައި އަހަރެންގެ
ހަޔާތަށްވެސް ބައިވެރިން އައިސް ގޮސް ވަމުން ދިޔައެވެ. އުމުރު ދުވަސްވަމުންދާއިރުވެސް 'ފުރިހަމަ' ކައިވެންޏަކާ ހަމައަށް
ނުދެވިފައި މިހިރީ ހަނާގެ ސަބަބުންނެއްނޫނެވެ. އަހަރެންގެ ހިތުގެ 'ބޯހަރުކަމުން'ނެވެ. ހަނާ ނޫން އަންހެންކުއްޖެއް ގަބޫލުވެސް ނުވަނީއެވެ.
އަތުގައި އޮތް މާ
ހުރި ދިމާލުން ތިރިއަށް ވައްޓާލީމެވެ. ލޮލަށްވެސް ނުފެނި އަނދިރި
މޫދުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. މިތަނުގެ ބުޑަށް ޖަހަމުންދާ
ރާޅުތަކާއެކު، އެ މާ ކޮންމެވެސް ތަނަކަށް ގެންދާނެއެވެ. ރާޅުގެ ހުދު ފޮނާ އެކު އެ ރީތި ރަތް ފިނިފެންމާ މިރޭގެ މޫދުގައި ރަނިކަން
ކުރާނެއެވެ. ރީތި އަންހެން ކުދިންގެ ތެރެއިންވެސް 'ތަފާތު ރީތި' ހަނާ ފަދައިންނެވެ. ތިރިއަށް ބަލާލިއިރު އެ މަލުގެ ހިލަމެއްވެސް ފެންނާކަށް
ނެތެވެ. މިރޭގެ އަނދިރިކަމުގެ ތެރެއަށް ގޮސް ގެއްލުނީއެވެ. އަހަރެންގެ މި ފާހަގަކުރާ 26 އޮކްޓޫބަރ ފަދައިންނެވެ. ހަނާއަށްވެސް އަހަރެންގެ މި 'ޕާޓީގެ' ހިލަމެއް ނުވާނެއެވެ. މި ލޯތްބެއްވެސް ނުފެންނާނެއެވެ.
ލޯތްބަކީ މައުރަޒަށް
އޮފުއަރުވާހުންނަ 'ޝޯވ އޮފް' ގަހަނާއެއްނޫނެވެ. ކޮންމެ ލޯތްބަކީ ބައިވެރިޔާ ފެނުމުން ލޯބިވެވި، ލޯ ކުރިމަތިން ގެއްލުމުން އެ
ލޯބި ބަދަލުވާ ވައްތަރުގެ އެއްޗެއްވެސްނޫނެވެ. އަދި އެއީ ދެކޮޅުން އެއްވަރަށް ލިބެންޖެހޭ އެއްޗެއްވެސް ނުމެ ނޫންމެއެވެ. ލޯތްބަކީ ތިމާ އެއްވެސް ސަރުތަކާނުލައި ހިބައިންދޭ ރޫހާނީ ވަރުގަދަ ގުޅުމެކެވެ. އަހަރެން މިހރީ އަދިވެސް އެ ގުޅުމުގައި ސާބިތުވެގެންނެވެ. އަނބުރާ އެއްޗެއް ލިބޭނެކަމުގެ ނުވަތަ މީހުންނަށް ދައްކަން ކަމެއްކުރާނެ
އިތުރު 'ޝަރުތެއްނެތް' ސާފު ސާދާ ލޯތްބެވެ. މި ލޯބީގައި ޝަކުވާއެއް ނެތެވެ. ހަނާ އަބަދުމެ އުފަލުގަ އުޅުން
ނޫން ދެވަނަ އެހެން އެދުމެއްވެސްނެތް ފުރިހަމަ ލޯތްބެކެވެ.
(ނިމުނީ)

1 comments:
maaiy kamoo
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ