Thursday, October 27, 2011

ހަގީގީ ހާދިސާ: މަންމަގެ އެއްލޯ


އަބްދުﷲ ޝަފީގް އަލީ

                        އަހަރެންގެ މަންމަ ހުންނަނީ އެންމެ ލޮލެކެވެ. އޭނަ ދެކެ އަހަރެން ވަރަށް ފޫހިވެއެވެ. ރުޅިވެސް އާދެވެއެވެ. އެއީ އެފަދަ ލަދުވެތި ކަމެއް އަހަރެންނަށް ކުރިމަތިވާތީއެވެ. މަންމަ އަކީ ކުޑަކުޑަ ފިހާރައެއް ހިންގާ މީހެކެވެ. ފިހާރައަކަށް ވުރެ އެތަނަށް ކުޑަކުޑަ ކަޑަ ގަނޑެކޭ ބުނިއްޔާ، އެތަނުގެ ވިޔަފާރި އާއި ތަނުގެ ބޮޑުމިން ހިތަށް ގެންނަން ފަސޭހަވާނެއެވެ. ގޮނޑުން ހޮވާ ތަކެއްޗާއި ބާ މުދާވެސް އެތަނުން ވިއްކާނެއެވެ. އެއީވެސް އަހަރެން ލަދުން މަރުވާ ވަރުގެ އަނެއްކަންތަކެވެ. ފައިސާ ހޯދަން މަންމަ ނުކުރާ މަސައްކަތެއް ނޯވެއެވެ.

އަހަރެން އެލެމެންޓްރީ ސްކޫލުގައި ކިޔަވަން އުޅުނު ދުވަހެއްގެ ހާދިސާ އަދިވެސް ހަނދާން އެބަހުއްޓެވެ. އެއީ ސްކޫލުގެ އިތުރު ހަރަކާތެއް ކުރިޔަށް ދިޔަ ދުވަހެކެވެ. އެހެން ބެލެނިވެރިންނެކޭ އެއްގޮތަށް މަންމަވެސް އަހަރުމެންގެ މަސައްކަތްތައް ބަލާލުމަށް ސްކޫލަށްއައެވެ. މަންމަ ފެނުމުން އަހަރެންގެ ކުލާސް ކުދިންނާއި ރަހުމަތްތެރިން އަހަރެންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ވަރަށް ލަދުގަތެވެ. އެންމެ ލޮލެއްއިން (އައިބު) މީހެއް މިފަދަ ފުރިހަމަ ދަރިވަރުންތަކެއްގެ ތެރެއަށް އައުމުން އެމީހުން ހީކުރާނީ ކީކޭހެއްޔެވެ. ވަގުތުން އަހަރެން މަންމައާ ދިމާއަށް ލޯ އަޅާލީމެވެ. ވަރަށް ނުރުހުންވެ ހުރެއެވެ. ވަގުތުން އެތަނުން ނުހުރެ ދުރަށް ހިނގައިގަތީމެވެ. 

                        ޖެހިގެން އައި ދުވަހު ކްލާސް ކުދިންގެ ސުވާލުތައް އަހަންނާ އަމާޒުވިއެވެ. "ކަލޭ މަންމަ އެންމެ ލޮލެއް ދޯ އިންނަނީ...."؟ މަލާމާތުގެ ގޮތަކަށް ބައެއް ކުދިން އަހަރެންނާ ސުވާލުކުރިއެވެ. އަހަރެން ވަރަށް ލަދުގަތެވެ. ހިތަށް އެރިއެވެ. މި ދުނިޔެއިން މަންމަ ވަގުތުން ގެއްލޭނެ ނަމައެވެ. އެހެން މީހުންގެ މަލާމާތެއް އޭރުން މަށަކަށް ނުލިބޭނެއެވެ.
ގެއަށް ދިޔަގޮތަށްގޮސް މަންމައާ މައްސަލަޖެއްސީމެވެ. ނުރުހުންވެ ހުރެއެވެ.

              "މަންމާ....ކޮބާތަ މަންމަގެ އަނެއްލޯ..؟ ތިކަމުގެ ސަބަބުން އަހަރެންނަށް ވަރަށް ލަދުވެތިކަން ކުރިމަތިވޭ..، ތިގޮތަށް ދުނިޔެއަށް ނައިސް މަރުވި ނަމަވެސް މާ ރަނގަޅު ވީހެއްނު....؟ އަހަރެންގެ އަޑު ބާރުވިއެވެ. ޝަކުވާތައް ބަންޑުންކޮށްލީމެވެ.
މަންމަގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަމައެކަނި ހިމޭންކަމެއް ފިޔަވައި އިތުރު ހަރަކާތެއް އަސަރެއްވެސް ނުފެނުނެވެ. އަހަރެން ކުޑަކޮށް ދެރަވިއެވެ. އެފަދަ ރުންކުރު ގޮތަކަށް މުހާތަބު ކުރުމުންނެވެ. ރައްދުގައި މަންމަ އެއްވެސް ރުޅިވެރިކަމެއް ނުފެނުމުންނެވެ. ނަމަވެސް އިރުކޮޅަކުން އަހަރެން ހިތަށް އެރިއެވެ. މައްސަލައެއް ނެތެއްނޫން ހެއްޔެވެ. މިއޮށް ހުރިހާ ދުވަހު މަންމައަށް ގޮވާލަން ހިތަށް އެރި ހުރިހާ އެއްޗެއް ގޮވާލެވުނީއެވެ.

                         އެރޭ ދަންވަރު އަހަންނަށް ހޭލެވުނެވެ. ވަރަށް ބޮޑަށް ފެން ބޮވައިގަނެގެންނެވެ. ބަދިގެއަށް ވަދެ ފެންޖަގުން ފެންކޯވަރެއް ބޮއިގެން ހިނގައިގެންތަނުން، މަޑުމަޑު ކުކުރުމެއްގެ އަޑު އިވުނެވެ. އެއީ މަންމަގެ އަޑެވެ. ފޮތިގަނޑެއް އަނގަމަތި އަޅައިގެން ހުރެ ރޮނީއެވެ. ހީވާ ކަހަލަ އެވެ. މަންމަގެ ރުއިމުގެ އަޑަށް އަހަރެން ހޭލަފާނެއެވެ. ނުވަތަ މަންމަގެ ހިތާމަ އެހެން މީހަކަށް އަޑުއިއްވަން ބޭނުން ނުވަނީއެވެ. މަންމަ ހުރީ ފުރަގަސްދީގެންކަމުން އަހަރެން ނުފެންނާނެއެވެ. އަހަރެން މަންމައާއި ދިމާއަށް ދެވަނަ ފަހަރަށް ބަލާލީމެވެ. އަދި ކޮޓަރިއަށް ދިއުމަށްޓަކައި ހިނގައިގެންފީމެވެ. މިއަދު މަންމައާ މުހާތަބުކޮށް ބުނެވުނު ބަދު ބަސްތަކުގެ ސަބަބުން އަދިވެސް އަހަރެންގެ ހިތުގެ ވަކި ހިސާބެއްގައި ކުޑަކުޑަ ރިހުމެއް އުފެދިފައިވެއެވެ. މަންމަގެ ހުރި ހަމައެކަނި ލޮލުން ރޯ މަންޒަރު ފެނުމުން ރުޅި އާދެވުނަސްމެއެވެ. 

                          އަހަރެން އަޒުމެއް ކަނޑައެޅީމެވެ. ބޮޑުވެގެން ކާމިޔާބު ވިޔަފާރިވެރިއަކަށް ނުވަތަ އެނޫންވެސް ތައުލީމި ރަނގަޅު ވަޒީފާއެއްގަ އުޅޭ މީހަކަށް ވުމަށެވެ. އޭރުން މަންމަގެ މި މަންޒަރުތަކުން ސަލާމަތްވެ އަހަރެން ލަދުން އުޅޭކަށް ނުޖެހޭނެއެވެ. އެހެންނޫނީ މި ފަގީރު ޖިފުޓިގަނޑުގައި، މިފަގީރު ހާލުގައި އުމުރު ހުސްވެދާނެއެވެ.

                          އޭގަ ފަހުން ކުރިއަށް ވުރެ ބުރަކޮށް ކިޔަވަން ފެށީމެވެ. ވަރަށް ފަރުވާތެރިކަމާއެކު ރަނގަޅަށް ފިލާވަޅުތައްވެސް ހެދީމެވެ. ކިޔެވުމަކީ ހަމައެކަނި އަހަރެންގެ ދިރިއުޅުންކަމުގައި ހެދީމެވެ. ނަތީޖާ ހީކުރިވަރަށް ވުރެވެސް ރަނގަޅެވެ. އަހަރެންނަށް ސޯލް (ދެކުނު ކޮރެއާ) ގެ ޔުނިވަރސިޓީއަކުން ޖާގަ ލިބުނެވެ. މަންމަ ދޫކޮށްލުމަށް ފަހު، ވަގުތުން ފުރުސަތުގެ ބޭނުން ހިފާ ސޯލް އަށް ބަދަލުވީމެވެ.
ސޯލްގެ ކިޔެވުމާ އެ މާހައުލުވީ އަހަރެންނަށް ވަރަށް ކާމިޔާބު ތަނެކެވެ. ވަރަށް ކާމިޔާބު ކިޔެވުމުގެ އަހަރުތަކެއް ކަޑަތުކުރުމަށް ފަހު އަހަރެންނަށް ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ. އަތްމަތި ތަނަސްވަސް ވާންފެށިއެވެ. އެއާއި އެކު އަމިއްލަ ގެއެއްވެސް ގަނެ ޒަވާޖީ ހަޔާތެއް ފެށީއެވެ. ދިރިއުޅުން ވަރަށް އުފާވެރިއެވެ. މިހާރު އަހަރެންނަކީ ބޮޑު ގެއަކާ އޯގާތެރި އަންބެއްގެ އިތުރުން ލޯބިލޯބި އަންހެން ދަރިއެއްގެ ބައްޕައެކެވެ. މިތަނަކީ އަހަރެން ވަރަށް އުފާވެރިތަނަކަށް ހަދާދީފިއެވެ. ކާމިޔާބު މީހަކަށް ހަދާދީފިއެވެ. ހާއްސަކޮށް މަންމަގެ ނިކަމެތި ދިރިއުޅުމާއި ދުރުގައި ހުރުމުން ހިތައް ފަސޭހަވިއެވެ.

                          ދުވަހަކަށް ވުރެ ދުވަހެއް އަހަރެން ހަޔާތް އުޖާލާވަމުން ތަނަވަސްވަމުން ދިޔައެވެ. މި އުފާވެރި ދިރިއުޅުމުގެ ތެރޭގައި އުޅެނިކޮށް އެއްދުވަހެއްގެ ރީތި ހަވީރެއްގައި ނުވެސް ދަންނަ މީހަކު އަހަރެންގެ ގޭގެ ދޮރުގައި ޓަކިޖެހިއެވެ. 
"ކާކު...؟ ތީ ކާކު؟..." ނުރުހުންވެފަ ހުރެގެން އަހަރެން ސުވާލުކުރީމެވެ. ކިތަންމެ ދުވަހެއްކޮށްފަ ފެނުނަސް އެއީ އަހަރެންގެ މަންމައެވެ. އެއްކަލަ، އެއްލޯކަނު މަންމައެވެ. އެވަރު އަހަރެންނަށް އޮޅޭނެހެއްޔެވެ. އަހަރެންނަށް އިހުސާސްކުރެވުނީ މި އުފާވެރި ދިރިއުޅުން އަނެއްކާވެސް އެކޮޅުކޮޅުން ޖެހެން އުޅެނީހެންނެވެ. އެވަގުތު އަހަރެންގެ އަންހެންދަރިފުޅުވެސް އަހަރެންގެ ކައިރީގައި ހުއްޓެވެ. ވަގުތުން އެތެރެއަށް ދުއްވައިގަތެވެ. ބިރުންނެވެ. މަންމަގެ އެ އައިބު ލޯ ފެނުމުންނެވެ.

               "ތީ ކާކު..؟ އަހަންނަކަށް ތީ ކާކުކަމެއް ނޭންގުނު " އަހަރެން އަނެއްކާވެސް ތަކުރާރުކޮށް އެ ސުވާލުކުރީމެވެ. އެއީ އަހަރެންގެ މަންމަކަން އެނގިހުރެއެވެ.

               "ކަލޭ ހާދަ ގޮތެއްނެތޭ ދޯ...ކާކު ކަލޭ ކައިރި މި ގެއަށްއައިސް އަހަރެންގެ އަންހެން ދަރިފުޅު ބިރުގަންނަވާލާށޭ ބުނީ... "؟ އަހަރެން މަންމައާ ދިމާއަށް ހަޅޭއްލަވައިގަތީމެވެ.

                            އަހަރެންގެ މަންމަ މަޑުމަޑުން ޖަވާބުދިނެވެ. "އަހަރެންނަށް މާފުކުރާށެވެ...އަހަރެންނަށް މި އާދެވުނީ ނުބައި އެޑްރެސް އަކަށެވެ" އޭގެ ފަހުން ގޭގެ ދޮރުން ނިކުމެ ގެއާ ދުރަށް ހިނގައިގަތެވެ. 

                            އަހަރެން ވަރަށް އުފާވިއެވެ. މަންމައަށް އަހަރެން ވަކިކުރަން ނޭންގުނީމައެވެ. އަހަރެންގެ ބޮލަށް ފަސޭހަވިއެވެ. އަދި ދިރިއުޅުމުގެ ބާކީ ދުވަސްތަކުގައި އުފާވެރި މި ހަޔާތް ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރެއް ލިބުނެވެ.

                            ދުވަސްތައްކެއް ފަހުން އަހަރެންނަށް ކޮލެޖުން ސިޓީއެއް ލިބުނެވެ. އެއީ ކުރިން އުޅުނު އަވަށުގެ ކޮލެޖުގެ އިސްދަރިވަރުންގެ ބައްދަލުވުމަކަށެވެ. ކުރިން ކިޔަވަން އުޅުނު އެންމެންގެ ބައްދަލުވުމަކަށެވެ. އަހަރެންގެ އަންހެނުންނަށް ދޮގެއް ހަދަން ޖެހުނެވެ. އެއީ ކުރިން އުޅުނު ނިކަމެތި އަވަށައް ދާން ޖެހޭތީއެވެ. އެހެންކަމުން އަހަރެން އޭނަކައިރި ވިޔަފާރި ދަތުރެއްކަމަށް ބުނެ އެ އަވަށަށް ގޮއްސީމެވެ.
ކޮލެކުގެ އިސްދަރިވަރުންގެ ހަރަކާތްތައް ނިމުމުން އަހަރެން ގަސްތުކުރީ ކުރިން އަހަރެން ދިރިއުޅުނު ފަގީރު ޖިފުޓި ބަލާލަން ދިއުމަށެވެ.
އަހަރެން ދިޔައީ ސިއްސައިގެންނެވެ. ތަގުދީރު އަހަރެން މިގެނައީ ކޮން މަންޒަރެއް ދައްކަން ބާވައޭ ހިތައް އެރިއެވެ. ގޭތެރޭގެ ފިނި ތަޅުގަނޑުމަތީގައި އަހަރެންގެ މަންމަ ވެއްޓިފައި އޮތެވެ. އެ މަންމަ ގެ އެއްވެސް ވިންދެއްނެތެވެ. ހަރަކާތެއްނެތި އޮތީ ހަރުދަނޑި އަރާފައެވެ. އަހަރެން ލޮލުން ކުޑަވެސް ކަރުނަތިއްކެއް ނައެވެ. މަންމަގެ ހާލަށް ހަމްދަރުދީވުމުގެ ބަދަލުގައި އަހަރެންގެ ލޮލުގައި އަޅައިގަތީ މަންމަގެ އަތުގައި އޮތް ހުދުކުލައިގެ ކަރުދާސް ގަނޑަށެވެ. އެއީ ސިޓީއެކެވެ. އަހަރެންނަށް އެޑްރެސް ކޮށްފައިވާ ސިޓީއެކެވެ.


"ލޯބިވާ ދަރިފުޅަށް...
އަހަންނަށް ހީވަނީ މަންމަގެ އަޖަލު ހަމަވަނީހެންނެވެ. އެހެން ވިޔަސް ސޯލް އަށް ދެން ދުވަހަކުވެސް ނުދާނަމެވެ. އެކަމަކުވެސް އެއީ އަހަރެންނަށް ކެތް ނުވާވަރުގެ ކަމެކެވެ. އަހަރެންގެ ހިތް އަބަދުވެސް ބުނަނީ ދަރިފުޅު ދެކިލަން އެންމެ މަދުވެގެންވެސް އަހަރަކު އެއް ފަހަރު ސޯލްއަށް ދިއުމަށެވެ. ދަރިފުޅު މަތިން މަންމަ ހާދަ ހަނދާންވެއެވެ. އަހަރެންނަށް އަޑު އިވިފައިވާ ގޮތުގައި ދަރިފުޅުގެ ކޮލެޖުގެ އިސްދަރިވަރުންގެ ހަރަކާތަކަށް މި އަވަށަށް އަންނަނީއެވެ. އެ ހަބަރު ލިބުމުން މަންމައަށް ބުނެދޭންވެސް ނޭންގޭ ކަހަލަ އުފާވެރިކަމެއް އިހުސާސްވިއެވެ. ދަރިފުޅު ލަދުގަންނާނެތިވެ މަންމަ އެ ހަރަކާތްތައް ދެކިލަން ސްކޫލަކަށް ނުދަމެވެ.....ދަރިފުޅަށްޓަކައެވެ. ދަރިފުޅާއެވެ. މިމަންމަ ވެސް ދަރިފުޅަށްޓަކައި އެކަމާ ލަދުގަނެއެވެ. މިމަންމަގެ އެންމެ ލޮލެއް އިންނާތީއެވެ.

ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅަށް އެނގޭ ހެއްޔެވެ؟.....ދަރިފުޅުގެ އުމުރުން ވަރަށް ކުޑައިރު
ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ. އެ އެކްސިޑެންޓުގައި ދަރިފުޅުގެ އެއްލޮލުގެ ފެނުން ގެއްލުނެވެ. އަހަންނަކީ ދަރިފުޅުގެ މަންމައެވެ. ދަރިފުޅުގެ އެހާ ޅަ އުމުރުގައި އެންމެ ލޮލެއްގެ އެހީގައި ބޮޑުވާތަން ދެކޭކަށް ކުޅަދާނައެއްނޫނެވެ. އެހެންކަމުން މިމަންމަ ގެ ދެ ލޮލުގެ ތެރެއިން އެއް ލޯ ދަރިފުޅަށް ދިނީއެވެ. އިރާދަ ފުޅުން ދަރިފުޅުތީ ދެލޯ ސަލާމަތުން ހުރި ފުރިހަމަ ކުއްޖެކެވެ. އަހަރެން ވަރަށް ފަހުރުވެރިވެއެވެ. އެ ލޮލުން ދަރިފުޅުގެ ދުނިޔެ އާރާސްތުކޮށްފިއެވެ. މުޅިން އެހެން ތަނަސް ދިރިއުޅުމެއް ދެކެފިއެވެ. ....

ލޯބިވާ ދަރިފުޅާއެވެ..، މި މަންމަގެ ހިތުގައި ދަރިފުޅަށްޓަކައި އެއްވެސް ޝަކުވާއެއް ނެތެވެ. ދަރިފުޅު ކުރި އެއްވެސް ކަމަކަށް ހިތްބުރަ ކަމެއްވެސް ނެތެވެ. މިމަންމަގެ ހިތް އަބަދުވެސް ވަނީ މައިވަންތަކަމުގެ ލޯތްބާއި ކުލުނުން ދަރިފުޅަށް ޓަކައި ފުރިފައެވެ. މަންމަ ދެކެ ދަރިފުޅު ކިތަންމެ ރުޅިއަޔަސް އަބަދުވެސް ހިތުގައި އޮވެއެވެ. ދަރިފުޅު ކޮންމެވެސް ދުވަހަކުން މި މަންމަ ދެކެ ލޯބިވާނެއެވެ. އަހަރެންގެ މުޅި ހަޔާތުގައިވެސް އެންމެ އުފާވެރި ދުވަސްތަކަކީ އެންމެ އުފާވެރި ހަނދާނަކީ މި މަންމައާއި އެކު ދަރިފުޅު ހޭދަކުރި ދުވަސްތަކެވެ. އެދުވަސްތަކުގެ އުފާވެރިކަން އަބަދުމެ މިހިތުގައި ބިންވަޅުނެގިފައިވެއެވެ.

ދަރިފުޅާއެވެ......... މަންމަ ދަރިފުޅު ދެކެ އަދިވެސް ވަރަށް ލޯބިވެއެވެ. ވަރަށް ހަނދާންވެއެވެ. ތިއީ މި މަންމަގެ 'ދުނިޔެއެވެ'..."

ސިޓީ ކިޔަ ނިމުމުން އަހަރެންއިނީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. ހީވަނީ މުޅި ދުނިޔެ އަހަންނަށް މަލާމަތްކުރާހެންނެވެ. އަނެއްކާވެސް އެ މަންމަ އަށް ބަލާލީމެވެ. އެ ނިކަމެތި އެހެނަސް އޯގާތެރިކަމުން ފުރިގެންވާ އިންސާނާ އެވަނީ މި އަނިޔާވެރި ދުނިޔެއާ ވަކިވެފައެވެ. އަހަރެންނާ ދުރަށް، މާދުރަށް ގޮއްސައެވެ. އަހަރެންނަށް މާލަސްވީއެވެ. ވަގުތު ފާއިތުވީއެވެ.


 (ނިމުނީ)


ނޯޓް: މިއީ އިނގިރޭސިން ލިޔެފައިވަ ހަގީގީ ހާދިސާއެއްގެ ދިވެހި ތަރުޖަމާއެކެވެ.

.  

0 comments:

Post a Comment

އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ