އަބްދުﷲ ޝަފީގް އަލީ -
ފާތިންއަށް އެއިޑްސް ޖެހުނު ފަހުން ޖިންސީ ވިޔަފާރި ވަނީ ހުއްޓާލާފައެވެ. މިހާރު އޭނާ އާމްދަނީ ހޯދުމުގެ ގޮތުން މަސައްކަތް ކުރަނީ ސިންގަޕޫރުން ލޮރީ ތަކަށް މުދާ ބަރުކުރުމުގެ މަސައްކަތެވެ. ބައެއް ފަހަރަށް ޑްރައިވަރެއްގެ ގޮތުގައިވެސް ލޮރީގެ ޑިއުޓީ އަދާކޮށްގެން އޭނާގެ އާމްދަނީ ދެގުނަ ބޮޑުކޮށް ހޯދާ ފަހަރުވެސް މަދެއްނޫނެވެ.
ފާތިން ގެ މިހާރު ހުރި ޖިންސާ ދޭތެރޭ އޭނާ ވަރަށް ހިތްހަމަޖެހެއެވެ. އޭނާ ބުނާގޮތުން ވިހޭއިރު އޭނަ އަކީ ފިރިހެން ކުއްޖެއްކަމަށްވިޔަސް ވަރަށް ކުޑައިރުންފެށިގެން އޭނާ އަންހެން ހެދުން އެޅުމަށް ލޯބިކުރެއެވެ. އަދި ގޭގައި އަންހެންކުދިން ކުރާ މަސައްކަތްވެސް ކުރަންފެށިއެވެ. އޭގެ ފަހުން އޭނާވަނީ ޝީމޭލް އަކަށް ބަދަލުވެފައެވެ.
(ނޯޓް: ޝީމޭލުންނަކީ އަންހެނުން ގޮތައް އުރަމަތި ބޮޑުކޮށްގެން، ބައެއް މީހުން ފިރިހެން ހަށިވެސް ބުރިކޮށްލާ، އަންހެނުންގެ ކުރިމަތި ފަރާތާ އެއްގޮތައް ބަދަލުކޮށްލައެވެ. އަނެއްބައި މީހުން މަތީކޮޅު އަންހެނެއް ގޮތައް، ތިރީބައި ފިރިހެނުންގެ ސާމާނާއެކު ހުރެއެވެ. މިއީ މިހާރު ވަރަށް ފަސޭހަ ސާޖަރީއެކެވެ. މެލޭޝިޔާ، ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް މިވައްތަރު 'އަންހެނުން' ވަރަށް ގިނައިން ފެންނާނެއެވެ. އިންޑިޔާގެ ބެންގަލޫރުގެ ކޮމާޝަލް ސްޓްރީޓްގަ ރޭގަނޑު އުޅެނީ މީގެ ފޭކު މީހުންނެވެ. ބޮޑެތި ކަޅު ފިރިހެނުން އެއްވެސް އޮޕަރޭޝަނެއް ނުކޮށް ހަމައެކަނީ ބުރާ އެއް އަޅައިގެން އުޅޭ މީހުންނެވެ. ދިވެހިރާއްޖޭގައިވެސް މިކަހަލަ އެކަކު އުޅޭކަމަށްވެއެވެ)
މިހާރަކަށް އައިސް ފާތިންގެ ގިނަ ވަގުތު ހޭދަ ކުރަނީ ގޭގައެވެ. އެއީ އޭނަގެ ބަލިހާލު ބޮޑުވެ ދިރިއުޅެން އުނދަގޫ ހިސާބަށް ދިއުމުންނެވެ.
'....މަށަށް ހީވަނީ ސިކުނޑި ބޭރަށް ނިކުމެދާނެހެން، އެހާވެސް ބޮލުގަ ރިއްސާ، ބައެއް ފަހަރު ލޮލަށް ނުފެންނަ ފަހަރުވެސް އާދޭ، ކާހިތެއް ނުވޭ، އަހަރެންގެ އަމިއްލަ ނަފްސަށް ކޮންމެ ކަމެއްކުރަންވެސް ޖެހެނީ މަޖުބޫރުކުރަން'.
ހިތް ހަލާކުވެފައިވާ މަންމައެއް:
ހިތް ހަލާކުވެފައިވާ މަންމައެއް:
ފާތިންގެ މަންމަ ރޯޒް (އަސްލު ނަމެއްނޫން) 49 އ، ގިނަ ވަގުތު ހޭދަކުރަނީ އިތުރުގަޑީގައި މަސައްކަތްކޮށްގެން އާމްދަނީ ހޯދުމަށާއި ބޮޑެތި މީހުނަށް ކިޔަވަދޭ ކުލާހަކަށްގޮސް ކިޔެވުމުގެ ކަންތަކުގައާއި ދަރިން ބެލުމުގެ ކަންތައްތަކުގައެވެ. ސިންގަޕޫރުން އެ ވިލެޖަށް ގެންނަ މުދާ ބަރުކުރުމުގެ މަސައްކަތްކޮށްގެން ފާތިންގެ މަންމައަށްވެސް ދުވާލަކު 250 ރިންގިޓް ލިބެއެވެ. ރޯޒް ގެ 60 އަހަރުގެ ފިރިމީހާ އަށް މިހާރު އެއްވެސް މަސައްކަތެއް ނުކުރެވެއެވެ. އެއީ އުނަގަނޑުގައި ނުފިލާ ތަދެއް ހުންނާތީއެވެ.
ރޯޒް ލޮލުން ނާއުއްމީދީ ގޮތަކަށް އަޅުގަނޑާ ދިމާއަށް ބާލަލަމުން، ފެންކަޅިވެފައި އިނދެގެން އޭނާގެ ވިޔާނުދާ ދަރިންގެ ވާހަކަ ކިޔާދިނެވެ
. ".....އަހަރެންގެ އެއިޑްސް ޖެހުނު 3 ފިރިހެން ދަރިން މަރުވަންދެން ބެލީ ހަމަ މި ދެއަތުން، އަހަރެން އަބަދުވެސް އެމީހުނަށް ނަސޭހަތް ދިނިން، އަދަބު ދިނިން، ޑްރަގްސް ބޭނުން ނުކުރުމަށް،....އެކަމަކު އެމީހުން އެކަމެއް ހުއްޓައެއްނުލި..އެންމެ ކުޑަމިނުން އަހަރެންގެ އެއް ދަރިޔަކު ޕޮލިހުން މަސްތުވާތަކެއްޗާ އެކީ ހައްޔަރުކުރުމުންވެސް އޭނަ އެކަމުން ދުރެއްނުވި...އިސްލާހެއްނުވި..'"
ރޯޒް ގެ 26 އަހަރުގެ ފިރިހެން ދަރިއާއި، 20 އަދި 17 އަހަރުގެ ޒުވާން ދަރިން މަރުވި ގާތްގަނޑަކަށް ޖެހިޖެހިގެން ކަހަލަ ގޮތަކަށެވެ. އެމީހުން އެކަކު އަނެކަކަށް ސިރިންޖުން ޑްރަގްސް ބޭނުން ކުރަމުން ގެންދިޔައެވެ. މިސަރަހައްދުގެ ޑްރަގު ވިޔަފާރިކުރާ މީހުންނަށް އެމީހުން ތައާރަފްވެ ރޯޒްގެ ކޮންޓްރޯލް، ދަރިންގެ މައްޗަށް ގެއްލުނެވެ.
"އަހަރެންގެ ހަތަރުވަނަ ފިރިހެން ދަރިވެސް މިހާރު މަސްތުވާތަކެތީގެ ޝިކާރައަކަށްވެއްޖެ،..އޭނަގެ ބޭބެމެންނަށް ދިމާވި ކަންތަކުގެ ވާހަކަ ކިޔާދިނުމުންވެސް ގަބޫލެއް ނުކުރި،..އެކަމުން ދުރެއް ނުވި،،،މަސްތުވާތަކެއްޗަށް ހަރަދު ކުރުމަށް މިހާރު އޭނަދަނީ މިހިސާބުގެ މީހުންނާ އެކީގެ މަހަށް...ދުވާލަކު އެސޮރަށް ލިބޭ 160 ވަރަކަށް ރިންގިޓު އެއްކޮށް އެ ހަރަދު ކުރަނީ ހަމަ މަސްތުވާ ތަކެއްޗަށް...އެންމެ ލޯލާރިއެއްވެސް އާއިލާގެ ކަމަކަށް ހަރަދެއް ނުކުރޭ...އަހަރުމެނަކަށް ނުދޭ..'
ރޯޒް ރޮމުން ކިޔާދިނެވެ.
'...މިއީ މައިން ބަފައިން ދަރިންދެކެ އިންތިހާއަށް ލޯބިވިޔަސް ދަރިން މައިންބަފައިން ދެކެ ލޯބި ނުވާތީ ދިމާވާގޮތްތައް..'
ރޯޒްގެ އަމިއްލަ ތަޖުރިބާއަށް ބިނާކޮށް، އޭނާއަށް ފެންނައެއްޗެއް އަޅުގަނޑާ ހިއްސާކޮށްލުމުގެ ގޮތުން ބުނެލިއެވެ.
ރޯޒް އޭނާގެ ދަރިންނަށް ލޯބި ދިނެވެ. އޯގާތެރިކަން ދިނެވެ. އެންމެ ފަހުން ކޮންމެ ދަރިއެއްވެސް ބޮޑުކަމެއް ޖެހުމުން، ބޮނޑިއެއް ބޮއިގެން އަންނަނީ ރޯޒް ކައިރިއަށެވެ. އޭނަގެ 3 ފިރިހެން ދަރިންނަށް އެއިޑްސް ގެ ޝިކާރަކަށްވުމުންވެސް އެއްވެސް ޝަކުވާއެއް ނެތި މަރު ދުވަހާ ޖެހެންދެންވެސް ބެލިއެވެ. ރޯޒް ގަބޫލުކުރާ ގޮތުގައި އޭނަގެ 8 ކުދިންގެ ތެރެއިން 6 ކުދިން އެއިޑްސްގެ ބަލީގައި މަރުވެދާނެއެވެ. މިހާރު ސަލާމަތުން ތިބީ އޭނަގެ 13 އަހަރާއި 6 އަހަރާއި ދެމެދުގެ އަންހެން ކުދިންނެވެ.
'މިހާރު ދެން މިއޮތީ މީނައަށް (ފާތިންއަށް) މި ބަލި ޖެހިފައި...އަހަރެން ވަރަށް ރުޅިވެސްއައި، ދެރަވެސްވި..އަހަރެންގެ 3 ފިރިހެން ދަރިން މިހާރުވެސް ގެއްލިއްޖެ...ދެން މީނަ (ފާތިން) މީ އަބަދުވެސް އެންމެ ލާނެއް، ބަސްނާހާ މީހާ'. ރޯޒްގެ އިންޓަވިއު ނިންމާލަމުން ބުނެލިއެވެ
.
(ނިމުނީ)
.

0 comments:
Post a Comment
އެންމެންނާއި އެކަށީގެންވާ ބަހުރުވައަކުން ޚިޔާލު ފާޅުކުރައްވާ