Saturday, March 24, 2012

ތިޔަ ހިޔާލުގާ މަގޭ ހިތް – ކުދިކުދިވެގެން ދަނީއޭ... (7)

-އަބްދުﷲ ޝަފީގް އަލީ-

އެދުވަހުގެ ފަހުން އަހަރުމެން ދެމީހުން އެއްކޮށް އުޅުން އިތުރުވިއެވެ. ސީރިއަސް ލޯބީގެ ގުޅުމަށް ކިތަންމެ ތައްޔާރުވެފައި ނެތަސް ލިއުޝާއަކީ އެކުގައި އުޅެން އަރާމު އަންހެންކުއްޖެކެވެ. ހިތަށް ފިނިކަންދޭން އިނގޭ، މަޑުމައިތިރި، ކިޔަމަންތެރި ލޯތްބެއްވާން ދަންނަ އަންހެންކުއްޖެކެވެ. އަބަދުވެސް އަހަރެންގެ ހިތްހަމަޖެހުމަކީ ލިއުޝާގެ ހިތްހަމަ ޖެހުންކަމަށް ދެކިގެން މައްސަލަތަކާ ދުރުގައި ދިރިއުޅުމަށް ލޯބިކުރާ ހިތްގައިމު އަންހެންކުއްޖެކެވެ. ކިތަންމެ ބޭނުން ނުވިޔަސް މިފަދަ ކަންތައްތަކުން އަހަރެންގެ ހިތްވެސް މަޑުމަޑުން ލިއުޝާގެ މައްޗަށް ލެނބެމުން ދިޔައެވެ.

މިދުވަސްކޮޅުގެ ތެރޭގައި ބައްޕަ ބަލިވެ އުޅުމުގެ ސަބަބުން ކެފޭގައި އިތުރު ވަގުތު ހޭދަކުރަން ޖެހުނެވެ. ލިއުޝާއާއި އެކު ހޭދަކުރާ ވަގުތު ކިތަންމެ މަދުވިޔަސް، އަހަރުމެންގެ ގުޅުމުގެ އެންމެ ޅަފަތުގައިވި ދުވަސްކޮޅުވިޔަސް، މިކަމާ ލިއުޝާގެ ހިތްބަރުކަމެއްނެތެވެ. އޮފީހުން ލިބޭ ހުސްވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މުޅި ރޭނގަނޑު ކަހަލަ ގޮތަކަށް އުޅެން ޖެހެނީ ކެފޭގައެވެ. އަހަރެންނަކީ ކަސްޓަމަރުންނާ ގުޅުންބޮޑު، މިކަހަލަ ކަމެއްގައި ފިސާރި އުޅޭހިތްވާ މީހެކެވެ. އެހެންކަމުން ފޫހިކަމެއްނެތި ކެފޭގެ މަސައްކަތުގައި އުޅެނީ އަމިއްލަކަމެއްގެ އިތުރުން ހޮބީއެއްގެ ގޮތުގައެވެ.
"އެސްކިއުޒްމީ....އަދިވެސް އޯޑަރު ނާދޭ....އަވަސްކޮށްދީބަ...ސޭޓޫ......" އަންހެންކުއްޖެއްގެ ޝަކުވާގެ 'ތޫލި' އަޑަށް ސިއްސައިގެން ދިޔައެވެ. ކައުންޓަރުގައި ހިސާބުތައް ނިންމާލާ ގެއަށްދާން ތައްޔާރުވެލުމަށް އަތްމަތި އަވަސްކޮށްލައިގެން އިން މި ދަނޑިވަޅުގައި އަހަރެންގެ ސަމާލުކަން ކަސްޓަމަރެއްގެ ހިދުމަތަށް އެނބުރެން ޖެހުނެވެ. އެއަންހެން ކުއްޖާ ކައުންޓަރުކައިރިން ދުރަށްވެސް ނުގޮސް އަހަރެންގެ ޖަވާބުގައި މަޑުކޮށްގެން ހުއްޓެވެ.
"އިށީންނަވާ....ދެއްވާ ޓޭބަލް ނަމްބަރު" އަހަރެން އޯގާތެރިކަމާއެކު އޭނާ އާއި ސުވާލު ކުރީމެވެ. އަދި ކެފޭ ބަންދު ކުރާ ގަޑި ޖެހެން އުޅޭތީ ބަދިގެތެރެ ތަންކޮޅެއް ބިޒީވެދާނެކަމަށް ބުނެ، ކައުންޓަރުން ނިކުމެ އަހަރެންވެސް ހިނގައިގަތީ ބަދިގެއާ ދިމާއަށެވެ. އެކުއްޖާވެސް މޭޒު ނަމްބަރު ބުނެލުމަށް ފަހު ފަރި ހިނގުމެއްގައި ގޮސް ކެފޭ ތެރެއަށް ގެއްލުނެވެ.
ކޮފީތަށި ހިފައިގެން އަހަރެން މިސްރާބު ޖެހީ ދެންމެ ޝަކުވާ ކުރި ކަސްޓަމަރުގެ މޭޒަށެވެ. ހަތަރު އަންހެންކުދިންގެ އެ ގުރޫޕުގައި އެ އަންހެންކުއްޖާ ވަރަށް ޖޯޝުގައި ވާހަކަދައްކަމުން ދިޔައެވެ.
"ވާ...އު.، މިފަހަރު ސޭޓުގެ އަތުން ކޮފީ ލިބުނީ....ޔޫ އާ ސޯ ހޭންޑްސަމް..." ކޮފީތަށި ދިއްކޮށްލުމުން އެކުއްޖާ އަހަރެންނާ މުހާތަބްކޮށް ބުނެލިއެވެ. އަހަރެން ޝުކުރު އަދާކުރުމަށް ފަހު، ކައުންޓަރާ ދިމާއަށް ހިނގައިގަތްއިރުވެސް ލާނެއް ހިނިތުންވުމާ އެކު، އެ އަންހެއްކުއްޖާ އަހަރެންނަށް ތައުރީފުކުރަމުން ދިޔައެވެ. ހާދަ ލާނެތް އަންހެން ކުއްޖެކޭ ހިތަށް އެރިއެވެ.

ކެފޭ ބަންދުކުރާ ގަޑިޖެހުމުން، މަޑުމަޑުން ކަސްޓަމަރުން މަދުވަމުންގޮސް މުޅި ކެފޭ ހުސްވި ކަހަލައެވެ. އަހަރެންވެސް ކައުންޓަރުން ނިކުމެ، މޯޅިއަކަށް ދެމިލާ ސްޓްރެޗް ހަދާލީމެވެ. ދުވާލާއި ރޭގަނޑު މަސައްކަތް ކުރުމުގެ ސަބަބުން އަހަރެންގެ މުޅި ހަށިގަނޑު ހުންނަނީ ވަރުބަލިކޮށްލާފައެވެ.
"ވަރަށް ޓަޔަޑް ވެފަ ދޯ....އެކަމަކު ތި ލޯ ވަރަށް ލޯބި.....، ހީވަނީ ޑްރަންކު ވެފަ ހުރި ހެން" ކުއްލިއަކަށް ސިއްސައިގެން ދިޔައީ އެއްކަލަ އަންހެންކުއްޖާގެ އަޑު ޖެހުމުންނެވެ. ފަހަތް ބަލާލިއިރު އަހަރެންނާ ވަރަށް ކައިރީގައި އެކުއްޖާ ހިނިތުންވެލައިގެން ހުއްޓެވެ. އަހަރެން އެއްޗެކޭ ނުބުނަމެވެ. ދެންވެސް ވާހަކަ ދެއްކީ އޭނައެވެ.
"އަހަރެން ނޭންގުނު ދޯ...އަސްލު އަހަރެންނަކީ ރެގިއުލަރ ކަސްޓަމަރެއް...ލައިކް، ކޮންމެ ރެއަކު ނާދެވުނަސް ޓައިމް ވީމަ މިތަނަށް މިއަންނަނީ...މީގެ ތިން ރޭ ވަރު ކުރިން ތީނަ ފެނުނީމަ ހިތަށް އެރީ މިރޭ ދާނީ ޖެއްސުންކޮށްލާފައޭ....އަސްލު ބޭނުމީ ވާހަކަދައްކާލަން..."
ޖެހިލުމެއްނެތި އެކުއްޖާ ވާހަކަ ދައްކަމުން ދިޔައެވެ. އަހަރެންނަކީ ކަސްޓަމަރުންނަށް ހިތްހެޔޮ މީހަކަށް ވިޔަސް، މިމައްސަލައިގައި ހިތްހެޔޮކޮށްލައިގެން މި އަންހެންކުއްޖާ އާއި ވާހަކަ ދެއްކުމުގެ އެއްވެސް ޝައުގުވެރިކަމެއްނެތެވެ. ފަހަރެއްގައި ވެފަ ހުރި ވަރުބަލިކަމާއި ލިއުޝާގެ ހިޔާލުގެ ސަބަބުންކަންނޭންގެއެވެ. އަހަރެން ހަމައެކަނި ތެންކިއު އަކުން ފުއްދާލުމަށް ފަހު ގެއަށްދާން ތައްޔާރުވެލީމެވެ. އަހަރެން އެނބުރުމުން އަނެއްކާވެސް ކުރިމައްޗަށް އައިސް އެކުއްޖާ ވާހަކަދައްކަން ފެށިއެވެ. "ގުޑްނައިޓް...މީ ރިޝްމީ،...ކޯލްމީ ރިޝް"
އެހެން ބުނެ ސަލާމްކުރަން އަތްދިއްކޮށްލިއެވެ. އަހަރެންވެސް އެއަތުގައި ހިފާ ސަލާމްކޮށްލީމެވެ. އެއަށްފަހު އޭނަ ފަރި ހިނގުމެއްގައި ކެފޭއިން ނިކުންނަން ހިގައިގަތެވެ. އަހަރެން ކުރިމަތިން މަޑު ހިނގުމެއްގައިދާ ރިޝްމީ އަށް ފުރަތަމަ ފަހަރަށް ބަލާލީމެވެ. ބުޅި އިސްތަށިގަނޑެކެވެ. ނިއުޅާލާފާ ހުރުމުން ބްރައުން ކުލައިގެ ޝޭޑަކުން އިސްތަށިގަނޑު ހައިލައިޓްކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. އުނަގަނޑާ ހަމައަށް ނުފޯރާ ޓޮޕުން ދޮން ހަށިގަނޑުގެ ބައެއް ފެންނަމުން ދިޔައިރު، ފޫކޮޅަށް ބާރު މިނީ ސްކާޓުން ބަލާކޮންމެ މީހަކަށް ދައުވަތުދޭ ކަހަލައެވެ. އަރައިގެން ހުރި ފައިވާނުގެ ތޫނު ކަށިން ކެފޭގެ ވެލިތަށް މުގުރަމުން، ހިތްބަލި މީހުންގެ ހިތްތައް ކުދިކުރަމުންދާ އުސޫލުން ދިޔަޔަސް އަހަރެންގެ ހިތާ ހަމައަށް އައުމަކީ ރިޝްމީ ކަހަލަ އަންހެނަކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއަށްވުރެ އަހަރެންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ރިޝްމީގެ ބޭރުފުށުން ފެންނަ އެ ސިފަތަކާ ހާސްބައި ތަފާތެވެ.

ގެއަށް ގޮސް ނިދުމުގެ ކުރިން ލިއުޝާއަށް ގުޅާލީމެވެ. މިއަދުގެ ހުރިހާ ވާހަކައެއް ދެއްކިއިރުވެސް މިރޭ ދިމާވި ރިޝްމީގެ ވާހައެއް ނުދައްކަމެވެ. މަސްލަހަތަށް ބަލާފައެވެ. އެ ވާހަކަ ދައްކައިގެން ލިއުޝާގެ ހިތް، ޝައްކެއްގެ ތެރޭގައި ބަހައްޓަން ބޭނުން ނުވީއެވެ. އެހެން ނޫނަސް އެއީ އެހާ މުހިއްމު ވާހަކައެއްވެސް ނޫނެވެ. އަހަރެންގެ ފަރާތުން އެވަރުގެ ސަމާލުކަމެއް ރިޝްމީއަކަށް ނުލިބޭނެއެވެ. ލިއުޝާ ވަރަށް ޝަކުވާ ކުރިއެވެ. ދިމާނުވާތީއެވެ. އަހަރެން ބުރަކޮށް މަސައްކަތްކުރާތީއެވެ. މާދަން ދިމާވާނެކަމަށް ބުނެފައި ފޯނު ބޭއްވީ ލިއުޝާ ފެނުމުގެ އުފާވެރި އިންތިޒާރެއް ކުރަމުންނެވެ.
(ނުނިމޭ).
Read more »

Saturday, March 3, 2012

"ތިޔަ ހިޔާލުގައި މަގޭ ހިތް - ކުދިކުދިވެގެން ދަނީއޭ.." (6)

- އަބްދުﷲ ޝަފީގް އަލީ -
 
މުޅިން އާ ދުވަހަކަށް ބައްދަލުކުރީ އަހަރެންގެ ހަޔާތަށްވެސް ބޮޑު ބަދަލެއް ގެނުވާފައެވެ. ފާހާނާ ތެރޭގައި ފެނުން ފޯވަމުން، ގައިން ފައިބަމުންދާ ފެންތަކާއެކު ތެމިފޯވެފައިވާ ބެޑްޝީޓް ފައިބުޑުގައި ގުޅައަކަށް އޮތެވެ. ފެނުން ދޮވެ ފިލުވިޔަސް ލިއުޝާގެ އަގުބޮޑު އެ ހަނދާން ހިތުން ފިލުވާނީ ކިހިނެއްހެއްޔެވެ.

އޮފީހަށް ދެވުނުއިރު ވަރަށް ބޮޑަށް ގަޑިޖެހިއްޖެއެވެ. ކިތަންމެ ބަލިވެ އުޅުނަސް ހިނގާބިނގާވެ އުޅެވޭ ނަމަ އަބަދުވެސް އޮފީހަށްދަމެވެ. ކައުންޓަރުގައި ލިއުޝާ އެއްދިމާއަކަށް ގެއްލިފައި އިނެވެ. އަހަރެން ހުރަސްކޮށްލާފަ ދިއުމުން ބަލާވެސްނުލައެވެ. އަހަރެންވެސް އެހާބޮޑު ސަމާލުކަމެއްނުދެމެވެ. މިގުޅުން މިހިސާބަށް ގެންދާކަށް ބޭނުމެއްވެސްނޫނެވެ. ހާއްސަކޮށް އޮފިސްތެރޭގައި މިފަދަ ގުޅުމެއް އުފެދުމަކީ އަހަންނަށް އެހާ ހިތްހަމަޖެހޭ ކަމެއްނޫނެވެ.

މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް ފޯން ރިންގުވާ އަޑު އިވެންފެށިއެވެ. ރިންގުޓޯނުން އެއީ އޮފީސް އެތެރޭގެ ކޯލެއްކަން އެނގުނެވެ. ކަންފަތުގައި ރަނގަޅަށް ފޯނު ނުޖެހެނީސް ލިއުޝާގެ އަޑު އިވުނެވެ. މަޑުމައިތިރި، މިލާމޯޅިވެފައިވާ އަޑަކުންނެވެ.

"
ހާދަ ބަދަލުވެއްޖޭ.....ހާލުވެސް އަހާނުލާނަންތަ،..ގެއަށް ދެވުނީމަ ވީގޮތެއްވެސް ނާހާނަން ދޯ"

"
ނޫން...އަދި އޮފީސް މަސައްކަތް ހަމަޔަކަށް އަޅުވާލާފަ ގުޅާލަންވެގެން މިއުޅެނީ" އަހަރެން ޖަވާބުދިނީމެވެ.

"
ތީ ހަމަ ފިރިހެނުންގެ ވައްތަރު....ބޭނުންވާ ކަންތައްވުމުން ދެން ތި ނިމުނީ...އަޅާނުލާ އަހަންނަށް ހެދުނު މިސްޓޭކެއް" ޖަވާބުދޭން އަނގަހުޅުވާލުމުގެ ކުރިން ފޯނު ބޭއްވިއަޑު އިވުނެވެ.

މުޅި ދުވަސްކަހަލަ ގޮތަކަށް ދިޔައީ ދެމީހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެންނަށް ލިއުޝާގެ ކުރިމައްޗަށް އަރަންނުކެރުނީއެވެ. ހަގީގަތުގައި އަހަންނަށްވެސް މިސްޓޭކެއް ހެދުނީއެވެ. ލޯބީގެ ގުޅުމެއް ފެށުމުގެ ކުރިން ޖަޒުބާތާއި ޖިންސީ އެދުންވެރިކަން ކުރިއަށް ނެރެންވާނެހެއްޔެވެ. އަހަރެންނާ ދޭތެރޭ ދެކޭނީ ހުރިހާ މަލަކުން ފޮނިބޯ މާބުރެއްގެ އުސޫލުންނެވެ. އެ އުސޫލު ހިޔާރުކުރަން ޖެހުނަސް ލިއުޝާ ފަދަ ރަނގަޅުކުއްޖަކަށް، އެ ނިޔަތުގައި ވައިވެސް ނޭޅޭނަމެވެ.

ގެއަށްގޮސް ލިއުޝާއަށް ގުޅީމެވެ. އޭނަ ބޭނުންވީ އަހަރެންނާ ވީހާވެސް އަވަހަށް ބައްދަލުކުރުމަށެވެ. އަހަރެން އަވަސް އަވަހަށް ތައްޔާރުވެލައިގެން އެގޭ ކައިރިއަށް ގޮސް ގުޅީމެވެ. ލިއުޝާ އެދުނީ އެގެއަށް ވަނުމަށެވެ. ވަރަށް ހިތްވަރުކޮށްފައި ވަދެފީމެވެ. ނަސީބަކުން އެހާ ގިނަ ބަޔަކު ނޫޅެއެވެ. ލިއުޝާ ކޮބާތޯ އަހާލުމުން ކޮޓަރިއަކަށް އިޝާރާތްކޮށްލިއެވެ. ދޮރުހުޅުވާފައިވާ އެކޮޓަރި ދޮރުމައްޗަށް އެރުމުން އަހަރެންނަށް އެތެރެއަށް ވަނުމަށް އަތުން އިޝާރަތްކޮށްލިއެވެ. އަހަރެން އިށީނުމުން ކައިރިއަށް އައިސް ބައްދާލިއެވެ. އަދި ގިސްލާ ރޯން ފެށިއެވެ. ވަރަށް މަސައްކަތުން ލިއުޝާ ހަމައަކަށް އަޅުވާފައި ވީ ކީއްތޯ ސުވާލުކުރީމެވެ.

"
ކީއްވެ ތި ރޮނީ...ހަމަޖެހިބަލަ، ހުންވެސް އައިއްސަދޯ ތިހުރީ..." ލިއުޝާގެ ހަށިގަނޑުގެ ހޫނުކަން އިހްސާސްވުމުން ބުނީމެވެ.

"
އަހަރެން ބިރުގަންނަނީ...އަހަންނަށް....... މި ވާގޮތެއް ނޭންގެ.." ވަރަށް މަސައްކަތުން ޖަވާބުދިނެވެ.

ރޮއިރޮއި ރަތްވެފައިވާ ދެލޮލުން އަހަރެންނާ ދިމަ ބަލާލިއެވެ.
"
ޕްލީޒް...ޝާޑު ދެކެ ލޯބިވެވިއްޖެ...އަހަރެންނަށް ދެރަގޮތެއް ނުހަދާތި...." ލިއުޝާގެ އެ ޖުމްލަ ބުނެފައި އަހަރެންގެ ކައިރިން ދުރައް ޖެހިލިއެވެ. އަދި ބާލީހުން މޫނު ފޮރުވިއެވެ.
އަހަރެން ހަމްދަރުދީ ވާން ފެށިއެވެ. ނިކަމެތި، ލޯބިލޯބި އަންހެންކުއްޖެއް އެ ހާލުގައި އޮންނަން ދޫކޮށްލެވޭނެހެއްޔެވެ. އަހަރެން މަޑުމަޑުން ލިއުޝާގެ އަތުގައި ހިފާލީމެވެ. އަދި ދެރަގޮތެއް ނުހަދާނެކަމަށް ވައުދުވީމެވެ. އަބަދުވެސް ކައިރީގައި ހުންނަން ވައުދުވީމެވެ. އެރޭ ވަރަށް ގިނައިރުވަންދެން ވާހަކަދައްކަންތިބީމެވެ.
 އަހަންނަށް ކުރިން ނުވާ އުނދަގޫތަކެއް ވާ ކަމުގެ އިހްސާސްވިއެވެ. އަހަރުމެން ދެމީހުން ރަހުމަތްތެރިކަމުގައި އުޅުނުއިރު ހޭދަކުރި ވަގުތުތައް މާ ބޮޑަށްވެސް ހާއްސަކަމަށް އިހްސާސްވިއެވެ. ފަހަރެއްގައި ސީރިއަސް ގުޅުމަކަށް އަހަރެންގެ ހިތް ތައްޔާރުނުވަނީކަންނޭގެއެވެ.

(ނުނިމޭ).
Read more »